ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ބަލި ހާލު ބޮޑުވެގެން މިރޭ އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށާއި، ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
އެ މީހާ ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ އައިޖީއެމްއެޗްއަށް އެފަދައިން ގެންދާ މީހުން އާންމުކޮށް ކޮވިޑް-19އަށް ޓެސްޓު ކުރާ އުސޫލުން ޓެސްޓު ކުރުމުންނެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 69 ވަނަ މީހާއެވެ. މި މަރާ ގުޅިގެން އެޗްޕީއޭއިން އަދި ވަކި މައުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.