ދުނިޔެ

ޕާކިސްތާނުން އިންޑިއާއަށް އެހީތެރިކަން ފޯރުކޮށްދޭން ހުށަހަޅައި ނަމޫނާ ދައްކައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްއާބާދު: އަވައްޓެރި އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން، އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުން އިންޑިއާއަށް ތަކެތި ހަދިޔާ ކުރުމަށް ހުށަހަޅައި، ނަމޫނާ ދައްކައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުން އިންޑިއާއަށް ހަދިޔާކުރާ ތަކެތީގެ ތެރޭގައި ވެންޓިލޭޓަރު ވެސް ހިމެނެއެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކާމެދު ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރުމަށް ވެސް ޕާކިސްތާނުން ވަނީ ހުށަހަޅާފައެވެ.

ޕާކިސްތާކުގެ ޚާރިޖީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާއަށް ބޭނުންވާ ތަކެތި ވީ އެންމެ އަވަހަކަށް ފޯރު ކޮށްދޭން ތައްޔާރަށް ތިބި ކަމަށާއި އެކަމަށް ޓަކައި ނިންމަންޖެހޭ ކަންކަން ނިންމުނުހާ އަވަހަށް އެތަކެތި ފޮނުވައިދޭނެ ކަމަށެވެ.

"އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިފަދަ ބަލިމަޑުކަމެއްގައި އެހީތެރިވުމަށް ޕާކިސްތާނުން ވަނީ އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ބައެއް ތަކެތި ފޮނުވަން ނިންމާފަ. އެ ތަކެތީގެ ތެރޭގައި ހިމެނެނީ ވެންޓިލޭޓަރާއި، ޑިޖިޓަލް އެކްސްރޭ މެޝިނާއި، ޕީޕީއީ ކިޓްގެ އިތުރުން ދެން ވެސް މިބަލިމަޑުކަމުގައި ބޭނުންވާނެ ބައެއް ތަކެތި" އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕާކިސްތާނުން އެހީތެރިކަމުގެ އަތެއް ދިއްކޮށްފައި މިވަނީ، އިންޑިއާގެ ހާލަތާ ގުޅޭގޮތުން ބޮޑު ވަޒީރު އިމްރާން ޚާން، ކަންބޮޑުވުން ފާޅު ކުރައްވާ، މި ބަލިމަޑުކަމުގައި އިންސާނިއްޔަތަށްޓަކައި އެންމެން އެކަތިގަނޑަކަށްވުން މުހިންމުކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ރުޅިވެރިކަމާއި ވާދަވެރިކަމަށް ފިނިކަމެއް ނުލިބި ދިގު ދެމިގެން ދިޔަ ނަމަވެސް އިންޑިއާގެ ރައްޔިތުންނަށް ދިމާވެފައި މިވާ ހާލަތާ ގުޅިގެން ޕާކިސްތާނުގެ އާންމުން ވެސް ދަނީ އެމީހުންގެ ހެޔޮ ދުޢާ އިންޑިއާއާއެކުގައި އޮތް ކަން ހާމަ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!