ކޭސްތައް އިތުރުވާނަމަ އޮގަސްޓު މަހު ސްކޫލުތައް ނުހުޅުވާނެ: އަމީން
ކުރިއަށް އޮތް މަހުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނަމަ ސްކޫލުތައް ހުޅުވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސްކޫލްތައް ހުޅުވުމާއި މެދު ސީދާ ޖަވާބެއް ދޭން އަދި މާ އަވަސްކަމަށާއި ސްކޫލްތައް ބަންދު ކުރުމާމެދު ގޮތެއް ނިންމަވާނީ، ކޮވިޑާ ގުޅިގެން މިހާރު އަޅަމުން ދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަ ގޮތެއްގެ މައްޗަށް ކަމަށެވެ.
ނަމަވެސް މިހާރު ކޮވީޑުގެ ހާލަތު އޮތް ގޮތާއި، ކުރިއަށް އަންދާޒާ ކުރެވިފައި އޮތް ގޮތަށް ބަލާއިރު އޮގަސްޓު މެދުތެރޭގައި ސްކޫލުތައް ހުޅުވޭ ވަރުވެދާނެ ކަމަށް ދަންނަވަން އުނދަގޫ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޭސްތައް އިތުރުވި ނަމަވެސް އޮފީސްތައް ބަންދު ކުރާ ފަދަ ހާލަތެއް އަދި ނެތް ކަމަށް އަމީން ވިދާޅުވިއެވެ.
"އޮފީސްތައް ބަންދު ކުރާ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑުމެންގެ މާހިރުންނަށް އަދި ފެނިވަޑައެއް ނުގަންނަވާ. އެހެންނަމަވެސް ކޭސްތައް އިތުރުވާ ނަމަ އެ ފިޔަވަޅުވެސް އަޅާނެ." އަމީން ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް މާޗް މަހު ބަންދުކުރިއެވެ. އަދި އޭގެ ފަހުން ކްލާސްތައް ގެންގޮސްފައިވަނީ ޓެލެކްލާސް އަދި ގޫގަލް ކްލާސްރޫމް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
ނަމަވެސް މިމަހުގެ އެކަކުން ފެށިގެން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އަލުން ހުޅުވައިފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިވީހާތަނަށް ކިޔަވައިދެމުން ގެންދިޔާއީ ގްރޭޑް ނުވަޔަކުން މައްޗަށް އެކަންޏެވެ.
އެހެން ނަމަވެސް މަހު 16 އިން ފެށިގެން މާލޭގެ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ކަށް ކިޔަވައިދޭން އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.