ދީން

ރަމަޟާން މަހުގެ 10 ދުވަސް ފާއިތުވެ ދިޔައީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑް19ގެ ސަބަބުން ބަންދުގައި ތިބި ރަމަޟާންއަކަށް ފަހު ، އެއަށް ވުރެ ފަސޭހަ ރަމަޟާންއަކާ ބައްދަލުވެ އެ މަހުން ދިހަ ދުވަސް ފާއިތުވެ ދިޔައީއެވެ. ޖަމާޢަތުގެ ނަމާދާއި ދަރުސްތަކުގެ ބޮޑެތި ޖަމާޢަތްތަކުން މަޙްރޫމްވި އަހަރަކަށް ފަހު އެ މަތިވެރި ޙަފްލާތައް އަޅަމެންނާ މި ވަނީ ބައްދަލު ވެފައެވެ.

Ads by Hajj Corporation

މިފުރުސަތުގެ ބޭނުން ހިފުނީ ކިހާ މިންވަރަކަށްތޯއެވެ. ތަރާވީޙާއި ރޭއަޅުކަމާއި ޤުރުއާން ކިޔެވުމުގެ އިތުރުން އަނބިދަރީންނަށް އެހީތެރިވެ ދިނުމަށް ވަގުތު ހޭދަ ކުރެވުނީ ކިހާ މިންވަރަކަށްތޯއެވެ. ނަފްސު ހިސާބު ކުރުމަކީ ދިރިދުނިޔޭގައި ހުރި ކޮންމެ ހިނދެއްގައި ނިމުމެއް ނެތްކަމަކަށް ވީހިނދު ވޭތުވެދިޔަ 10 ދުވަހާ މެދު ވިސްނާ ފިކުރު ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ.

އެއް ދިހައެއް ނިމި ދެވަނަ ދިހައެއްގެ ތެރެއަށް އަހަރެމެން ވަދެގެން ގޮސްފައި ވާއިރު ދެން އަހަރެމެންނާ ބައްދަލުކުރަން މިއޮތީ ފަހު ދިހައިގެ ދުވަސްތަކެވެ. ލައިލަތުލްޤަދުރި ވިލޭރޭއެވެ. ވީމާ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމުގައިވާ ލައިލަތުލްޤަދުރި ވިލޭރޭގެ މަތިވެރި ސަވާބާއި ދަރުމަ ހޯދުމަށް ކޮންމެ މީހަކު ކަމަރު ބަންނަން ވީއެވެ. 1000 މައްސަރުގެ ހެޔޮކަން އެކުލެވިގެންވާ އެރޭ މަޙުރޫމް ވުމަކީ ހާދަ ބޮޑު މަޙްރޫމްވުމެކެވެ.

ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އަޅުކަންތަކަށް ދޭންވާ ސަމާލުކަން އެންމެ ފުރިހަމަ ގޮތުގައި ނުދެވުނު މީސްތަކުން ދަންނާށެވެ. މާޔޫސް ނުވާށެވެ. ވަގުތު އަދި ފާއިތެއް ނުވެއެވެ. ކުރިއަށް މިއޮތް ދުވަސްތަކުގެ ތާވަލް އަލުން އެކުލަވާލާށެވެ. ޤުރުއާން ކިޔެވުމުގެ މަހްފިލްތަކުން ގޭ ތެރެއަށް ދިރުން ގެނުވާށެވެ. ގޭގެ މަސައްކަތުގައި އަނބީންނަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. ވީވަރަކުން ޞަދަޤާތެއް ކޮށްލަން އިސްކަން ދޭށެވެ. ތިބާގެ ދުޢާގައި އިސްލާމީ އުއްމަތާއި ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުން ހިމަނާށެވެ. ކޮވިޑް19ގެ ނުރައްކަލުން ސަލާމަތްވޭތޯ ގިނަގިނައިން ދުޢާ ކުރައްވާށެވެ.

ކީރިތި ރަސޫލާ ޞައްލަަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: ‏ "‏ ...... رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ ....... ‏" (جامع الترمذي، كتاب الدعوات عن رسول الله صلى الله عليه وسلم)‏

އަބޫހުރައިރާ ގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ރަމަޟާން މަސް އެމީހަކާ ދިމާވެ، އޭނާގެ ފާފަ ފުއްސެވުމުގެ ކުރިން އެ މަސް ނިމިއްޖެ މީހާ ނިކަމެތި ވެއްޖެއެވެ. (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 3545)

މިއީ އަބާއްޖަވެރިން ނުވަތަ ނިކަމެތިވާ ތިން ބައެއްގެ ވާހަކަ އައިސްފައިވާ ދިގު ޙަދީޘެއްގެ ބައެކެވެ. މި ބަސްފުޅު ޙަދީޘްކުރެއްވި ޙާދިޘާއާ ގުޅޭ ގޮތުން އައިސްފައިވެއެވެ.

ރަސޫލުﷲ صلى الله عليه وسلم އެއް ދުވަހަކު މިންބަރަށް އަރާވަޑައިގަތް އިރު، ކޮންމެ ހަރުފަތަކަށް އަރާވަޑައިގަތުމަށް ފަހު އާމީން ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އާމީން ވިދާޅުވީ ކޮންކަމަކަށްތޯ އަޞްޙާބުބޭކަލުން ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ކޮންމެ ހަރުފަތަކަށް އަރައި ވަޑައިގަންނަވާހިނދު ޖިބްރީލު عليه السلام ދުޢާއެއް ވިދާޅުވާ ކަމަށާއި އެ ދުޢާއަށް އެކަލޭގެފާނު އާމީން ވިދާޅުވި ކަމަށެވެ.

ވީއިރު، ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ހިމެނިގެން ގޮސްފައި ވަނީ އެބައެއްގެ މައްޗަށް ނިކަމެތިކަން ހުރިކަމަށް ޖިބްރީލު ދުޢާ ކުރެއްވި މީހުންގެ ތެރެއިންނެވެ. ހަމަކަށަވަރުން ވެސް ޖިބްރީލު عليه السلام އެމީހެއްގެ މައްޗަށް ދުޢާ ކުރައްވައި، ރަސޫލުﷲ صلى الله عليه وسلم އެ ދުޢާއަށް އާމީން ވިދާޅުވެއްޖެ މީހާއަށް ވުރެ އަބާއްޖަވެރިންއަކީ ކާކު ހެއްޔެވެ. ވީމާ ، އެފަދަ މީހުންގެ ތެރޭގައި ނުހިމެނި ، މި މައްސަރުގެ ފުއްސެވުމާއި ރުއްސެވުން ހޯދުމަށް އަދިވެސް އިތުރު ހިތްވަރެއް ކޮށްލަމާ ހެއްޔެވެ؟

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!