ލައިފްސްޓައިލް

ޒިންމާދާރު ދަރިއެއް ބިނާ ކުރުމުގައި ވިސްނަންވީ ކަންކަން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބައެއް މީހުންނަކީ އަބަދުވެސް ކޮންމެވެސް ކަމަކާ މާޔޫސްވެގެން ނޫނީ ހިތް ނުތަނަވަސްވެގެން އުޅޭ ބައެކެވެ. މި ކަމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބަޔަކީ މައިންބަފައިންނެވެ. އެހެނީ އެންމެ ތުއްތު އިރުއްސުރެ ފެށިގެން ދީނީ އަޅުކަމުގެ އިތުރުން ހަރުދަނާ ބިންގަލެއްގައި ކުއްޖާ ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.

Ads by MWSC

ފުރަތަމަ ވެސް ކުރަންވީ ކަމަކީ ދަރިފުޅަށް ހުރިހާ ކަމެއް ކޮށްދޭ މީހަކީ ތިބާ ކަމުގައި އޮތް އޮތުން ބަދަލު ކޮށްލުމެވެ. ބައެއް ކަންކަމަކީ ދަރިފުޅު އަމިއްލައަށް ކުރާ ކަންކަމުގައި ހެދުމެވެ. މިކަމުގެ ސަބަބުން ދަރިފުޅަށް މިނިވަންކަމުގެ އިހުސާސް ކުރެވި، އާ ހުނަރުތައް ދަސްވެއެވެ. މިސާލަކަށް ކާ ސުފުރާ މަތީގައި ތަށިތައް އެތުރުމާއި، ކުޅޭ ސަރަހައްދު ސާފުކުރުން ފަދަ ކުދިކުދި ކަންކަން ހަވާލު ކުރެވިދާނެއެވެ. ދަރިފުޅު ދެކެ ވާ ލޯބިން އެ ދަރިފުޅު އަރާމުގައި ގެންގުޅުމާއި، އެކުދިންނަށް ހުރިހާ ކަމެއް ކޮށްދިނުމުގައި ތަފާތުތަކެއް ހުރެއެވެ.

ދެން އޮތީ އަޅައިކިއުން ހުއްޓާލުމެވެ. ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެކެވެ. މިއީ ބުނެލަން ފަސޭހަ، ހަނދާނުގައި ބަހައްޓަން ފަސޭހަ، އެހެން ނަމަވެސް އެ ބަހުގެ މުރާދަށް ސަމާލުކަން ނުދެވޭ ޖުމުލައަކަށް އޮންނަނީ ވެފައެވެ. ތިބާ ހީކުރާ ފެންވަރަށް ދަރިފުޅަށް ކަމެއް ނުކުރެވުމުން އެކަމަށް ތިބާ ދޭ އިޖާބައާ މެދު ސަމާލުވާށެވެ. ދުލުން ބުނެލާ ބަހެއްގެ އިތުރުން، ތިބާގެ މޫނަށް އަރާ ކުލަވަރުތަކުން ވެސް އެ ދަރިފުޅު މެސެޖެއް ދަމައިގަނެއެވެ. ދެބެންގެ ދެދަރި ކުދިންނާއި، ނޫނީ ކުލާސް ކުދިންނާއި އެ ނޫން ވެސް ކުދިންނާއި ދަރިފުޅު އަޅައިކިއުން ހުއްޓާލާށެވެ. އަދި އެ ދަރިފުޅަކީ "ގޯސް"ކަމަށް ތަސްވީރު ކުރެވިފައިވާ ކުދިންނާއި އެވަރުގެ ބައެކޭ ވެސް ބުނުން ހުއްޓާލާށެވެ.

ވާނުވާ އެނގެން ފަށާ ހިސާބުން ގޭތެރެ ބައެއް ޒިންމާތަކަކީ ދަރިފުޅުގެ ޒިންމާތަކެއް ކަމުގައި ކަނޑައަޅާށެވެ. މިސާލަކަށް ފައިވާނާއި ބޫޓު ބަހައްޓާ ރެކުގައި ތަރުތީބުން ބޫޓާއި ފައިވާން އެތުރުން، އަތްފޯރާ ހިސާބުގައި ހުންނަ ފޮތް ހަރުގަނޑު ފޮޅާ ސާފުކޮށްލުން ކަހަލަ ކަންކަން ހަވާލު ކުރެވިދާނެއެވެ. ނޫނީ ގަނެފައި ހުންނަ ފެން ކޭހުން ފުރިޖަށް ލުމާއި، ނިދާ ތެދުވެގެން އަމިއްލަ އެނދުގައި ތަންމަތި އަޅާލުން ކަހަލަ ކަންކަން ވެސް ހަވާލު ކުރެވިދާނެއެވެ. މި ފަދަ ކުދިކުދި ކަންކަމަކީ ޒިންމާދާރު ދަރިންތަކެއް ބޮޑު ކުރުމަށް އޮތް އެންމެ އަސާސީ އެއް މަސްދަރެވެ.

މީގެ އިތުރުން ކަމެއް ނާކާމިޔާބުވާ ވަގުތު އެ ދަރިފުޅު މާޔޫސްކޮށް ނުލާށެވެ. އުމުރުން ކިތަންމެ ދޮށީ ވިއަސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެއެވެ. ކިތަންމެ ކާމިޔާބު މީހަކަށް ވެސް މިއީ ކުރިމަތިވެދާނެ ހާލެކެވެ. ނާކާމިޔާބީގެ ވަޅުގަނޑަކަށް ދަރިފުޅު ވެއްޓެންދާ ވަގުތު އެ ދަރިފުޅުގެ ދިފާއުގައި ސަލާމަތީ ބާރަކަށް ބެލެނިވެރިން ވުމަކީ، މުސްތަގުބަލުގައި ކަންކަމާ ކުރިމަތިލުމަށް އެ ދަރިފުޅު ފަސް ޖެހި ، ފިނޑިކޮށްލާ ކަމެކެވެ. އެކަމެއްގައި މާ ބޮޑު ނުރައްކަލެއް ނުވާ ކަންކަމުގައި "ރިސްކު" ނަގަން ދަސްކޮށްދޭށެވެ. ކަމެއްގައި ނާކާމިޔާބު ވުމުން، އެހެން ރާސްތާއަކުން ކާމިޔާބީއަކަށް ވާސިލުވާން ދަސްކޮށްދޭށެވެ.

މާ ބޮޑަށް ދަރިފުޅު ދޮންފުތުކޮށް "ސަނާ" ކިއުން ވެސް ހުއްޓާލާށެވެ. މާ ގިނައިން ދަރިފުޅު ދޮންފުތު ކުރުމަކީ ކޮންމެ ކަމެއް ވަރިހަމަ ވުމުގެ އާދަ ދަރިފުޅުގެ ގައިގައި އަށަގަންނުވާ ކަމެކެވެ. އެއިރުން އެއްވެސް ކަމެއް އެއަށްވުރެ ފުރިހަމައަށް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިއަސް މައިންބަފައިން ރުހޭނެކަމަށް ހީކުރެވުމަކީ ހެދޭ ބޮޑު ގޯހެކެވެ.

ދަރިފުޅު ކުރާ ހިތްވާ، އަދި ޝައުގުވެރިވާ ކަންކަމަށް ފުރުސަތު ދޭންވާނެއެވެ. ދަރިފުޅުގެ ހެދިބޮޑުވުމާއި، ސުލޫކާއި ތައުލީމަށް ބުރޫ ނާރާނެ ކޮންމެ ކަމަކަށް ވެސް ހިތްވަރު ދޭން ވާނެއެވެ. އެކުއްޖާއަކީ ކުރަހާ ކުލަޖައްސާ ހިތްވާ ކުއްޖަކަށް ވެއްޖެނަމަ އެ ފުރުސަތު ދޭށެވެ. ތަންތަން ހަޑިވެދާނެތީ ވިސްނާނީ ފަހުންނެވެ. އާއިލާ އެކުގައި ހަޑިވި ތަނެއް ސާފު ވެސް ކުރެވިދާނެތާއެވެ.

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ބާރުވެރި ދަރިންތަކެއް ބިނާ ކުރުމަށްޓަކައި ނޫނެކޭ ބުނަން ދަސްކޮށްދޭން ޖެހެއެވެ. ކަންކަމުގައި އެ ދަރިފުޅު ބޭނުންވާ ގޮތް ނޫން އެހެން ގޮތްގޮތަށް ކަމެއް ކުރުމަށް އެހެން މީހަކަށް މަޖުބޫރު ކުރެވިގެން ނުވާނެއެވެ. އެދަރިފުޅުގެ ނުރުހުމުގައި މީހަކު އޭނާއަށް ކަމެއް ކުރިޔަ ދީގެން ވެސް ނުވާނެއެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ނޫނެކޭ ބުނަން ދަސްކޮށްދޭން ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!