ހިޔާ އެޗް-10 ކެޓަގަރީ މީހުންގެ ފްލެޓް ނަންބަރު ކަނޑައަޅައިފި

ހިޔާ މަޝްރޫޢުގެ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ އެޗް-10ގައި ހިމެނޭ މީހުންނަށް ލިބުނު ފްލެޓް ނަންބަރުތައް ކަނޑައަޅައިފިއެވެ.
މި ކަމަށްޓަކައި ބޭއްވި ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައި ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ފުރަތަމަ ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ އެޗް-10ކެޓަގަރީ (ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީ)އެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ ސީއޯއޯ ޝާތިރު އަބްދުއްރަޙުމާން ވިދާޅުވީ، ހަމަހަމަކަމާ ދެފުށް ފެންނަ ގޮތަށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ގުރުއަތު ކަރުދާސްކޮޅު ނަގައިފައި ވަނީ ސްކޫލް ދަރިވަރުން ކަމަށެވެ.
އަދި ގުރުއަތު ނެގުން ކުރިއަށް ގެންދިޔައީ ލިބޭ ފްލެޓްގެ މަޢުލޫމާތު ވީހައި ވެސް ފަސޭހައިން އެ ފަރާތްތަކަށް ސާފުވާނެ ގޮތަށް ކަމަށާއި ނަންބަރާއި، ފްލެޓް ހުރި އިމާރާތާއި ސަރަޙައްދު ގްރެފިކްސްއިން ދައްކާފައިވާ ކަމަށް ޝާތިރު ވިދަޅުވިއެވެ.
"ލިސްޓުގައި ހިމެނޭ 188ފަރާތުގެ ގުރުއަތު މި ކުރިއަށް ގެންދިޔައީ. ގުރުއަތު ކަރުދާސްކޮޅުގައި ހިމެނޭނެ ޓަވަރު ނަންބަރާ ފްލޯ ނަންބަރު އަދި އެޕަރޓްމަންޓް ނަންބަރު." ޝާތިރު ވިދާޅުވިއެވެ.
ގުރުއަތު ނެގުމާއެކު އެމީހަކަށް، މި މަޢުލޫމާތުތައް ހިމެނޭ އެސްއެމްއެސްއެއް ލިބޭނެ ކަމަށާއި އެސްއެމްއެސްގައިވާ ލިންކުގައި އިތުރު މަޢުލޫމާތުތައް ހިމެނޭނެ ކަމަށް ވެސް ޝާތިރު ވިދާޅުވިއެވެ.