ކޮވިޑް-19: ފައްސިވީ އަދަދު އަނެއްކާ ވެސް 200 އަށްވުރެ މައްޗަށް
ކޮވިޑް-198 އަށް ރާއްޖެއިން މިއަދު އިތުރު 203 މީހުން ފައްސިވެ 109 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 115 މީހުންނާއި، އަތޮޅުތަކުން 70 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 18 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 26،348 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 23،591 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 70 މީހުން ނިޔާވެެފައި ވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 60 މީހުންނެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނަގައިފައި ވަނީ 3،238 ސާމްޕަލެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލް ކޮށްފައެވެ. އަދި ޕާކު ތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ.