ދުނިޔެ

އިންޑިއާއަށާއި ޕާކިސްތާނަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާއާއި ޕާކިސްތާނަށް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ކަމަށާއި މާދަމާއަކީ އެ ޤައުމުގެ މުސްލިމުންނަށް ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އިމާރާތު ޝަރީޢާ ހިންދު ދިއްލީ އާއި، ލުދްޔާން ޕަންޖާބް ހިލާލް ކޮމިޓީ އަދި ދާރުލް ދިއޫބާންދުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ އެކި ހިސާބުތަކަށް މިރޭ ހަނދު ފެނުމާ ގުޅިގެން މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައެވެ.

ޕާކިސްތާނުގެ ސެންޓްރަލް ރޫހެ ހިލާލް ކޮމިޓީގެ ޗެއާމަން ބުނީ އެ ޤައުމުގެ އެކި ހިސާބުތަކަށް ވެސް ހަނދު ފެނިފައިވުމާ ގުޅިގެން މާދަމާ އަކީ ޕާކިސްތާނަށް ވެސް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ.

އަވަށްޓެރި ބަންގްލަދޭޝްއިން ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާފައި ވަނީ މިއަދެވެ.

މި އަހަރުގެ ރަމަޟާން މަހުގައި ވެސް ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން، ބައެއް ޤައުމުތަކުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިފައެވެ.

އެގޮތުން ތަރާވީޙް ނަމާދު ކުރު ކުރުމާއި، މިސްކިތްތަކުގައި ގައިދުރުކަމާއެކު ސަފު ހެދުމަށާއި، އެއްވުންތަކާއި ދަރުސްތައް ނުބޭއްވުމަށް ވެސް އަންގައިފައިވެއެވެ. އަދި މާސްކު ނާޅާ މިސްކިތްތަކަށް ނުދިޔުމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!