ކޮލަމް

ރައީސް ނަޝީދުގެ އަމާޒު ، "ކީރިތި ކުރައްވަމުން" ރައީސް ޞާލިޙް "ކުޑަގޮޅިއަކަށް" ލެއްވުން!

ދެން އެމްވީ ، ދެން އޮންލައިން

2019ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީއަށް ލިބުނު ސުޕަރ މެޖޯރިޓީއާއެކު ، އެކަމުގެ އުފަލުގައި ރައީސް ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނާއި ރައީސް ޞާލިޙާ ދެމެދު އޮންނަ ގުޅުމާ މެދު ސުވާލު ކުރެވުނެވެ.

Ads by MWSC

އަތުގެ ދެ އިނގިލި ދައްކަވާލެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެއީ އެ ދެ ބޭފުޅުން ތިއްބަވާނޭ ގޮތުގެ މިސާލު ކަމަށެވެ.

އޭގެ ދެ އަހަރެއްހައި ދުވަސްފަހުން ގާތްގަނޑަކަށް ހަމަ އެ ސުވާލު އެ ދެ ރައީސުންނާ ވެސް ކުރިމަތިވިއެވެ. ނަމަވެސް މިފަހަރު ،  ލޯކަލް ކައުންސިލް އިންތިޚާބުގައިި އެމްޑީޕީއަށް ނާކާމިޔާބު ވުމާ ގުޅިގެންނެވެ. ރައީސް ނަޝީދުގެ ޖަވާބަކަށްވީ އެ ދެ ބޭފުޅުންގެ މެދުގައި މައްސަލަ އޮތީ ވެންޓިލޭޓަރުގެ މައްސަލަ (ވައްކަމުގެ މައްސަލަ) އޮތަތީއެވެ. ރައީސް ޞާލިޙް ވިދާޅުވީ ވެންޓިލޭޓަރަކަށް އެ ދެބޭފުޅުންގެ ދެމެދަކަށް ނުވަދެވޭނެ ކަމަށެވެ.---- ނޫނީ "އުންސުރު ހަމަ ނުވާ" ވައްކަން ކުރެއްވިޔަސް އެ ދެބޭފުޅުންގެ ގުޅުން ބަދަހިކަމާއެކު އޮންނާނޭ ކަމަށެވެ.

މިއީ ދެ ރައީސުންގެ ދެމެދުގައި މައްސަލަ އޮތްކަން ގަބޫލުފުޅު ކުރައްވަން ބޭނުންފުޅު ނުވާ ބޭފުޅުންނަށް ވެސް މަންޒަރު ކުލަވާ ހިސާބެވެ. "ބްރޯވެރިކަމާއި" ސަރުކާރު ހިންގާ ކޯލިޝަން ރޫޅައިލުމަށް ރައީސް ނަޝީދު ފެއްޓެވި ފިނި ހަނގުރާމައިގެ މަޝްރަޙު ހޫނުވަމުންދާކަން އިޙްސާސް ކުރެވޭ ހިސާބެވެ.

ބާރެއް ނެތް ކޯލިޝަނެއް ، ޕާޓްނަރުން ހަމައެކަނި ރައީސް ޞާލިޙްގެ ދިފާޢަކަށް 

ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި ޝައިޚް އިމްރާންގެ ޢަދާލަތު ޕާޓީއާ އެކީ ރައީސް މައުމޫންގެ ސިޔާސީ މޫވްމަންޓް ، އެމްޑީޕީގެ ރަންރީދޫގެ ތެރެއަށް ވަނުމުން އެ އުފެދުނީ ކޯލިޝަނެއް ނޫނެވެ. އެއީ ތެދުވެރި ގުޅުމެއް ވެސް ނޫނެވެ. އެއީ ހަމައެކަނި ރަހަ ހެޔޮވަރު ނޫން ސެލެޑެކެވެ.

ރައީސް ނަޝީދަކީ އެ ސެލެޑުން ރަހަ ބައްލަވަން އަބަދުވެސް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އަދި މިއީ ކޯލިޝަންގެ ވެރިކަމެއް ކަމަށާއި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ޞާލިޙް ފާޅުގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނަށް ވެސް މި ސެލެޑްގެ ރަހަ މީރުފުޅު ނޫންކަން ޔަގީނެވެ. ކެބިނެޓް ޕޯސްޓްތަކުން ހުސްވާ ޕާޓްނަރުންގެ ވަޒީރުންނާ މެދު ޢަމަލު ކުރައްވާ ގޮތާއި އަލުން މަގާމު ދެއްވުމުގައި ޕާޓްނަރުންނަށް ނުބައްލަވާކަމީ މީގެ ހެއްކެކެވެ. އެހެން ނަމަވެސް 2023ގެ ރިޔާސީ އިންތިޚާބަށް ދާއިރު ޤާސިމް އިބްރާހީމްއާއި ޝައިޚް އިމްރާން ޢަބްދުﷲގެ އިތުރުން ރައީސް މައުމޫން ، އެމަނިކުފާނުގެ ފަހަތްފުޅުގައި ބޭތިއްބުމީ އެމަނިކުފާނުގެ އަމާޒަކަށް ވާތީ ކޯލިޝަންގެ ލަވައަކީ ރައީސް ޞާލިޙްގެ އެންމެ ރީތި ލަވައެވެ.

ރައީސް ޞާލިޙަށް އެ ލަވަ ކިތަންމެ ރީތިފުޅު ވި ނަމަވެސް ރައްޔިތުންނަށް އެ ލަވަ މިހާރު ހަޑި ވެއްޖެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ، ޖީއެމްއާރަށް ދޫކޮށްލުމާ ގުޅިގެން ގައުމީ ލޭ ކެކި ، ޙައްޤުގައި ނިކުތް ގާސިމް އިބްރާހީމްގެ ހަށިކޮޅުގައި މިއަދު ގައުމީ ލޭ ނުހިނގާކަން ދަނީ ފެންނަމުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން އާންމުކުރަން އުޅުމުން ޙައްޤުގައި ނުކުތް ޝައިޚް އިމްރާންގެ ހަށިކޮޅުގައި މިހާރު ގައުމީ ވިންދު ނުޖަހާކަން ދަނީ ހާމަވަމުންނެވެ. ސެކިޔުލަރިސްޓުން ހިމާޔަތްކޮށް އެމީހުންނަށް ޢިއްޒަތްދީ ، ގައުމުގެ އިސްތިގުލާލަށް ނޭދެވޭ އަސަރު ކުރަމުންދާކަމުގެ ރަނގަބީލް ކެނޑިނޭޅި ޖަހަމުންދާއިރު އެ ބޭފުޅުންގެ ލޯފުޅުތައް މަރައިލައްވައިގެން ކަންފަތްޕުޅުތައް ލައްޕަވައިގެން އަދި ދޫފުޅުތައް ބަންދު ކުރައްވައިގެން ތިއްބެވިއެއް ކަމަކު ރައްޔިތުން އެ ބޭފުޅުންނަށް ޖަވާބު ދެއްވީ އެކަން ގޯސް ކަމަށެވެ. ކޯލިޝަންގެ ކުޑަ ތިން ޕާޓީއަށް ލޯކަލް ކައުންސިލް އިންތިޚާބުން މުޅި ރާއްޖެއިން ވެސް ލިބުނު ފަންސާހަކަށް ގޮނޑި މީގެ ހެއްކަކަށް ފުދެއެވެ.

ޕްރައިމް މިނިސްޓަރުގެ އިންޒާރު!

ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި "ހިޔަޅެކެވެ." އެ މަނިކުފާނު ދަތުރު ކުރައްވަން ބޭނުންފުޅުވާ މަންޒިލަށް ދަތުރު ކުރެއްވުމުގައި އަބަދުވެސް އިޚްތިޔާރު ސީދާ މަގު ނޫން އެހެން މަގެކެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެމަނިކުފާނު ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ މުޅި ގައުމު އެ މައުޟޫއަށް އަނބުރާ އެ ލެއްވީ ވަގުތުން ވަގުތަށް އެކަން ކުރައްވާކަށް ނޫނެވެ. މިސްރާބު އެ ޖެއްސެވީ އެމްޑީޕީގެ ކުރިއަށް އޮތް އިންތިޚާބަށެވެ. ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ހަނގުރާމައަށެވެ. ބޭނުމަކީ ބަރުލަމާނީ ވިއްކަވައިގެން އެ މަނިކުފާނު އެންޑޯޒް ކުރައްވާ ކެނޑިޑޭޓުންނަށް އުއްމީދާއި ހުވަފެން ދެއްކެވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާއި ކެބިނެޓްގެ ޕޯސްޓްގެ ގޮނޑިތަކުން އެ ކެނޑިޑޭޓުން މޯޓިވޭޓް ކޮށްލެއްވުމެވެ.

އެމްޑީޕީއާއެކު މިއަދު އޮތް ފުޅާ ކޯލިޝަނަކީ ދަތް ނެތް ސިންގާއެކެވެ. ބާރެއް ނެތް ކުދިކުދި ޕާޓީތަކެކެވެ. ބަރުލަމާނީ ދިދަ ނަންގަވައިގެން ރައީސް ނަޝީދު ، ގައުމީ މަޖިލިސް ކާމިޔާބު ކުރައްވަން ނިކުންނަވާ ހުންނެވިއިރު ކޯލިޝަނުން ރައީސް ޞާލިޙަށް ވެދެވޭނެ މާބޮޑު އެހީތެރިކަމެއް ނެތެވެ. އަނެއްކޮޅުން ބޭސް ފަރުވާ ކުރުމުގެ ނަމުގައި ރައީސް ޔާމީން ގައުމުން ބޭރު ކުރައްވަން ކުރައްވާ މަސައްކަތް ދަނީ ފަނުފުލުންނެވެ. ރައީސް ޔާމީން ޖަލުގައި އޮންނަވާތާ 491 އަށް ވަނަވީ ދުވަހު އެމަނިކުފާނުގެ ޕީޕީއެމުން ހޯދީ މާލޭގެ މެޖޯރިޓީއެވެ.

މިހުރިހާ ކަމަކާއެކު ރައީސް ނަޝީދު އެ ކުރައްވާ މަސައްކަތަކީ ޞާލިޙްގެ ސިޔާސީ ގޮޅި ކުޑަ ކުރުމެވެ. އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ކީރިތި ނުކުރެއްވުނު ނަމަވެސް އަދި އެ ރިޕޯޓްގެ ފައުންޑަރުން އެ މަނިކުފާނުގެ އޮފީހުގައި ތިއްބެވި ނަމަވެސް ،ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމުގައި ކީރިތި ކުރެއްވުނު ރައީސް ޞާލިޙް ، ސިޔާސީ ކުޑަ ގޮޅިއަކަށް ލެއްވުމެވެ.

  1. އޭދަފުށީ މުހައްމަދު

    ވަރަށް މޮޅު ،ހަގީގަތާ އެއްގޮތް ލިއުމެއް. އެކަމަކު އަންނި އަކީ ހިޔަޅެއް ކަމަށް އޮތްތަނުގައި ކޮމާކޯޅި ނުޖެއްސެވި ނަމަ ހަގީގަތާ ގާތްކުރާނީ.

  2. ބޯހަލާކު

    ލޯކަލް ކައުންސިލް ކާމިޔާބު ކުރި ފަރާތެއް އޮޅިއްޖެ