ދުނިޔެ

އިންޑިއާގެ ސަރުކާރު ފެއިލް ވެއްޖެ، ކޮންމެ ދުވަހަކު އެތައް ހާސް ފުރާނައެއް ވަކި ވެގެންދަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

"އިންޑިއާއިން މި ވަނީ ކޮވިޑް-19އާ ހަނގުރާމަކޮށް ބަލިކޮށްލާފަ. މިއީ ފަހު ތަޅާލުންގަނޑު." މިއީ މީގެ 6 ހަފްތާ ކުރިން އިންޑިއާގެ ހެލްތް މިނިސްޓަރ ވިދާޅުވެފައިވާ ބަސްކޮޅެކެވެ. އިއްޔެ އެކަނި ވެސް އިންޑިއާއިން 332,730 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިއީ ދުނިޔޭގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން އެއް ޤައުމަކުން ފައްސިވި ދުވަހެވެ. އަދި މިއީ ޖެހިޖެހިގެން އިންޑިއާއިން މި ރިކޯޑް މުގުރަމުން އަންނަތާ ދެވަނައަށް ވީ ދުވަހެވެ. އިއްޔެ ނޫން ކުރީ ދުވަހު ވެސް އިންޑިއާއިން ރިކޯޑް އަދަކަށް މީހުން ވަނީ ފައްސިވެފައެވެ.

Ads by Sosun Fihaara

އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއް އަރަން ފަށާފައިވަނީ މިދިޔަ މާރިޗް މަހުގެ މެދެއްހާ ހިސާބުގައެވެ. އެއާއެކު އިންޑިއާގެ ހެލްތު ނިޒާމު އެއްކޮށް ފުނޑެން ފެށިއެވެ. އެނދުތައް ހުސްވެ، އެނދުމަތި ކުރާނެ ޖާގަ ހުސްވާން ފެށިއެެވެ. އޮކްސިޖަން ނުލިބި ގިނަ ބަޔަކު ނޭވާ ނުލެވިގެން މަރުވާން ފެށިއެވެ. ހަށިގަނޑުތައް ފުނިޖެހި، ވަޅުލެވޭނެ އަދި އެންދޭނެ ގޮތެއް ނެތުނެވެ.

ދެވަނަ ރާޅުގެ އަސަރު އަދިވެސް އިންޑިއާއަކަށް ކުޑައެއް  ނުވެއެވެ. ބާނިތައް މައިތިރިވާން އަދި ދުވަސްތަކެއް ނަގާނެއެވެ. މިއާއެކު އިންޑިއާގެ އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އެގައުމުގެ ލީޑަރުން ކޮބައި ހެއްޔެވެ؟ ރައްޔިތުން އެންމެ ބޭނުންވި ދުވަހު ރައްޔިތުންނަށް އެ ބޭފުޅުން ފިއްލެވީ ހެއްޔެވެ؟

އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެން ފެށުމާއެކު އެޤައުމުގެ ސްޓޭޓް ސަރުކާރުތަކުން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. ނަމަވެސް މައި ސަރުކާރުން އެއްބާރުލުން ނުދޭތީ މިއަދުގެ ހާލަތަށް ވެއްޓެން މެދުވެރިވީއެވެ. އިންޑިއާގައި ކޮވިޑް-19 ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، އިންޑިއާގެ ބޮޑު ވަޒީރު މީޑިއާތަކަށް ފެނިލީ މިދިޔަ ހަފްތާގައެވެ. އަދި ހާލަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން ފެށީ ވެސް ހަމަ މިދިޔަ ހަފްތާގައެވެ.

ކޮވިޑާ ގުޅިގެން ބޮޑުވަޒީރު މޯދީ ދެއްކެވީ އެ ޤައުމުން ހޯދާފައިވާ ކާމިޔާބީތަކުގެ ވާހަކައެވެ. އަދި ވެކްސިން ޕްރޮގްރާމް ވީހާ ވެސް އަވަސް ކުރަން ނިންމިއެވެ. އެހެން ނަމަވެސް ވެކްސިންގެ މައި ހަބް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އިންޑިއާގައި ވެކްސިން ޖަހަން އަވަސް ކުރަން ގޮވާލިއިރު ނުރައްކާތެރިކަން އޮތީ ވަކި ހިއްޕައިލާފައެވެ.

"ގޮންޖެހުންތަކާ އެކު ވެސް އަހަރެން މިވަނީ ކާމިޔާބީ ހޯދާފަ. އަހަރެމެންނަކީ ތަޖުރިބާކާރު ބައެއް. އަހަރެމެން އަތުގައި ވެސް ވެކްސިން އެބަހުރި" މޯދީ ވިދާޅުވިއެވެ.

މޯދީއަށް އިންޑިއާއަށް ދިމާވެފައިވާ ހާލަތު ރޭކާލީ މިހަފްތާގެ ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިންޑިއާގެ ސްޓޭޓްތަކުން ސިއްހީ ސާމާނުތައް ހުސްވެ އާދޭސް ކުރިއިރު، އެ އާދޭސްތައް މޯދީއަކަށް އިވި ވަޑައިގެން ހެނެއްހީއެއް ނުވެއެވެ. އިންޑިއާގެ ހުރިހާ ސްޓޭޓް ސަރުކާރުތަކުން މޯދީގެ ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ. އަދި އެޤައުމުގެ ކޯޓްތަކުން ވެސް މޯދީގެ ސަރުކާރަށް އޮކްސިޖަން ހޯދައިދިނުމަށް އެހީތެރިވުމަށް އަމުރުތައް ދަނީ ނެރެމުންނެވެ.

  1. އަލީ މޯދީ

    މިވެރިން ހިނގާ މަގުން މި ސަރުކާރު މިދަނީ. މިވެސް ބޮޑު ތަނުންފެއިލްވެފަ.
    ސަރުކާރު ބޮޑު ކޮންސްޓްރަކްޝަން ކުންފުނިން ޤްވާއިދު މުގުރާ ހަދާއިރު، ކެމްޕެއިނަށް ފައިސާ ޚަރަދު ކުރީތީވެ އިބުރީމް ހައްޕުކިޔައިގެން.
    އާދންފުޅު ބޭނުން ގޮތަކަށް ޚަރަދު ކޮށްލާ ކުންފުނި ދަވާލާއިރު އަބުރަހާ ތިހިރީ މެދުއުޑަށް ކަޅި ހުއްޓިފަ.
    ވ. ސަލާމް