ވާހަކަ

ކުރު ވާހަކަ: ސާރާ

ދެން އެމްވީ ، ދެން އޮންލައިން

ގިސްލަގިސްލާފައި ސާރާއަށް ރޮވެނީއެވެ. ސާރާގެ ދިރިއުޅުން ސާރާ އުންމީދުކުރި ގޮތާ މުޅިން ޚިލާފުވީމައެވެ. އެއީ ﷲ ތައާލާ މިންވަރު ކުރެއްވި ގޮތްކަން ވެސް ގަބޫލު ކުރެވެއެވެ. ނަމަވެސް ހިފެހެއްޓުމެއް ނެތި ސާރާގެ ރީތި ދެލޮލުން ފައިބާ ކަރުނަތަކުން މުޅި ކާއިނާތު ވެސް ސާރާގެ ހިތާމައިގައި ބައިވެރިވާ ކަހަލައެވެ. ރޮމުން ގިސްލެވެމުން މާޒީގެ ތެރެއަށް ސާރާ ގެނބިގެން ދިޔައެވެ.

Ads by STELCO

ސާރާގެ އުމުރުން އެންމެ ނުވަ އަހަރެވެ. ސާރާއަށް ވުރެ އެންމެ އަހަރެއްގެ ތަފާތު ހުރި ދައްތަޔާ ދެމީހުން އުފަލުން ދުވަނީއެވެ.

"ބައްޕަ މާލެއިން ހަދިޔާ ހިފައިގެން އަންނަނީ! ބައްޕަ މާލެއިން ހަދިޔާ ހިފައިގެން އަންނަނީ!" ސާރާއާއި ދައްތަ މުޅި ގޭތެރޭގައި ދުވަމުން ބާރަށް ކިޔަމުން ދިޔައެވެ. އިރުކޮޅަކުން ދެކުދިން މަގުމައްޗަށް ނިކުމެއްޖެއެވެ. ބައްޕާ ބައްޕާ އޭ ކިޔާފަ ބާރަށް ހަޅޭއްލަވަމުންނެވެ. އަލީ ރަޝީދު ވެސް ދެކުދިން ފެނުމުން ކޮނޑުގައި އޮތް ދަބަހާއި އަތުގައި ހިފައިގެން ހުރި ފޮށިތައް ބިންމަތީ ބަހައްޓާފައި ދެކުދިން ގައިގައި ނުހަނު ލޯބިން އޮޅުލައިގެންފިއެވެ. މި މަންޒަރު ބަލަން ހުރި މަންމަ އަމީނާގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ފޫހިކަމެވެ. ސާރާއާއި ދައްތަ މަންމައާ ދިމާލަށް ބަލާލުމަށް ފަހު ސިހިފައި ކަހަލަ ގޮތަކަށް ބައްޕަ ގައިގައި ކުރިއަށްވުރެ ވެސް ބާރަށް އޮޅުލައިގެންފިއެވެ.

އަމީނާއަކީ ވަރަށް ރީތި ދޮން އަންހެނެކެވެ. އަލީ ރަޝީދު އަމީނާ ދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އަލީ ރަޝީދުއަށް އުޅެން ޖެހިފައި ވަނީ ވޭނާއި ހިތްދަތި ކަމުގައެވެ. އަލީ ރަޝީދު އަމީނާއާ ކައިވެނިކުރި އިރު ވެސް އަމީނާއަކީ ޖިންނި މޮޔަވާ މީހެކެވެ. އަލީ ރަޝީދު އަތުގައި ރައްކާ ކޮށްފައި އޭރު ހުރި ހުރިހާ ފައިސާއަކާއި ރަނުގެ ފައުނުތައް ޚަރަދު ކުރީ އަމީނާ އެ ކަމުން ސަލާމަތް ކުރުމަށް ފަންޑިތަ ހެދުމަށެވެ. އަލީ ރަޝީދު ކުރި ހިތްވަރުން އަމީނާ ރަނގަޅު ވިއެވެ. ނަމަވެސް އަމީނާގެ ހުންނަ ރުޅިގަދަކަން ރަނގަޅެއް ނުވިއެވެ. ވަކީން ބޮޑަށް އަލީ ރަޝީދު ދެކެ އަމީނާ ރުޅި އާދެއެވެ. ރުޅި ގަދަވެގެން ގޮސް ސާރާއާއި ދައްތަ ގައިގައި ތަޅާ ހަދައެވެ. އަމީނާއަށް އިތުރު އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ވެސް ލިބުނެވެ. އަލީ ރަޝީދު ރަށުގައި ނުހުންނަ އިރު ،އަމީނާ ރުޅި ގަދަވާ ވަގުތު ތަކުގައި އަމީނާގެ ހޫނު ހަމަލާ ތަކުން ކުދިން ސަލާމަތް ކުރުމަށް ހިސާބުގަނޑު މީހުން އެ ގެއަށް ވަދެ ކުދިން ގެންގޮސް ހަދައެވެ. ކުދިން ގައިގައި ތެޅުމަށް ފަހު އަބަދުވެސް އަމީނާ އެކަމާ ހިތާމަކޮށް ރޮއި ހަދައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޖިންނި މޮޔަ ވުމުގެ ސަބަބުން އަމީނާގެ ސިނކުޑިއަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ފަސްކުދިން ކުދީންގެ މާމައާ ހަވާލު ކުރުމަށް ފަހު އަމީނާ ގޮވައިގެން ބޭސްކުރުމަށް ޓަކައި އިންޑިޔާއަށް ވެސް އަލީ ރަޝީދު ދިޔައެވެ. ނަމަވެސް އަމީނާގެ ރުޅިގަދަވުމަކަށް ބަދަލެއް ނައެވެ.

ސާރާމެން މާމައާ އެކު އުޅޭ ދުވަސްވަރު އުޅެނީ ވަރަށް އުފަލުންނެވެ.ރައްޓެހި ކުދިންނާއެކީ މޫދަށް ގޮސް ކުޅެ ހަދަން ކެރެއެވެ. އެންމެފަހުން އަލީ ރަޝީދު ގަސްތުކުރީ އާއިލާ މާލެއަށް ބަދަލު ކުރުމަށެވެ. މަންމަ ބުނާގޮތަށް އުޅެން އަބަދުވެސް ސާރާ މެންނަށް އަލީ ރަޝީދު ނަސޭހަތް ދެއެވެ. ގްރޭޑު ދިހައެއް ނިމުމުން ސާރާ ވަޒީފާ އަދާ ކުރަމުން ދިޔައީ ސަރުކާރު އޮފީހެއްގައެވެ. ސާރާ އަކީ ވަރަށް ލަދުރަކި ކުއްޖެކެވެ.ފިރިހެން ކުއްޖަކު ގޮވާލިޔަސް ލަދުން މަރުވާވަރު ވެއެވެ. އޭރު ސާރާގެ އުމުރަކީ ނަވާރަ އަހަރެވެ. ސާރާއަށް އަންގައި ވެސް ނުލައި މަންމަ ވަނީ ސާރާއާ ކައިވެނި ކުރަން މީހަކު ހަމަ ޖައްސައިފައެވެ. އަލީ ރަޝީދުއަކަށް ވެސް އަމީނާގެ ނިންމުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. ސާރާއަށް ޖެހުނީ ލޯބިވާ މަންމަ އާއި ބައްޕަ އަދި ކޮއްކޮމެން ދޫކޮށްފައި ފިރިމީހާގެ ގެއަށް ދިރިއުޅުން ބަދަލު ކުރާށެވެ. ރޮމުން ގިސްލަމުން މައިންބަފައިންގެ ބަސް ގަބޫލު ކޮށްގެން ސާރާ ދިޔައީއެވެ.

ފިރިމީހާގެ ފަރާތުންނާއި މައިދައިތަ ފަރާތުން ސާރާއަށް ލިބެމުންދާ އަނިޔާތަކަށް ކެތްކުރަމުން ދިޔައެވެ. ޓީޗަރަކަށް ވުމަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ސާރާގެ ހުވަފެނެކެވެ. އެހެންކަމުން ޓީޗިންގ ކޯސް ހަދަން ސާރާ ބައިވެރިވިއެވެ. ކޯސް ނިމެން އުޅެނިކޮށް ސާރާ ވަރަށް ބޮޑަށް ބަލިވެ ހޮސްޕިޓަލުގައި އެޑުމިޓު ކުރެވުނެވެ. ސާރާއަށް ލިބެމުން ދިޔަ އަނިޔާތައް އާއިލާއަށް އަދި ބައްޕައަށް އެނގުނީ އޭރުއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން އަލީ ރަޝީދު ސާރާ ގެނައީ ގެއަށެވެ. އަދި ސާރާގެ ހުރިހާ އެއްޗެއް ފިރިމީހާގެ ގެއިން ގެނައެވެ. ސާރާއާއި ކައިވެނި ކުރި އިރު ވެސް އޭނަ ދިޔައީ އެހެން އަންހެނަކާ ގުޅުން ބާއްވަމުންނެވެ. ހަފްތާއެއް ފަހުން ސާރާގެ ފިރިމީހާ ސާރާ ވަރި ކޮށްފިއެވެ. ސާރާއަށް ހިތްދަތިކަން ލިބުނެވެ. އެއީ އަބަދުވެސް ހިތުގައި އޮތީ އެންމެ ފުރަތަމަ ކައިވެނި ކުރާމީހަކާ އެކީ މުޅި ދިރިއުޅުން ހޭދަ ކުރާށެވެ. ނަމަވެސް  އެފަދަ މީހެއްގެ ކިބައިން ސަލާމަތް ވެވުނު ކަމަށް ޓަކައި ﷲ އަށް ޝުކުރު ކުރެވުނެވެ.

އަބަދުވެސް ސާރާ ދެރަވެފައި ހުންނަ ކަމަށް މަންމައަށް ހީވާތީ އަނެއްކާ ވެސް ސާރާގެ ކައިވެނި ކުރުވަން މަންމަމެން ނިންމިއެވެ. އެގޮތުން ސާރާއަށްވުރެ އެއް އަހަރު ދޮށީ ފިރިހެން ކުއްޖަކާ ސާރާގެ ކައިވެނި ކުރުވިއެވެ. މި ފަހަރު ބައްޕަ ބޭނުންވީ ސާރާގެ އާއިލާއާ އެކީ ސާރާ ދިރިއުޅޭށެވެ. ފިރިމީހާދެކެ ވެވުނީ ހަގީގީ ލޯބިކަމަށް ކުރީކޮޅުގައި ސާރާއަށް ހީވިއެވެ. ކައިވެނި ކުރިތާ ނުވަމަސްވީ އިރު ލޯބިލޯބި އަންހެން ކުއްޖަކު ސާރާއަށް ލިބުނެވެ. އެއް އަހަރު ތަފާތަކުން ލޯބިލޯބި ފިރިހެން ކުއްޖެއް ވެސް ސާރާއަށް ލިބުނެވެ. އަންހެން ދަރިފުޅަށް އެއްއަހަރު ފުރުނު އިރު ސާރާގެ ލޯބިވާ ބައްޕަ މިދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ. ބިންގަނޑު ފައިދަށުން ދެމިގެން ދިޔަހެން ސާރާއަށް ހީވިއެވެ. ސާރާ އަބަދުވެސް ބުނަމުން އަންނަ އެއްޗެކެވެ. ބައްޕަ ނެތް ދުނިޔެއެއްގައި ނޫޅެވޭނެއެވެ. ނަމަވެސް ސާރާ ކެތްކުރިއެވެ.

ސާރާއަށް އަނެއްކާ މިވަނީ މަންމަ އަށް ވީގޮތަށް ބާވައެވެ. ފިރިމީހާ ދެކެ ހަމަ ފޫހި ވެވެނީއެވެ. އޭގެ ރުޅި ލޯބިވާ ކުޑަ ދެކުދިންނަށް ވެސް ބޭލެނީއެވެ. ފަހުން ދެރަވެ ރޮވެއެވެ. ސާރާގެ ފިރިމީހާ އަކީ ނުބައި މީހެއް ނޫނެވެ. ނަމަވެސް ފިރިމީހާގެ އަޅާލުމާއި އެހީއެއް ސާރާ އަކަށް ނުލިބެއެވެ. މިކަމުގެ ސަބަބުންނާއި ، އުމުރުގެ ވެސް ހަނގުކަމާއެކު އެހައި ގާތުގައި ދެކުދިން ލިބި އަދި ކުރަން ޖެހޭ ޚަރަދުތައް ފިރިމީހާ ފަރާތުން ނުލިބުމުގެ ސަބަބުން ސާރާގެ ދިރިއުޅުން ވަނީ ހިތާމައިގެ ދުނިޔެއަކަށް ވެފައެވެ.

ސާރާގެ އުމުރުން 39 އަހަރެވެ. ސާރާ ވަޒީފާ އަދާ ކުރަމުން ދިޔަ ސްކޫލުން އެހެން ސްކޫލަކަށް ބަދަލުވިއެވެ. އެދުވަހަކީ ސާރާގެ ހިތް އެހައި ފަސޭހައިން މީހަކަކަށް ދެވިދާނެ ދުވަހެއް ކަމަށް ސާރާގެ ހިތަކަށް ވެސް ނާރައެވެ. ހުރިހައި ކުދިން ބަލާ އައިސް ނިމުނުއިރު ވެސް އަމީރު ބަލާ އަދިވެސް މީހަކު ނާދެއެވެ. އަމީރު ގާތު އަހާލުމުން ބުނީ ބަލާ އަންނާނީ ބޭބެ ކަމަށެވެ. އިރުކޮޅެއްވީތަނާ ސާރާގެ ހިތް ހުއްޓުނު ކަހަލައެވެ. ދޮރުމަތީ ހުއްޓިހުރި ޒުވާން ފިރިހެން ކުއްޖާ ފެނިފައެވެ. ދިގު ރީތި ހަށިގަނޑެކެވެ.ހިތް ކަތިލާ ކަހަލަ ހިނިތުންވުމެކެވެ. އެ ރީތި ދެލޮލުގެ ތެރެއަށް ގެއްލިފައި ހުއްޓާ ސިއްސުވާލީ އަމީރުއެވެ. ބޭބެ އެއައީ އަޅުގަނޑު ބަލާ މިސް. އެވަގުތު ލަދުން ގޮސް ސާރާއަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އަމީރުއާއި ދިމާލަށް ސަލާމްކުރަން އަތް ދިއްކޮއްލެވުނީ ވެސް ވަރަށް ހާސްވެފައި ހުރެއެވެ. މި ވީގޮތެއް އެއްގޮތަކަށް ވެސް ސާރާއަކަށް ނޭނގުނެވެ. އެ ޒުވާނާ ފެނުމުން ދުވަހަކު ވެސް ނުވާކަހަލަ ގޮތްތަކެއް ސާރާއަށް ވެގެން ދިޔައެވެ. އެންމެ ފެނިލުމަކުން ވެސް އެޒުވާނާ ސާރާއަށް މި ޖެއްސީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ.

އޭގެ އަނެއް ދުވަހަކީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުލާސްތަކަށް ސްޓޯލް ހަދަން ހަވާލުކުރި ދުވަހެވެ. އެކި ބެލެނިވެރިންނަށް ގުޅަމުން ގޮސް އަމީރުގެ ބެލެނިވެރިޔާގެ ނަމްބަރަށް ސާރާ ގުޅާލައިފިއެވެ. ފުރަތަމަ ހަލޯގެ އަޑުން ވެސް ސާރާގެ ހިތް ކަތިލެވިއްޖެ ކަހަލައެވެ. އަމީރުގެ ބޭބެތޯ؟ ވަރަށް ނުތަނަވަސް ކަމާއެކީ ސާރާ އަހައިލިއެވެ. އަދި ސާރާ ގުޅާލި ސަބަބު ވެސް ވަރަށް ލަދުން ހުރެ ބުނެލިއެވެ. އަމީރުގެ ބޭބެ އައީ ރަހުމަތްތެރިއަކު ވެސް ގޮވައިގެންނެވެ. ސްޓޯލް ހެދުމުގައި އަމީރުގެ ބޭބެ އެހީތެރިވަމުން ދިޔައިރު ބައެއްފަހަރު ގަސްތަކާ ނުލާ ސާރާއަށް އެ ދިމާލަށް ބެލެއެވެ. އެ ހުރިހާ ވަގުތެއްގައި ވެސް ދެ މީހުންގެ ހަތަރުކަޅި ހަމަވެއެވެ.އަދި ސާރާ ވަރަށް ލަދުން ހުރެ އަނެއް ފަރާތަށް އެނބުރިލައެވެ. މުޅިން އެހެން ދުނިޔެއެއްގައި އުޅެވޭހެން ވެސް ސާރާއަށް ހީވެއެވެ.

ސްޓޯލްގެ މަސައްކަތް ނިމި އެންމެން ދިޔައީއެވެ. ސާރާ ގެއަށް ވަދެ ފޯނު ބަލާލި އިރު މެސެޖެއް ފެނުނެވެ. އެއީ އަމީރު ބޭބެ އާރިފުގެ މެސެޖެކެވެ.ސާރާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. މެސެޖުގައި އޮތީ މިސް ކިހިނެއް؟ މިހެންނެވެ. ސާރާ ހިތަށް އެރިއެވެ. މީކީ ރަނގަޅު ކަމެއް ނޫނެވެ. އަހަރެންގެ ފިރިއަކާ ލޯބިވާ ދެ ކުދިން އެބަތިއްބެވެ. މި ގޮތަށް ހިލޭ ފިރިހެނަކާ ދޭތެރޭ ވިސްނާކަށް ވެސް ނުވާނެއެވެ. ކޮންމެ ދުވަހަކު ވެސް އަމީރު ބަލައި އައިސްފައި ދަމުން އާރިފު ސާރާއަށް މެސެޖެއް ކޮށްލައެވެ. "ޔޫ އާރ ސޯ ބިއުޓިފުލް" ނަމަވެސް ދުވަހަކު ވެސް ސާރާ ، އާރިފުގެ އެ މެސެޖުތަކަށް ޖަވާބެއް ނުދެއެވެ. ކޮންމެ ފަހަރަކު ވެސް މެސެޖު އައުމުން ސާރާގެ ހިތް ބާރަށް ތެޅިގަނެއެވެ. ޔަގީނުން ވެސް ސާރާގެ ހިތް އާރިފަށް ދެވިއްޖެއެވެ. ފިރިމީހާއާ ދޭތެރޭ ސާރާގެ ހިތުގައި މިފަދަ ޝުއޫރުތަކެއް ދުވަހަކު ވެސް ނުއުފެދެއެވެ. އާރިފު ސާރާއަށް ލޯބި ވެސް ހުށަހަޅައިފިއެވެ. އާރިފު ހިތުން ސާރާ އަކީ ހުސްހަށިބައި ކުއްޖެކެވެ. ސާރާއަށް ބަލާލައިފައި ސާރާ އަކީ ސަތާރަ އަށާރަ އަހަރުގެ ދެ ކުދިންގެ މަންމައެއްހެން ހީވެސް ނުވާނެއެވެ.

އާރިފު ލޯބި ހުށަހެޅުމުން ސާރާގެ ހިތް އުފަލުން ފޮޅުނެވެ. ނަމަވެސް ދެވެން މިއުޅެނީ ރަނގަޅު ދިމާލަކަށް ނޫންކަން ސާރާއަށް ގަބޫލު ކުރެވުނެވެ. އާރިފު ވެސް އުޅެނީ ކައިވެނި ކޮށްގެންކަން ސާރާއަށް ފަހުން އެނގުނެވެ. ހިތް ހަމަޖައްސާލުމަށް ޓަކައި ސާރާ އާރިފުއާ ފޯނުން ވާހަކަ ދައްކަން ފެށިއެވެ. މި ކުރެވެނީ ގޯސް ކަމެއްކަން ވެސް އެނގި ހުރެއެވެ. ނަމަވެސް ވާހަކަ ދެއްކުން ފިޔަވައި އިތުރުކަމެއް ނުކުރުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ސާރާ ، އާރިފު ގާތުން އެދުނެވެ. ދުވަސްކޮޅަކުން އާރިފު ސާރާއާ ވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. ސާރާގެ ހިތް ހަލާކުވި ކަހަލައެވެ. ފިރިމީހާގެ ފަރާތުން އެއްވެސް އުފަލެއް ނުލިބޭއިރު ސާރާއަށް އާރިފުގެ ފަރާތުން ލިބުނު އުފާވެރިކަން ވެސް ގެއްލުނީއެވެ.
ސާރާގެ ހިތަށް ކެތްނުވެގެން އާރިފުއަށް ގުޅިއެވެ. އާރިފު ބުނީ ސާރާދެކެ ވަރަށް ލޯބިވާ ވާހަކައާއި އަދި ސާރާގެ ދިރިއުޅުން ހަލާކު ކުރަން ބޭނުން ނުވާ ވާހަކައެވެ. ހިތާ ދެކޮޅަށް ސާރާ އާރިފުގެ ވާހަކަ ގަބޫލު ކުރިއެވެ. އަދި އާރިފުގެ ނަމްބަރ ބުލޮކުކޮށް ދުވަހަކު ވެސް އާރިފުއާ ވާހަކަ ނުދެއްކުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. ސާރާގެ މުޅި ދިރިއުޅުން ލޯބިވާ ދެ ކުދިންނަށް ޓަކައި ގުރުބާން ކުރަން ނިންމިއެވެ. އެ ދެ ކުދިންނަށް ރަނގަޅު ދިރި އުޅުމެއް ހޯދައި ދިނުމަށް އަޒުމް ކަނޑައެޅިއެވެ. ދެ ކުދިން މާލެއިން ކިޔަވާ ނިމުމުން ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވިއެވެ.

މަންމަމެންނާ އެކީ އުޅުނަސް ކުދިން ދިޔުމުން ސާރާ ވަރަށް އެކަނިވެރި ވެއްޖެއެވެ. ފިރިމީހާއަކީ އެއްވެސް ކަމަކާ އެހާ އަޅާލާ މީހެއް ނޫނެވެ. އެއްރޭ ސާރާ ހިތަށް އެރިއެވެ. އާރިފުގެ ހާލު ބަލާލަން ގުޅާލަން ވީއެވެ. ނަމްބަރ އަންބުލޮކު ކޮށްލާފައި ގުޅާލިއެވެ. އެ ރީތި އަޑު އިވުމުން ސާރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހަގީގަތުވެސް ސާރާއަށް އާރިފުދެކެ މި ވެވެނީ ހަގީގީ ލޯބިކަން ގަބޫލު ކުރެވުނެވެ. ހިތުގައި އެތަކެއް ސުވާލު އުފެދުނެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ. އަހަރެންގެ ފިރިމީހާދެކެ މިފަދަ އިހުސާސް ތަކެއް ނުވެވެނީ ކީއްވެ ހެއްޔެވެ. ސާރާ ސިއްސައިގެން ދިޔައީ އާރިފު ހީގަތުމުންނެވެ. ކީއްވެ ތިހެނީ؟ ސާރާ ލަދު ގެންފައި ސުވާލު ކޮށްލިއެވެ. އާރިފު ހެނީ ސާރާއާ ވާހަކަ ދެއްކޭތީ އުފަލުންކަމަށް އާރިފު ބުނުމުން ސާރާއަށް ވެސް ހެވިއްޖެއެވެ. ދެން ކުއްލިއަކަށް އާރިފު ފޯނު ކަނޑާލާފައި ކުރީ މެސެޖެކެވެ. އޭގަ އޮތީ ސާރާއާ ބައްދަލު ކުރަން ބޭނުންވާ ވާހަކައެވެ. ސާރާގެ ހިތްތެޅެން ފެށި ބާރުކަމުން މޭގައި ބާރަށް އަތް އެޅިއެވެ. އަދި ލޮލުން ކަރުނަތައް ފޭބިއެވެ. އުފަލުގެ ކަރުނައާއި ހިތާމައިގެ ކަރުނައެވެ. އުފާ ވަނީ ސާރާއަށް ވެސް ހަގިގީ ލޯބި ވެވުނު މީހާ ސާރާދެކެ ވެސް ލޯބިވާކަން އެނގޭތީއެވެ. އަދި ދެރަވަނީ ސާރާގެ ނިކަމެތިކަން ހިތަށް އަރާފައެވެ. ސާރާއަކީ މީހެއްގެ ހައްގެކެވެ. ދެކުދިންގެ މަންމައެކެވެ. އާރިފުއާ ބައްދަލުކުރަން ދާކަށް ސާރާއަކަށް ނުކެރުނެވެ. ނަމާދުކޮށް ދުއާކުރުން މަތީ ދެމިހުރުމަށް ސާރާ އަޒުމު ކަނޑައެޅިއެވެ. އަދި އާރިފުގެ ހަނދާންތަޢް ހިތުން ފޮހެލުމަށްވެސް އަޒުމު ކަނޑައެޅިއެވެ.

ސާރާ ހީކުރީ ސާރާ އެހާ ރަނގަޅަށް ފިރިމީހާއާ ދޭތެރޭ ކަންތައް ކުރުމުން ، ސާރާ ބަލި ވުމުން ފިރިމީހާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.އެހެނަސް ކަންތައް ވީ އެހެނެއް ނޫނެވެ. ސާރާ ބަލިވުމުން ފިރިމީހާ ،ސާރާ ދޫކޮށްލީއެވެ. ވެއްޓި މައިބަދައަށް ލިބުނު ގެއްލުމަކުން ނުކުޅެދޭ މީހަކަށް ސާރާ ވިއެވެ. ސާރާ ބަލަން ހަވާލުވީ ސާރާގެ ލޯބިވާ ދެ ކުދިންނެވެ.

އެ ދެކުދިން މަތިން ހަނދާންވުމުން ސާރާއަކީ ނަސީބުވެރިއެއް ކަމުގައި ގަބޫލުކޮށް ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލާފައި ހިނިތުންވާން މަސައްކަތް ކޮށްލިއެވެ. ލޯބިވާ ދެކުދިންނަށް ޓަކައި ސާރާ އަމިއްލަ އުފަލުން މަހުރޫމު ވިއެވެ. ސާރާ ވީ ގުރުބާނީގެ އަގު ސާރާއަށް ލިބިއްޖެއެވެ. ސާރާގެ ލޯބިވާ ދެކުދިން ސާރާ ރާއްޖެއިން ބޭރަށް ގެންގޮސް ބޭސްކޮށް އަލުން ހިނގުމުގެ ނަސީބު ހޯދައި ދިނެވެ. އެދެކުދިން ސާރާ އާމެދު ކަންތައްކުރަނީ ނުހަނު ލޯބިންކަމަށް ވިޔަސް މާޒީގެ ހިތިހަނދާންތައް އާ ވުމުން ސާރާގެ ހިތް ހިތާމައިން ފުރި ރޮވެއެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!