ސެލިންކޯ އިންޝިއުރެންސްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ތުހުމަތު!
ސެލިންކޯ އިންޝިއުރެންސްގެ އަންހެން މުވައްޒަފުންނަށް އެކުންފުނީގެ ސީއީއޯ އާއި ދެ ޓެކްނިކަލް މެނޭޖަރުން ޖިންސީ ފުރައްސާރަ ކުރާ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އަދި މިދިޔަ ދުވަސްތަކުގައި އެކަމުގެ އުނދަގޫ މާ ބޮޑުވުމުން އެތަނުގެ އަންހެން މުވައްޒަފުން ވަނީ މެނޭޖްމަންޓަށް މައްސަލަ ޖައްސާފައެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ގައިގައި އަތްލުމާއި އެކި ކަހަލަ ވާހަކަ ދެއްކުމާއި އެމީހުންނާއެކު ރޭ ކުރަން އެދުން ފަދަ ކަންކަން ހިމެނޭ ކަމުގައި މައުލޫމާތު ލިބެއެވެ.
ސެލިންކޯ އިންޝިއުރެންސްގެ އަންހެން މުވައްޒަފުންގެ ފަރާތުން އެ ކުންފުނީގެ ސީއޯއޯއަށް ފޮނުވައިފައިވާ ޝަކުވާގެ ސިޓީ "ދެން"އަށް ވަނީ ލިބިފައެވެ. އެ ސިޓީ ފޮނުވައިފައި ވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ބާރަ ވަނަ ދުވަހުއެވެ. ނަމަވެސް އެކަމާ މިހައިތަނަށް ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. އަދި މީގެ ކުރިން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަނގަބަހުން ވެސް ވަނީ މިކަމުގެ މައްސަލަ ކުންފުނީގެ މެނޭޖްމަންޓަށް ހުށަހަޅައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނަށް އަންގައިފައި ވަނީ މި މައްސަލަ ޖެންޑާއާ ހަމައަށް ނުވަތަ ފުލުހުންނާ ހަމައަށް ގެންދާނީ ކުންފުނިން އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެނަމަ ކަމަށެވެ. އަދި މައްސަލައިގެ އެއްވެސް އަޕްޑޭޓެއް ލިޔުމުން މުވައްޒަފުންނަށް ދިނުމަށް އެތަނުގެ ސީއޯއޯ ވަނީ ދެކޮޅު ހަދައިފައެވެ. އަދި އޭނާ ބުނެފައި ވަނީ ހެޑް އޮފީހުން މައްސަލަ ބަލަމުންދާ ކަމަށެވެ.
ސެލިންކޯ އިންޝިއުރެންސްގައި "ހެރޭސްމަންޓް ޕޮލިސީ"އެއް ވެސް ނޯންނަ ކަމަށާއި އަދި އެޗްއާރު ޑިޕާޓްމަންޓެއް ވެސް ނޯންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ސެލިންކޯ އިންޝިއުރެންސް އަކީ ސްރީލަންކާގެ ކުންފުންޏެކެވެ. އަދި އެތަނުގެ މެނޭޖްމަންޓުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ވެސް ސްރީލަންކާ މީހުންނެވެ. އެގޮތުން ސީއީއޯ އާއި ދެ މެނޭޖަރުންނަކީ ވެސް ސްރީލަންކާ ދެ މީހުންނެވެ.
‘ތުހުމަތު’ މީ ވަރަށް ނުރައްކާތެރި ބަހެއް. ހަގީގަތާ ހިލާފަށް މީހަކު ނޫނީ ބަޔެއްގެ އަބުރު ކަތިލާލަން އެންމެ ފަސޭހަގޮތް. އަންހެނަކު ބޭނުން ގޮތަކަށް ބަޔާން ދޭންވީ. ދޮގު ހެދިޔަސް މުޖުތަމައު ގަބޫލު ކުރާނީ އޭނަގެ ވާހަކަ.