ކޮންމެ މައްސަލައެއްގެ ހައްލަކީ ވަކިވުމެއް ނޫނެވެ.
ދިރިއުޅުމުގައި އަހަރެމެންނަށް ތަފާތު އެކި ތަޖުރިބާތައް ކުރެވެއެވެ. ތަފާތު އެކި ކަންކަމާ ކުރިމަތިވެއެވެ. އަދި އެއިން ކޮންމެ ތަޖުރިބާ އަކީ ވެސް ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ލިބިގެންދާ ހިތްވަރެކެވެ. ދިރިއުޅުން އާރާސްތު ކުރަންވީ ގޮތް އަންގައިދޭ ސަމުގާއެކެވެ.
ކޮންމެ ގުޅުމެއްގައި ވެސް މައްސަލަތައް ޖެހޭނެއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން ކަމުގައި ވިޔަސް ގާތްތިމާގެކަމުގެ ގުޅުން އޮންނަ ދެމީހުން ކަމުގައި ވިޔަސް ބައެއް ފަހަރަށް އެމީހުންގެ މެދުގައި މައްސަލަ ޖެހިދާނެއެވެ. ޚިޔާލު ތަފާތުވުންތަކެއް އުފެދިދާނެއެވެ. އަނެކާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިދާނެއެވެ.
އެ ވަގުތުތަކުގައި ބުއްދީގެ ބޭނުންކޮށް ހިކުމަތްތެރިކަމާއެކު ގޮތް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ. ދެމީހުން ވާހަކަ ދައްކައިގެން ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރުމަކީ ވަރަށް ރީތި އާދައެކެވެ. އަދި އެއީ ގުޅުންތައް ކެނޑި ބައިބައިވުން ނެތި ކުރުމަށް އެޅޭ ވަރަށް މުުހިންމު ފިޔަވަޅެކެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކު ވިޔަސް، އެމީހަކީ މައްސަލައެއް ޖެހޭއިރަށް ދޫކޮށް ދާ މީހެއް ކަމުގައި ވަނީ ނަމަ ދެމީހުންނަށް ކައިވެނި ކޮށްގެން އުޅެވޭނީ ފަހެ ކިހިނަކުން ހެއްޔެވެ. މިއީ ފަހަރުގައި ވަރި ގިނަވުމުގެ އެއް ސަބަބަށް ވެދާނެއެވެ.
އެހެންކަމުން މައްސަލައެއް ޖެހުމުން ވެސް ކޮންމެވެސް ގޮތަކުން އެ މައްސަލަ ހައްލު ކުރެވޭތޯ ބަލަން ވާނެއެވެ. ގުޅުން ކަނޑައިލާ ވަކިވުމަކީ ހައްލެއް ނޫން ކަން ދަންނާށެވެ.