މައިންބަފައިންގެ ލޮލުން އޮހޮރުނު ކަރުނައަކީ "ރައްޔިތުންގެ ދަރިފުޅު"ގެ މިންނަތް މަސައްކަތް!
އަހަރެމެންގެ މުޖުތަމައުގައި އަންހެން ކުދިންގެ އަގަކީ ކޮބައި ހެއްޔެވެ. އަންހެން ކުދިންގެ ފެންވަރު އަހަރެމެން މިން ކުރަނީ ކޮން ތަރާދަކުން ހެއްޔެވެ. އަންހެން ކުދިންނަށް ނުވާނޭ ކަަމަށް އަހަރެމެން ހީކުރަނީ ކީއްވެގެން ހެއްޔެވެ. އަންހެން ކުއްޖަކަށް ވެއްޖެ ނަމަ ހަމައެކަނި ކުރެވޭނީ ފިހާރައެއްގެ ސޭޓެއްގެ ވަޒީފާ ކަން ނުވަތަ ކައުންޓަރުގައި ކަސްޓަމަރ ސާވިސްގެ މަސައްކަތް ކަމުގައި ދެކެނީ ކީއްވެގެން ހެއްޔެވެ. މިއީ މިއަދު އަހަރެމެން ބަދަލު ކުރަން ޖެހޭ ވިސްނުމެކެވެ.
އެމްޓީސީސީ އިން ނެރެފައިވާ "ރައްޔިތުންގެ ދަރިން" ވީޑިއޯ އަހަރެން ވެސް ބަލާލީމެވެ. ވީޑިއޯ ބަލަމުން ދިޔަ ވަރަކަށް އަހަރެންގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެ ވީޑިއޯގައި ދައްކުވައިދީފައިވަނީ އަންހެން ކުދިންނަށް ކުރެވޭނެ ކަމެވެ. އަންހެން ކުދިންނަށް ނުކުރެވޭނޭ މަސައްކަތެއް ނޯންނާނެ ކަމެވެ. އަންހެން ކުއްޖަކަށް ވެސް އާއިލާ ބެލެހެއްޓޭނެ ކަމެވެ.
ވީޑިއޯގައި ފެންނަނީ ފިލްމީ ދާއިރާގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ޒުވާން ފަންނާނު ވާޝިޔާ މުހައްމަދު (ޝިޔާ) އެވެ. ޝިޔާގެ އެކްޓިންގއާ ދޭތެރޭ ބުނާނެ އެއްޗެއް ނެތެވެ. ކުރާނެ ތައުރީފެއް ވެސް ދުލަކަށް ނައެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ ޝިޔާގެ އެކްޓިން މި ވީޑިއޯގަައި "ފުރިހަމަ"އެވެ.
ވީޑިއޯގައި ފެންނަނީ ކުޑަކުޑަ އާއިލާއެކެެވެ. ދެމަފިރިއަކާއި އެ ދެމަފިރިންގެ ދެ ދަރިންނެވެ. އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ. އެ ކުދިންގެ ބައްޕަގެ ވަޒީފާ ގެއްލިގެން އެ ކުދިން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ކުރިއަށް އޮތީ ރޯދަ މަސް ކަމަށް ވާތީ އެ މަހުގައި ހަރަދުބަރަދު ބަލަހައްޓާނޭ ގޮތަކާ މެދު ހާސްވެ ކަންބޮޑުވެފައެވެ.
އެ ހާސްކަން މަތީގައި ތިއްބާ ފިިރިހެން ދަރިފުޅު، އޭނާ ވަޒީފާއެއް ހޯދަން މަސައްކަތް ކުރާ ކަމަށާއި އަދި ދޮންތަ ވެސް ވަޒީފާއެއް ހޯދާނެ ކަމަށް ބުނެއެވެ. އެހެން ބުނުމުން އެކުދިންގެ ބައްޕަ ބުނަނީ މި ޒަމާނުގައި ހަމަ ގިނަ މައިންބަފައިން ވެސް އާންމުކޮށް ބުނާ ފަދަ ބަހެކެވެ. އަންހެން ކުއްޖަކަށް ލިބޭނީ ކައުންޓަރުގައި އިންނަ ވަޒީފާއެކޭ އެެވެ. އަދި އެ ވަޒީފާއަކުން މާ ބޮޑު އާމްދަނީއެއް ނުލިބޭނެއޭ އެވެ.
ބައްޕަ އެހެން ބުނުމުން ވާޝިޔާގެ މޫނުމައްޗަށް ވެރިވީ މާޔޫސްކަމުގެ ކުލަވަރެކެވެ. ބައްޕައާ ދިމާއަށް މާޔޫސީ ނަޒަރަކުން ބަލާލުމަށްފަހު ވާޝިޔާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. މޫނުމަތިން ފެންނަނީ ހިތާމަވެރިކަމެވެ، އެ ގޮތުގައި އޭނާ ވިސްނަން އިނީ ފޯނާ ކުޅެމުންނެވެ. އެހެން އިންދާ އޭނާއަށް ފެނުނީ އިއުލާނެކެވެ. އޭނާގެ މޫނުމައްޗަށް އުފާވެރިކަން ގެނުވި އިއުލާނެކެވެ. ރައްޔިތުންގެ ކުންފުނި، އެމްޓީސީސީއިން ދިވެހި ރައްޔިތުންނަށް 250 ވަޒީފާ ހުޅުވާލަައިފައިވާ ކަމުގެ އިއުލާނެވެ.
ވާޝިޔާ ނިންމީ އެ ވަޒީފާއަށް ކުރިމަތިލާށެވެ. ދެން ފެންނަނީ ވާޝިޔާ އިންޓަވިއުގައި އިންނަ މަންޒަރެވެ. އިންޓަވިއުގައި ވާޝިޔާ ބުނަނީ ޖޯޝުން ފުރިފައިވާ ޖުމުލައެކެވެ. އޭނާގެ ބައްޕައަށް އޭނާ ދައްކުވައިދޭން ބޭނުން ވަނީ އަންހެން ކުދިންނަށް ވެސް ވާނޭ ކަމެވެ. ވާޝިޔާ ބުނީ ކައުންޓަރެއްގެ ފަހަތުގައި އިންނަން ނުޖެހޭ ނަމަ އޭނާއަށް އެންމެ ރަނގަޅު ކަމަށެވެ.
އެ ވީޑިއޯގައި ދެން ފެންނަނީ މި މުޖުތަމައުން އެހާ އާންމު މަންޒަރެއް ނޫނެވެ. ނަމަވެސް އެ ވީޑިއޯ ބެލި ކޮންމެ އަންހެން ދަރިއަކަށްމެ އެތައް މެސެޖުތަކެއް ލިބޭނެ މަންޒަރު ތަކެކެވެ. އެންމެ ފުރަތަމަ ދައްކުވައިދެނީ ވާޝިޔާ އެމްޓިސީސީ ފެރީގައި މަސައްކަތް ކުރާ މަންޒަރެވެ. ވިލިމާލެ އާއި މާލެއާ ދެމެދު ދުއްވާ ފެރީގައި އޭނާ އެކި ފަރާތްތަކަށް އެހީތެރިވެ ނަމޫނާ ދައްކާ މަންޒަރެެވެ.
އެ މަންޒަރަށް ފަހު ފެންނަނީ ވާޝިޔާ އެމްޓީސީސީ ބަހުގައި މަސައްކަތް ކުރާ ތަނެވެ. އެ މަސައްކަތް ވެސް އަންހެން ކުއްޖަކަށް ވީތީ ނުވާނޭއޭ ބުނެ އޭނާ ހުއްޓާ ނުލާކަން ވީޑިއޯ އިން ދައްކުވައިދެއެވެ. އެއަށް ފަހު ފެންނަނީ އަދި މާ ތަފާތު މަންޒަރެކެވެ. އެމްޓީސީސީ ބޯޓު ޔާޑުގައި ވާޝިޔާ މަސައްކަތް ކުރާ މަންޒަރެެވެ. އެތަނުގައި އުޅުމުގެ ތެރޭގައި ވާޝިޔާއާއެކު މަސައްކަތް ކުރާ މުވައްޒަފަކު ވާޝިޔާއަށް ދައުވަތު ދިނީ އަންހެން ކުދިން އެކަމެއްގެ ތެރޭގައި އެހާ ބޮޑަށް ޝާމިލުވެ ނޫޅޭ ކަމަކަށެވެ. ކަނޑު އަޑީގެ ވެލްޑިން ކޯހެއްގައި ބައިވެރި ވުމަށެވެ.
އަހަރެމެންގެ ރީތި ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް އެ ވީޑިއޯގައި ދައްކުވައިދޭ އިރު ފުޅި އަޅައިގެން ކަނޑުއަޑީގައި ވާޝިޔާ ވެލްޑިން ކުރަން އުޅުނު މަންޒަރު ދައްކުވައިދެއެވެ. އެއީ އެފަދަ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވެފައި ހުރި އަންހެން ކުއްޖަކަށް ނަމަ ނަމޫނާ މަންޒަރުތަކެކެވެ. އެކަން ވެސް އަންހެން ކުއްޖަކަަށް ވިޔަސް ވާނޭކަން ވާޝިޔާ ހާމަ ކޮށްދިނެވެ.
އެއަށްފަހު ދެން ފެންނަނީ ވާޝިޔާ އެމްޓީސީސީގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ތަކުގައި ޝާމިލުވެ އުޅޭ މަންޒަރެވެ. ސުޕަވައިޒަރެއްގެ ގޮތުގައި އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ޒިންމާދާރު ކަމާއެކު ބަލަހައްޓާ ތަނެވެ. އަދި އެއަށްފަހު ވާޝިޔާ މަސައްކަތް ކުރާ ތަން ދައްކުވައިދެނީ ރަށެއްގެ ނަރުދަމާ ހެދުމުގެ ތެރެއިންނެވެ.
އެތަނުގެ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން އޭނާ ޓީވީއަކަށް އިންޓަވިއުއެއް ދޭ މަންޒަރު އެ ވީޑިއޯގައި ދައްކުވައިދެއެވެ. އެއަށްފަހު ފެންނަނީ ވީޑިއޯގައި އަންނަ އެންމެ އަސަރުގަދަ މަންޒަރުތަކެވެ. ވާޝިޔާ ކުރި މަސައްކަތުން ރޯދައަށް އޭނާ ގެއަށް އެއްޗެހި ފޮނުވާ މަންޒަރެވެ. އެ އުފާވެރި ޚަބަރު ފޯނުން ގުޅައި ކޮއްކޮއަށް ދޭ މަންޒަރެވެ. ފިހާރައިގެ މުވައްޒަފުން ގެއަށް ކާޑުގެ ބާވަތްތައް ވެއްދުމުން ވާޝިޔާގެ މަންމަގެ މޫނުމައްޗަށް ގެނުވީ ހިނިތުންވުމެވެ.
އެއަށްފަހު ވާޝިޔާއަށް އޭނާގެ ކޮއްކޮ ވީޑިއޯ ކޯލެއް ކުރެއެވެ. އޭނާގެ މައިންބަފައިން ގޭގެ ސޯފާގައި ފަޚުރުވެރިކަމާއެކު ތިބީ ވާޝިޔާ ޓީވީއަށް ދިން އިންޓަވިއު ބަލާށެވެ. އެވަގުތު އޭނާގެ ބައްޕަ ގިސްލާ ރޮމުން ދިޔައިރު ވާޝިޔާގެ މަންމަގެ ލޮލުން ވެސް ފާއްދާލީ އުފާވެރިކަމާއި ފަޚުރުވެރިކަމުގެ ކަރުނައެވެ. އެ މަންޒަރު ބެލުން އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
އަމިއްލަ މަސައްކަތާމެދު ވާޝިޔާ ފަޚުރުވެރި ވިއެވެ. އުފަލުން ގޮސް އޭނާއަށް ވެސް ރޮވުނީއެވެ. އޭނާ އެ ސާބިތު ކޮށްދިނީ އަންހެން ކުދިންނަށް ވެސް ވާނޭ ކަމެވެ. އަންހެން ކުދިންނަށް
ވެސް ކުރެވޭނެ ކަމެވެ. އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ ކަމެވެ. އަންހެން ކުއްޖަކަށް ވީމާ ކުރެވޭނީ ކައުންޓަރު ފަހަތުގައި އިނދެގެން އަދާ ކުރާ ވަޒީފާއެއް އެކަނި ނޫން ކަމެވެ.
މައިންބަފައިން ފަޚުރުވެރިވާ ދަރިއަކަށް ކޮންމެ ކުއްޖަކަށް ވެސް ވެވިދާނެކަމުގެ ޔަގީން ކަމުގައި “ރައްޔިތުންގެ ދަރީންނަށް” އެމްޓީސީސީން އެ ހުޅުވާލީ ތަނަވަސް ދޮރެކެވެ. އަންހެން ކުދީން ތިބެން ޖެހޭނީ ހަމައެކަނި ކައުންޓަރުތަކުގައި ނޫން ކަމާއި ހިންމަތާއި މިންނަތުން މާ މަތީ މަގާމުތަކެއް ހާސިލް ކުރެވިދާނެކަން ދައްކުވައިދެމުން ވާޝިޔާގެ އެކްޓިން ވެސް ބުނެދިނީ ވާހަކަތަކެކެވެ. ރައްޔިތުންގެ ކުންފުނީން ރައްޔިތުންނަށް ދިން ފުރުސަތު އާންމުންގެ ހިތްތަކާ އެ ކުޅެލީ އަންހެން ދަރިއެއްގެ މޮޅު އެކްޓުންނެވެ. އަންހެނުންނަށް ވާނެއެވެ.
ތީއަސްލެއްވެސް ނޫނެއްނު. އަދި ވީޑިޔޯ ބެލުމުން ހީބިހި ނަގަންޖެހޭ ވަރު ކަމެއް ފާހަގަ ނުކުރެވޭ.
ޢެކްޓްކޮށްފަ ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަކާ ދިމާވީމަ އިގޭނީ ވާަނެކަން
ތީ އޭ މައްސަލަ އަކީ. އަންހެން ކުދިން ކަންކަމުގަ ބާރުވެރިކުރަން އެެއްބަޔަކު މަސައްކަތް ކުރާއިރު އަނެއްބަޔަކު އަދިވެސް ކުރީ ޒަމާނުގެ ފީކަޅާ ވިސްނުމުގަ. މި ވީޑިއޯ ބަލައިގެންވެސް އަމިއްލައަށް މިފަދަ މަސައްކަތް ތަކައިގެން ކުރިއަށް ދާނެ އަންހެން ކުދިންވެސް އުޅޭނެ.
އަމިއްލަ އަށް މި ކަމާމެދު ވިސްނާލުން މުހިންމު.
ވަރަށްވެސް ފުރިހަމަ ވީޑިއޯ ކޮޅެއް، ހިއްފަޅައިގެން ގޮއްސިހަމަ. ވީޑިއޯގެ އެންމެހާ ބައިވެރިން އަދި ތައްޔާރުކުރި ފަރާތަށް އައްސަރ ބަހާއި ސާބަސް. ހާއްސަކޮން ސްކްރިޕްޓް އަދިކޮންސެޕްޓް ތައްޔާރު ކުރި ފަރާތް/ފަރާތްތަކަށް. ބްރާވޯ
ތިޔާ 250 މުވައްޒަފުން ނުވެސް ނަގާ
ލޮބުވެތި އިސްލާމްދީނުގައި އެ އަންގަވަނީ އަންހެނުން ގޭގައި މަޑު ކުރަން، އެއާ ދެކޮޅު ހަދަން އަހަރެމެން މީ ކޮން ބައެއް؟