ދީން

މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫން: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކޮށްފައިވާއިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ މިދިޔަ އަހަރުގެ ރަމަޟާން މަހު އަޅުގަނޑުމެންނާ އެކުގައިވި އެތައް ބަޔަކު މިއަދު މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާފައި ވާ ކަމެވެ. އެހެން ކަމުން މިއީ ރަމަޟާން މަހެއްގެ ބޭނުން ހިފުމަށް ތިބާއަށް އަދި އަޅުގަނޑަށް ވެސް ލިބޭ ފަހު ފުރުސަތަށް ވެސް ވެދާނެއެވެ. މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "މިއީ ތިބާގެ ފަހު ރަމަޟާން މަހަށް ވެސް ވެދާނެއެވެ"

Ads by Sosun Fihaara

ރަމަޟާން މަހަކީ އެތައް ގޮތަކުން ޚާއްޞަވެގެންވާ މަހެއް ކަމަށާއި މާތްވެގެންވާ މަހެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ ރަމަޟާންމަހު، ރޯދަ ހިފުމަކީ އިސްލާމް ދީނުގެ 4 ވަނަ ރުކުން ކަމަށާއި ރުކުނެއްގެ ގޮތުގައި ރޯދަ ހިފުން ކަނޑައެޅިފައި އެވަނީ، އެކަމުގެ މުހިއްމުކަމާއި މާތްކަމުގެ ސަބަބުންކަން ކަށަވަރު ކަމަށް ވެސް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ފާހަގަ ކޮށްފައި ވަނީ ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު އެ ހުންނަނީ މަތިވެރި އަޅުކަމެއްގައި ކަމަށެވެ. ރޯދަ ވީއްލުމަށް ދާންދެން މަލާއިކަތުންގެ ހެޔޮ ދުޢާ ރޯދަވެރިޔާއަށް ލިބިލިބި ހުންނާނެ ކަމަށާއި ރޯދަވެރިޔާގެ ދުޢާ އަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ވެވިގެންވާ ދުޢާއެއް ކަމަށް ވެސް މިއަދުގެ ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

"ރަމަޟާން މަހަކީ ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަހެވެ. އިމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ވަނީ ދެއްވާފައެވެ. ހަމަ އެޝަރުޠާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާ ވެސް ހަމަ އެފަދައެވެ. އޭނާގެ ފާފަތައް ވެސް ފޮހެވިގެންދާނެއެވެ. ބޮޑެތި ފާފަތައް ފިޔަވައެވެ. ބޮޑުފާފައަކަށް އަރައިގަނެވިފައިވާ މީހާ، އެކަމަށް ތައުބާވާން ޖެހޭނެއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ދުވާލުގެ ވަގުތު މާތް ކުރައްވާފައި ވާއިރު، ރޭގަނޑުގެ ވަގުތުތައް ވެސް ވަނީ މާތްކުރައްވާފައި ކަމަށާއި އެ މާތްކަމަށް ޓަކައި ރޭއަޅުކަން ކުރުން ޝަރުޢު ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ފަހުދިހައިގެ އޮނަހިރި ރެއެއްގައި ބަރަކާތްތެރި ލައިލަތުލް ޤަދްރި ވިލޭރޭ ލެއްވި ކަމަށާއި އެއީ އެއްހާސް މަހަށް ވުރެ ހެޔޮކަން ބޮޑު ރެއެއްކަން ހުތުބާގައި ހަނދާން ކޮށްދިނެވެ.

"ރަމަޟާން މަހަކީ މަދު ދުވަސް ކޮޅެކެވެ. ދާދި އަވަހަށް ނިމިގެން ހިނގައިދާނެއެވެ. ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއް ނުކުރާނެއެވެ. މިދިޔަ އަހަރުގެ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ދުނިޔެގައި ތިބި އެތައް އަޚުންނަކާއި އުޚްތުންނެއް ވަނީ، މި ރަމަޟާންމަހާ ބައްދަލުވި އިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަޤީޤަތެކެވެ. މި ރަމަޟާން މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރަމަޟާން މަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫނެވެ. ރަމަޟާން މަސް ފެށިފައިވާއިރު މި މަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއް ވެސް ނޭނގެއެވެ." ހުތުބާގައި ހަނދުމަ ކޮށްދީފައި ވެއެވެ.

“ހުތުބާގައި ވަނީ މި ރަމަޟާން މަހަކީ ހަޔާތުގެ އެންމެފަހު ރަމަޟާން މަސްކަމަށް ވެސް ވެދާނެކަމަށް ބަލައިގެން ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަށް ނަސޭހަތްތެރި ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!