ނިދަން އޮވެ އެންމެ ގިނައިން ވިސްނެނީ ކޮންކަމަކާ ދޭތެރޭ؟
ދުވާލުގެ ބިޒީ ވަގުތުތައް ނިންމާލުމަށްފަހު ނިދަން ދާ ވަގުތަކީ ވަރަށް ތަފާތު ވަގުތެކެވެ. ބައެއް ރޭރޭ އެނދުގައި ބުރަކަށި ޖެހޭއިރަށް ނިދެއެވެ. ނަމަވެސް އަނެއްބައި ރޭރެއަށް ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ނިދެނީ އެތައް އިރަކު ނުނިދި ތެޅޭ ފަހުންނެވެ. އެ ރޭރެއަށް އެކަމަށް ދޭނެ ފަރުވާއެއް ނޭނގެއެވެ. ޝިފާ ލިބޭނެ މަގެއް ވެސް ނުފެނެއެވެ.
ނިދަން އޮންނަ ވަގުތަކީ އެކި ކަންކަމާ ވިސްނޭ ވަގުތު ތަކެކެވެ. ބައެއް ފަހަރަށް ކުޑައިރުގެ ހަނދާންތައް އާވެ އާލާވާއިރު ރަށްފުށުގެ ދިރިއުޅުން ބައެއް ފަހަރަށް ތަސްވީރު ވެގެން ދެއެވެ. އަނެއްބައި ފަހަރަށް ސުކޫލް ދައުރުގެ ހަނދާންތަކާ މެދު ފިކުރު ކުރެވެއެވެ. ދެން އައިސް ދިރިއުޅުމުގައި ދިމާވެފައިވާ ތަފާތު ލޯބީގެ ކަންކަމާ މެދު ވެސް ވިސްނެޔޭ ނުބުނާކަށް ނެތީމެވެ.
ވިސްނެއެވެ. އާއިލާއާ ދޭތެރޭ ވެސް ވިސްނެއެވެ. އޭގެ އަނެއް ދުވަހަށް ކުރަން ހުންނަ ކަންތައްތަކާ މެދު ވެސް ވިސްނެއެވެ. އަދި އެކަންކަމަށް ވިސްނާ ބޯ ހާސް ވެސް ވެއެވެ. ކުރަން ހުންނަ ކަންކަން އިސްތައްޓަށް ވުރެ ގިނަ ވީމާ ވެސް ވާނީ އެހެންނެވެ.
ބައެއް ފަހަރަށް ނިދަން އޮންނައިރު ކުރެވޭ އުއްމީދުތަކާ މެދު ވެސް ވިސްނެއެވެ. އެ އުއްމީދުތައް ހާސިލުވުމުން ވާނެ ގޮތް ވިސްނާލުމުން އެކަން ސިފަ ވެސް ވެއެވެ. އެ އުފާވެރި ފިކުރުތަކުގައި އޮއްވާ ވެސް ނިދެނީ މަދު ރެޔަކު ނޫނެވެ.
ނިދަން ދާ ވަގުތުގައި ވިސްނުމަކީ އަހަންނަށް އެކަނި ވާކަމެއް ނޫންކަން ޔަގީނެވެ. އެއީ ވަރަށް ގިނަ ބަޔަކަށް ވާ ކަމެކެެވެ. އެހެންކަމުން ސުވާލެއް ކޮށްލާނަމެވެ. ސުރުހީގައި ވެސް އޮތް ސުވާލެވެ. ނިދަން އޮވެ އެންމެ ގިނައިން ވިސްނެނީ ކޮންކަމަކާ ދޭތެރޭ ހެއްޔެވެ؟