ބޮލީވުޑް

އެމެރިކާގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ޖާންވީ ދަބަސް ޕެކް ކޮށްގެން އައީ ރާއްޖެއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، ރާއްޖެ ވެފައި ވަނީ ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ޗުއްޓީ ހޭދަ ކުރަން އަންނަ މަންޒިލަކަށެވެ. އޭގެ ތެރެއިން ބައެއް ތަރިން ރާއްޖެ އައުމަށްފަހު، ވަރަށް ގިނަ ދުވަސް ވާންދެން ރާއްޖޭގައި މަޑުކުރެއެވެ. އަދި ބައެއް ތަރިން މަހަކު ތިން ފަހަރު ވެސް އައިސްފައި އެބަހުއްޓެވެ.

ދާދި ފަހުން ރާއްޖެއައި ތަރިންގެ ތެރޭގައި، ހީނާ ޚާން، އާމްނާ ޝަރީފް، ޓައިގާ ޝްރޮފް، ދިޝާ ޕަޓާނީ، ޝިލްޕާ ޝެޓީ ކުންދްރާ، މާދުރީ ދިކްސިޓް ނޭނޭ، ކިއާރާ އަދްވާނީ، ސިދާތު މަލޯތުރާ، އާލިއާ ބަޓް، އަދި ޝްރައްދާ ކަޕޫރް ވެސް ހިމެނެއެވެ.

މި އެންމެންނަށް ފަހު، ބޮލީވުޑްގައި މިހާރު އަރަމުން އަންނަ މަޝްހޫރު ތަރި ޖާންވީ ކަޕޫރު ވެސް ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، އެމެރިކާގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އޭނާ އެނބުރި އިންޑިއާއަށް ދިޔައީ އިއްޔެ ނޫން ކުރީ ދުވަހުއެވެ. އަދި އިއްޔެ ހެނދުނު ހެނދުނާ ޖާންވީ އެހެން ތަނަކަށް ފުރަނިކޮށް އެއާޕޯޓުން ވަނީ ފެނިފައި ވާއިރު އޭނާ ފުރަނީ ކޮން ތަނަކަށް ކަމެއް އޭރު ނޭނގޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް އިންސްޓަގްރާމްގައި ޖާންވީ ފޮޓޯ ހިއްސާ ކުރުމުން، އޭނާ ވެސް ރާއްޖޭގެ ރީތިކަން ބަލައިލަން އައިސް އުޅޭކަން ވަނީ ހާމަވެފައެވެ. އިރުއޮއްސޭ މަންޒަރު ބަލަން ހުރެ ނަގައިފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން ޖާންވީ ބުނީ، ރާއްޖެއަށް ޒިޔާރަތްކުރި މީހުންގެ ލިސްޓުގައި އޭނާ ވެސް އެންމެ ފަހުން ހިމެނިއްޖެ ކަމަށާއި، ގިނަ ތަރިން ރާއްޖެއަށް އަންނަނީ ކީއްވެކަން އޭނާއަށް ވެސް މިހާރު އިހުސާސްވާން ފަށައިފި ކަމަށެވެ.

ޖާންވީ އަކީ ކުރީގެ މަޝްހޫރު ފިލްމީތަރި ޝްރީ ދޭވީ އާއި ފިލްމް ޕްރޮޑިއުސަރ ބޯނީ ކަޕޫރްގެ ދޮށީ ދަރިއެވެ. ޝްރީދޭވީ މަރުވީ ޖާންވީގެ އެންމެ ފުރަތަމަ ފިލްމު ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ޖާންވީ އެންމެ ފަހުން ކުޅެފައި ވަނީ ހޮރޯ ކޮމެޑީ ފިލްމު "ރޫހީ" އެވެ. އޭނާގެ ރީތި ހަށިގަނޑާއި، ހުނަރުވެރި އެކްޓިންގެ އިތުރުން މޮޅު ނެށުމަށް ވެސް ގިނަ ބަޔަކު ހޫނު ތަރުހީބެއް ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!