ވާހަކަ

ކުރު ވާހަކަ: ބޭނުން ވަނީ ޔާރާ......

ދެން އެމްވީ ، ދެން އޮންލައިން

މީކާއިލް: އައްސަލާމްއަލައިކުމް،......

Ads by MWSC

މިގަޑީގައި އަނެއްކާ ކާކުބާ މި ގެއަށް އަންނާނީ؟ މިޒްނާގެ ހިތަށް އެރިއެވެ. އެ ވަގުތަކީ ގޭގައި އެއްވެސް މީހަކު އުޅޭ ވަގުތެއް ނޫންކަމުން މިޒްނާ އަވަސް އަވަހަށް ވަލައިކުމް ސަލާމް ބުނަމުން ބޭރަށް ނިކުތެވެ. އަހަނ....މީކާއިލް ދޯ! މި ގަޑީގައި ދޮންބެ ގެއަކު ނޫޅޭ! ދޮންބެ ބޭރަށް ދިޔައީ. މީކާއިލްއަށް ޖަވާބު ދިނުމަށް ފަހު މިޒްނާ ކުރަން ހުރި މަސައްކަތް ކުރުމަށް ބަދިގެއަށް ދިޔައެވެ.

މިޒްނާއަކީ މަންމަ އާއި ބައްޕަގެ ހަގުދަރިފުޅެވެ. ޒިންމާދާރު، މަންމަގެ ބަސްއަހާ ކުއްޖެކެވެ. މިޒްނާގެ އިތުރުން ދެން ހުންނަނީ މިޒްނާގެ ދޮންބެ މާޒިންއެވެ. މާޒިންއަކީ ވެސް ކިޔަވައިގެން ހުރި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ހަރުދަނާ ޒުވާނެކެވެ. މިޒްނާގެ ވެސް މަދަރުސީ ހަޔާތް ނިމި މިހާރު ތައްޔާރު ވަނީ މަތީ ތައުލީމް ޙާސިލްކުރުމަށް މާލެ ދާށެވެ. މިޒްނާގެ އުއްމީދަކީ އަމިއްލައަށް ވަޒީފާއެއް އަދާ ކޮށްގެން މައިންބަފައިންނަށް ހަރަދު ކުރެވޭނެ ފަދަ ހަރުދަނާ މީހަކަށް ވުމެވެ.

މިޒްނާ މާލެ ބަދަލުވެ ކިޔެވުމައިގެން ކުރިއަށް ދިޔައެވެ. ކޮލެޖަށް ދިޔުމަށް ޓަކައި ނިކުތް ވަގުތު ފޯނު ރިންގުވިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. މިޒްނާ ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. ވީމާ ފޯނު ސައިލެންޓަށް ލުމަށްފަހު ކޮލެޖަށް ވަނެވެ. ކޮލެޖުން ނިމި ގެއަށް ދިއުމަށް ނިކުތް ވަގުތު ފަހަތުން ކުއްޖަކު ގޮވާލުމުން ފަހަތް ބަލާލިއެވެ. ގޮވާލީ ކުލާހުގައި އުޅޭ ކުއްޖެއް ކަމުން މިޒްނާ މަޑު ކޮށްލުމަށް ފަހު ގޮވީ ކޮންކަމަކުތޯ އަހާލިއެވެ.

މިހާދު:އަޅުގަނޑަށް ކިޔަނީ މިހާދު

އަޅުގަނޑަށް އިނގޭ މިހާދުކަން ކިޔަނީ.. މިޒްނާ ބުންޏެވެ.

އެ ދުވަހަށް ފަހު ދެމީހުންގެ ރަހުމަތްތެރިކަން ބަދަހިވަމުން ދިޔައެވެ. މިހާދުގެ ހިތުގައި މިޒްނާއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަމެއް މިޒްނާއަކަށް އެނގިފައެއް ނެތެވެ. އަދި މިކަން މިޒްނާއަށް އަންގާކަން އަދި މިހާދު ބޭނުމެއް ނޫނެވެ. އަދި މިޒްނާ އާއި މިހާދު އެއްކޮށް ކިޔެވުމުގެ ކަންކަމުގައި ދެމީހުން ދިމާވެ ބޭރަށް ގޮސް ހަދައެވެ.
މިޒްނާ ކޮލެޖު ނިންމާފައި ގެއަށް ވަދެ ފެންވަރާލުމަށް ފަހު ފޯނާއި ކުޅެމުން އެނދުގައި އޮށޯތެވެ. އެވަގުތު ނުދަންނަ ނަންބަރަކުން ގުޅިއެވެ. މިޒްނާ ހަނދާނަށް އައީ ކުރިން ދުވަހަކު ވެސް ނުދަންނަ ނަންބަރަކުން ގުޅި ހަނދާނެވެ.

މިޒްނާ: ހަލޯ ކާކު ހޯދަނީ؟

މިހާދު: އަޅެ ގެސް ކޮށްބަލަ؟

މިޒްނާ: ޔަގީން ނުވާ ހާލު މިހާދުތޯ އަހާލިއެވެ.

މިހާދު: ލައްބަ! ކީއްކުރަނީ!

މިޒްނާ: މަންމަ އެބަގުޅާ... ފަހުން ގުޅާލާނަން އިނގޭ

މަންމަ:ދަރިފުޅާ މިޒްނާ މަންމަ ހާދަ ވަރަކަށް ގުޅައިފީމޭ ، އަނެއްކާ ކޮންކުއްޖަކަށް ގުޅައިގެން އުޅޭ ދުވަހެއް؟

މިޒްނާ: އެއީ ކުލާސް ކުއްޖެއް ފިލާވަޅެއް އޮޅުންފިލުވާލަން ވެގެން! މަންމަ ކިހިނެއްތަ؟ ބައްޕައާ ދޮންބެ ކޮބާ؟

މަންމަ: އެންމެން ވެސް ރަނގަޅު؟ ދަރިފުޅު ރަނގަޅުތަ؟ މަންމަ ވާހަކައެއް ބުނަންވެގެން މިގުޅާލީ. ދޮންބެ އެބަ ވިސްނާ މިޗުއްޓީގައި ކައިވެނިކުރަން. ދަރިފުޅަށް ދޮންބެގެ ކައިވެންޏަށް ރަށަށް އާދެވޭނެތަ؟

މިޒްނާ:މަންމާ ހަމަ ހުވާތަ؟ އެކަމަކު ދޮންބެ ގުޅާފައި އިންވައިޓް ކުރީމާ އަޅުގަނޑު ދާނީ. ދޮންބެ ކަމަކު ދޮންބެ ދޯ ގުޅަން ޖެހޭނީ. ކޮބާތަ ދޮންބެ.

މަންމަ: ދަރިފުޅާ ދޮންބެ ބުނިއްޔޭ މި ވާހަކަ ދަރިފުޅު ގާތު ބުނެދޭށޭ. ދޮންބެ ގެއަށް އައީމަ މަންމަ ބުނާނަށް ދަރިފުޅަށް ގުޅާލާށޭ އިނގޭ. ރަނގަޅަށް ކިޔަވާތީ. ދެން މަންމަ މިގަޑީގައި ފޯނު ބޭއްވީ އިނގޭ.

މިޒްނާ ވެސް ކޮލެޖުގެ ޓެސްޓު ދުވަސްކޮޅު ވީމާ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރުމަށް އަޒުމު ކަނޑައެޅިއެވެ. މިޒްނާގެ ހުވަފެން ހަގީގަތަކަށް ވާނީ ކޯހުން ރަގަޅު ނަތީޖާއެއް ލިބިގެންކަން މިޒްނާ އަބަދުވެސް ހަނދާނުގައި ބަހައްޓައެވެ. ނަމަވެސް ކިޔެވުމެކޭ އެއްގޮތަށް މިހާދަށް ވެސް ވަގުތު ދެވޭލެއް ގިނަވާން ފަށައިފިއެވެ. ކޯހުގެ ކަންކަމުގައި އަދި ފޫހިފިލުވާލައި ބޯހަމަޖައްސާލަން ވާހަކަ ދައްކާލުމަށް ވެސް މިހާދަށް ގުޅުމަކީ މިޒްނާގެ އާދައެކެވެ. މިހާދުގެ ހާލަކީ ވެސް ހަމަމިއެވެ. ފުރަތަމަ ޓާރމްގެ ޓެސްޓު ނަގައި ނިމުމުން މިޒްނާ ބޭނުންވީ ދޮންބެގެ ކައިވެންޏަށް ރަށަށް ދާށެވެ. ޓެސްޓު ނިމި ޖެހިގެން އައި ދުވަހު މިޒްނާ ރަށަށް ދިއުމަށް ފުރައިފިއެވެ.

މިޒްނާ ބަލާ މަންމަ ބައްޕަ އަދި ދޮންބެ ވެސް ބަނދަރަށް ގޮސް ތިއްބެވެ. މިޒްނާ އެހާ ދުވަސްކޮށްލާފައި ފެނުމުން މަންމަ ހުރީ ވަރަށް އުފަލުންނެވެ. މިޒްނާ ވެސް ހުރީ ހަމަ އެހާމެ ހިތްހަމަ ޖެހިފައެވެ.
ހުކުރު ދުވަސްކަމުން މިޒްނާ ސައި ބޮއެގެން ނިކުތީ މަގުމަތީގައި ހުރި ޖޯލިފައްޗަށް ފިނިކޮށްލުމަށެވެ. ޖޯލިފަތީގައި އިރުކޮޅަކު އިނދެލުމަށް ފަހު ގެއަށް ވަންނަން ތެދުވި ވަގުތު މިޒްނާއަށް ގޮވާލި އަޑު އިވުނެވެ.

މީކާއިލް: މިޒްނާ ދޮންބެ ކޮބާ؟

ފަހަތް ބަލާލީ ވަގުތު މިޒްނާއަށް ފެނުނީ މީކާއިލް ، ދޮންބެ ހޯދުމަށް ގެއާ ދިމާލަށް އަންނަނިކޮށެވެ.

މިޒްނާ: ދޮންބެ އެބައުޅޭ އެތެރޭގައި ވަދޭ...

މީކާއިލް: މިޒްނާ ކޮންއިރަކު ރަށަށް އައީ ؟ ކޯސް ނިމިގެންތަ ތިއައީ؟ދެން ނުދަނީތަ މާލެއަށް؟ މީކާއިލް މިޒްނާ އެއްކޮށް ގެއަށް ވަންނަމުން އެއްފަހަރާ ހުރިހާ ސުވާލެއް ކުރިއެވެ.

މިޒްނާ: ނޫން އަދި ކޯސް ނުނިމޭ ދޮންބެ ވެޑިން ނިމުނީ ދެން މާލެއަށް ދާނީ....

ދޮންބެގެ ވެޑިން ޕާޓީ ތެރެއިން މީކާއިލް މިޒްނާ ގާތު ވާހަކައެއް ދެއްކުމަށް ބޭނުންވާ ވާހަކަ ބުންޏެވެ. އަދި ވަގުތު ވުމުން ގުޅާލުމަށް ބުނެ މީކާއިލްގެ ނަންބަރު ލިޔެފައިވާ ގަނޑުކޮޅެއް މިޒްނާގެ އަތަށް ދިނުމަށް ފަހު މީކާއިލް ދިޔައެވެ. މިޒްނާ ފަހުން ގުޅާނެކަމަށް ބުނެ މިޒްނާ ދޮންބެމެން އެއްކޮށް ފޮޓޯ ނެގުމުގައި އަވަދިވެތި އުޅުނެވެ.

ވަރުބަލިވެފައި ހުރުމުން މިޒްނާ ބޭނުންވީ ފެންވަރައިގެން ނިދާލާށެވެ. މާދަމާ ހެނދުނު ގުޅާނީއޭ ހިތަށް އަރާފައި މިޒްނާ ނިދަން އޮށޯއޮތެވެ. މިޒްނާ ހެނދުނު ތެދުވެ މަންމަ އާއެކު ސައިގެ ކަންތައް ނިންމާލުމަށް ފަހު ފިނިކޮށްލުމަށްޓަކައި މަގުމައްޗަށް ނިކުތެވެ. އެވަގުތު މީކާއިލް، ގެއާ ދިމާލަށް އަންނާތީ ފެނުނެވެ. މިޒްނާ އެ ވަގުތު ހަނދާންވީ މީކާއިލް މިޒްނާ ގާތު ގުޅުމަށް ބުނި ވާހަކައެވެ. މީކާއިލް މިޒްނާއާ އަރާހަމަވަމުން އަދި ވެސް ވަގުތެއް ނުވަނީތޯ އަހާލިއެވެ. މިޒްނާ ލަދުން ހުރެ ހަނދާން ނެތުނީ ކަމަށާއި އަދި މިރޭ ގުޅާނޭ ކަމުގައި ބުންޏެވެ.

މީކާއިލް: ރަގަޅީ މިރޭ މީޓް ވިއްޔާ؟ ކެރޭނެތަ؟

މިޒްނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

މީކާއިލް: މިރޭ 20:30އަށް ސޯލްޓް ރެސްޓޮރެންޓުގައި އިންތިޒާރުގައި ހުންނާނަން.
މިހެން ބުނުމަށް ފަހު މީކާއިލް ހިނގައިގަތެވެ.

ގޭތެރޭގެ މަސައްކަތް ނިންމާލުމަށް ފަހު ނަމާދު ކޮށްލައިގެން މިޒްނާ ތައްޔާރުވީ މީކާއިލްއަށް ބައްދަލު ކުރުމަށް ދާށެވެ. މިޒްނާ ރެސްޓޯރެންޓަށް ދިޔައިރު މީކާއިލް ހުރީ މިޒްނާގެ އިންތިޒާރުގައެވެ. މިޒްނާ ފެނުމުން އިށީންނުމަށް ދައުވަތު ދިނެވެ. މިޒްނާ ހަމަޖެހިލުމަށް ފަހު ،  ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްތޯ އެހިއެވެ.

މީކާއިލް: މިޒްނާ އަދިވެސް މީހަކާ އިންނާކަށް ނުވިސްނަންތަ؟

މިޒްނާ: ތިކަހަލަ ކަމެއް ކުރާކަށް އަދި ނުވިސްނަން.

މީކާއިލް: އަސްލު މިވާހަކަ ދައްކަން ބޭނުން ވަނީ މިޒްނާ ކިޔަވައި ނިމިގެން ރަށަށް ބަދަލުވީމަ، އެކަމަކު ފަހުން ބުނަން މަޑުކުރީމާ މިޒްނާ ނުލިބިދާނެތީ އަސްލު ބޭނުންވީ މިޒްނާއާ ދިމާވީމަ ބުނަން. މިޒްނާ މާލެ ދިޔަފަހުން ވެސް މި ވާހަކަ ބުނަން ގުޅިން އެކަމަކު މިޒްނާ ފޯނު ނުނެގުމުން ނުބުނެވުނީ.

"ކާކު ބުނީ އަޅުގަނޑު ކިޔަވައި ނިމިގެން ރަށަށް ބަދަލުވާ ވާހަކަ؟" މިޒްނާ ހައިރާންވެ އިނދެ އަހާލިއެވެ.

"މިޒްނާ ފެނުން ފުރަތަމަ ދުވަހުން ފެށިގެން ވެސް މިޒްނާ އުޅޭ ނޫޅޭގޮތް ހޯދައި ބަލަން، މިބުނީ މިޒްނާ ވަރަށް ރަނގަޅަށް ދަންނަން، މިޒްނާއާ ގުޅެން ވަރަށް ބޭނުން، އުއްމީދުކުރަން މިޒްނާ ވިސްނާފައި ރަނގަޅު ޖަވާބެއް ދޭނެކަމަށް އަދި މިޒްނާގެ ޖަވާބަކަށް އިންތިޒާރު ކުރާނަން" މީކާއިލް ބޭނުންވާގޮތް ހާމަކުރިއެވެ.

"އަޅުގަނޑު ތިކަމާ ވިސްނަށް ބޭނުން!" އެހެން ބުނުމަށް ފަހު މިޒްނާ މީކާއިލްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނިކުމެގެން ދިޔައެވެ.

މިރޭ މީކާއިލް ދެއްކި ވާހަކައާ ދޭތެރޭ މިޒްނާ ނިދަން އޮވެ ވަރަށް ވިސްނިއެވެ. މީކާއިލްއަކީ އަހްލާޤް ރަނގަޅު އަދި މީހުންނަށް އިހްތިރާމް ކުރަން ދަންނަ ކުއްޖެކެވެ. މީކާއިލް ކިބައިގައި ވެސް ހިތްހަމަޖެހޭ ބައިވަރު ސިފަތައް ހުރި ނަމަވެސް ލޯބި ނުވަންޏާ އެއްކޮށް އުޅުމަކީ އުނދަގޫ ކަމެކޭ މިޒްނާގެ ހިތަށް އެރިއެވެ.

އެވަގުތު މިޒްނާގެ ފޯނަށް މިހާދު ގުޅިއެވެ. މިޒްނާ އަވަސް އަވަހަށް ފޯނު ނަގައި ހަލޯއޭ ބުންޏެވެ.
މިހާދު: އަހަރެން މަތިން ހަނދާންވެސް ނެތުނީ ދޯ ރަށަށް ދިޔައިމަ؟ ބިޓު ސޮރު ކައިރިއަށް ދިޔައިމަ ދެން ހަނދާންވެސް ނުހުންނާނެތާދޯ؟

މިޒްނާ: ނޫން ތިކަހަލަ ކަމެއް ނެތް؟ މިހާދު ވެސް ހަބަރެއް ނުވާތީ ގުޅަން ނުކެރިފަ މިހުރީ؟ ފިލާވަޅުގެ ކަމަކު ވެސް ގުޅާކަށް ނުކެރޭނެ ދޯ؟

މިހާދު : ދެން އޯކޭ އޭ؟ ހާލު ބަލާލަން ވެސް ރަނގަޅުދޯ ގުޅާލަން؟ މިޒްނާގެ ހާލު ރަނގަޅުތަ؟ ކޮންއިރަކު މާލެ އަންނަނީ ދެން؟

މިޒްނާ: މާލެ ދާނަން ދެދުވަސް ފަހުން. ކުރަންއައި ކަންތައްވެސް ނިމިއްޖެ، ފަހުން ގުޅާނަން އިނގޭ. ނިދާލަން ވެގެން މިއުޅެނީ! ގުޑް ނައިޓް.

މިޒްނާ ފޯނު ބޭއްވުމަށްފަހު ނިދަން އޮށޯތެވެ.

ހެނދުނު ސައިގެ ކަންތައް ނިންމާލުމަށްފަހު މާލެ ގެންދަން ބޭނުންވާ ތަކެތި ހަމަކުރުމަށް މަންމައާއެކު މިޒްނާ ބޭރަށް ނިކުތެވެ. ބޭނުންވާ ތަކެތި ހަމަކުރުމަށް ފަހު ދެންއޮތީ އެއްޗެހިތައް ޕެކްކުރުމެވެ. ފުރުން ހަމަޖެހިފައި އޮތީ މާދަމާއެވެ.

މިޒްނާ މާލެ އާދެވުމުން ފުރަތަމަ ވެސް ބޭނުންވީ މިހާދުއަށް ގުޅާފަ ބުނާށެވެ. މިހާދުއަށް ގުޅުމަށް ފަހު މިޒްނާ މާލޭގައި ހުރި ވާހަކަ ބުންޏެވެ.

މިހާދު: ވަރަށް ދުވަސް ވެއްޖެ ދޯ ދިމާނުވާތާ ހިނގާ މިރޭ ޑިނާއަކަށް ދާން؟ 8:30ގައި ދާނަން ބަލާ! ރެޑީވެގެން ހުންނާތި!

މިޒްނާ؛ އެންމެ ރަނގަޅު.

ދެމީހުން އެއްކޮށް ކައިގެން ގެއަށް އައި މަގުމަތީގައި މިހާދު ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން ކަމަށްބުނެ މިޒްނާމެންގެ ދޮރުމަތީގައި މަޑުކުރިއެވެ.

މިހާދު : އަހަރެން ބޭނުން މިޒްނާއާ ގުޅެން..... މިޒްނާ ކީކޭ ބުނަނީ؟

މިޒްނާ: ހުވާތަ؟ ލަދުންހުރެ ބޮލުގެ އިޝާރާތުން އާނއެކޭ ބުންޏެވެ.

މިހާދު: މިރޭ ވަރަށް އުފާ ވެއްޖެ. މިޒްނާ އުފާވެފަހުރީމާ އަދި ވަރަށް އުފާވެއްޖެ! އައި.ލަވް.ޔު.

........

މިޒްނާ ވެސް އުފާވެފައިހުރެ ގެއަށް ވަދެ ނިދަން އޮށޯތެވެ. މާދަމާއަކީ ކޮލެޖު ފެށޭ ދުވަސް ކަމުން ފަތިހާ ހޭލަން ވެސް ޖެހޭނެތީއެވެ.

ކުރިއެކޭވެސް އެއްގޮތަށް ކިޔެވުން ފެށި މިޒްނާ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރަން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް މިހާދުގެ އެހީތެރިކަން ލިބި މިޒްނާއަށް ކިޔެވުމުގެ ކަންތައްތަކުގައި މިހާދު އެހީތެރިވެދެއެވެ. މިހާދުއަކީ މިޒްނާ ބޭނުންވި ފަދަ ބައިވެރިއެކެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެ ކޮލެޖުގެ ކިޔެވުން ނިމި މިޒްނާ ބޭނުންވި ނަތީޖާ ލިބުނެވެ. އަދި މިޒްނާއަށް ރަގަޅު ވަޒީފާއެއް ވެސް ލިބުނެވެ. މިޒްނާގެ ހުވަފެން ހަގީގަތަކަށް ވީއެވެ. މިހާދު އަދި މިޒްނާ ވެސް ބޭނުން ވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. އެކަމު އަދި ކައިވެނި ކުރާނެ ތަނަވަސްކަން ނެތުމުން، މިޒްނާ އަދި މިހާދު ވެސް ބޭނުންވީ ހަމަޖެހިލައިގެން ކައިވެނި ކުރަން މަޑުކުރާށެވެ.

"ކައިވެނީގެ ވާހަކަ މަންމަ ގާތު ބުނާނީ ވެސް ރެޑީވެލައިގެން ދޯ!" މިޒްނާ ބުންޏެވެ.

މީކާއިލް: މިޒްނާ ބޭނުންގޮތެއް ހަމަ....

މިޒްނާ އޮފީސް ނިމިގެން ބަލާ އައުމަށް މިހާދުއަށް ގުޅިއެވެ. މިހާދު ކުޑައިރުކޮޅަކުން މިދަނީ ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ.

އެހެން ދުވަސްތަކާ ހިލާފަށް މިހާދު މިއަދު ތަފާތުކަން މިޒްނާއަށް ފާހަގަ ކުރެވުނެވެ.

މިޒްނާ: މިހާދު ބަލީތަ!

މިހާދު: ނޫން!

އެހެން ނަމަވެސް މިހާދުގެ ހާލު ރަނގަޅުނޫންކަން މިޒްނާއަށް ގަބޫލު ކުރެވުނެވެ. މިޒްނާ ބޭނުންވީ ވާހަކަ ދައްކައިގެން މިހާދުއަށް ވީގޮތް އޮޅުންފިލުވާށެވެ.

މިޒްނާ: ހިނގާ ކާންދާން ވަރަށް ބަނޑުހައި

މިހާދު: މިގަޑިއަކު ނޫން ދޯ.

މިޒްނާ ދެކޮޅު ހެދުމުން މިހާދުއަށް ޖެހުނީ އެންމެ ފަހުން ކާންދާށެވެ.

މިހާދުގެ ދުލުން ވީގޮތް ކިޔައި ނުދޭހައި ހިނދަކު ގެއަށް ނުދާން މިޒްނާ ނިންމިއެވެ. އަދި މިހާދުއަށް މަޖުބޫރުވީ ވީގޮތް މިޒްނާއަށް ކިޔައިދޭށެވެ.

މިޒްނާއަށް އޮޅުވާލާކަށް ބޭނުމެއްނޫން. އެކަމު އިނގޭ މިވާހަކަ ކިޔައިދޭ ނިމުމުން މިޒްނާ އަހަރެންދެކެ ފޫހިވާނެކަން ވެސް. އެކަމު އަހަރެން މިޒްނާދެކެ ލޯބިވާތީ މިވާހަކަ ކިޔައިދޭން ބޭނުން.

މާހިދު: މިޒްނާ! އަހަރެންނަކީ މިޒްނާ ހީކުރާހާ ރަނގަޅު މީހެއް ނޫން. އަހަންނަކީ ޑުރަގު ބޭނުން ކުރާ މީހެއް.
މިޒްނާއަށް ބޭއިޚްތިޔާރުގައި އިންތަނުން ތެދުވެވުނެވެ. އަދި ގެއަށްދާން ބޭނުން ކަމުގައި ބުންޏެވެ.
މިޒްނާ ގެއަށް ދިޔުމަށް ފަހު މިހާދުއަށް މެސެޖަކުން މިގުޅުން ކުރިއަށް ގެންދަން ބޭނުން ނުވާކަން އަދި ނުގުޅުމަށް އެދުނެވެ. މިޒްނާ ކިތަންމެ ލޯބިވިޔަސް ގޯސް މީހަކާ އެކު ދިރިއުޅުމެއް ފަށާކަށް ބޭނުމެއް ނޫނެވެ.. މިހާދު ގުޅުމުން ވެސް މިޒްނާ ފޯނަކަށް ޖަވާބެއް ނުދެއެވެ. މިޒްނާ ކިތަންމެ ހިތްވަރު ކުރިޔަސް މިޒްނާގެ ކެތްތެރިކަން ކޮޅުން ލާފާނެތީ މިޒްނާ ބިރުގަތެވެ. މިޒްނާ ބޭނުންވީ އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. އެހެންކަމުން ދޮންބެ ދައްތައަށް ގުޅިއެވެ.

މިޒްނާ : ދޮންބެ ދައްތަ؟ ވަރަށް ބޮޑު ކަމަކު މިގުޅީ ހެލްޕެއް ބޭނުންވެގެން!.... މިޒްނާއަށް ރޮވުނެވެ.

ދޮންބެ ދައްތަ: ކިހިނެއްވީ މިޒްނާ! ކިޔައިދީބަލަ......

މިޒްނާއާއި މިހާދު އާ ދެމެދު ކަންތައްވީ ގޮތުގެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
ދޮންބެ ދައްތަ: މިޒްނާ ދެރަވާނެ ވަރު ދައްތައަށް އިނގޭ. މިޒްނާ ތިކޮޅުގައި ހުރެގެން މިހާދު މަތިން ހަނދާން ނައްތާނުލެވޭނެ. ދައްތަ ގާތު ދޮންބެ ބުނި މީކާއިލް މިޒްނާއަށް އިންތިޒާރު ކުރާ ވާހަކަ. މީކާއިލް މިޒްނާއަށް ނުގުޅާތަ!

މިޒްނާ: މީކާއިލް ބުނި. އެކަމަކު އަދި ޖަވާބެއް ނުދެން

ދޮންބެ ދައްތަ: މިޒްނާއަށް އިނގޭނީ ދެން ކަންތައްކުރާނެ ގޮތެއް. މިގަޑީގައި ދެން ފޯނު ބޭއްވީ އިނގޭ

ރަށުން ވަޒީފާ ހަމަޖެހުމުން މިޒްނާ ބޭނުންވީ ރަށަށް ބަދަލުވާށެވެ. މަންމަމެންނަށް ވެސް އެހީތެރިވެވޭނީ ރަށުގައި ހުރެގެން ކަމަށްވާތީއެވެ. އަދި މީކާއިލްއަށް ގުޅާ މިޒްނާ އާނބަސް ބުންޏެވެ.

މީކާއިލް އާއި މިޒްނާ ގުޅުންވީ ދެއާއިލާއިން ވެސް އެދިއެދި އޮތް ކަމަކަށެވެ. މިޒްނާ ދެކެ ލޯބި ވަނީ އަދި މިޒްނާ ބޭނުންވާ ހުރިހާ ސިފައެއްހުރި މީހަކީ މީކައިލް ކަން މިއަދު މިޒްނާ ގަބޫލުކުރެއެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މި ވާހަކަ ލިޔެފައިވަނީ ހިޒުމާއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!