އެއް ގަޑިއިރު ވަންދެން ވައިގައި ހުންނަ ކޮވިޑް-19 ވޭރިއަންޓެއް ލަންކާގައި ފެތުރެނީ
ގާތްގަނޑަކަށް ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލައިފައި ހުންނަ ކޮވިޑްގެ ވޭރިއަންޓެއް ސްރީލަންކާއިން ފެނިއްޖެއެވެ.
ސްރީ ޖަޔަވަރްދެނަޕޫރާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ ސައިންސަސްގެ ވެރިޔާ ނީލިކާ މަލަވިގޭ ވިދާޅުވީ، އަލަށް ފެނުނު މި ވޭރިއަންޓަކީ މީގެ ކުރިން ފެނުނު ވޭރިއަންޓްތަކާ އަޅައިބަލާއިރު ހަލުވި ވޭރިއަންޓެއް ކަމަށެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އައު ވޭރިއަންޓު ކުއްލި ގޮތަކަށް ފެތުރެން ފަށައިފައި މިވަނީ މިދިޔަ ހަފްތާގައި ފާހަގަކުރި ލަންކާގެ ސިންހަޅަ އައު އަހަރުގެ ހަފްލާތަކަށް ފަހުއެވެ. އައު އަހަރު ފާހަގަ ކުރަން ލަންކާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްތަންވެފައެވެ.
ލަންކާގެ ކަމާބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ގޮތުން މި ވޭރިއަންޓްގެ ސަބަބުން ލަންކާއަށް ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް އަރާނެއެވެ. މި މަހުގެ މެދު ތެރޭގައި ދުވާލަކު 150 މީހުން ފައްސިވި ނަމަވެސް މިހާރު ދުވާލަކު 600 މީހުން ދަނީ ފައްސިވަމުންނެވެ. މިއާއެކު އެޤައުމުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިގޮތުން ސްކޫލުތައް ބަންދު ކުރުން ހިމެނެއެވެ.
ލަންކާގައި މިހާރު ކޮވިޑް-19 ޖެހިގެން 642 މީހުން މަރުވެފައިވާ އިރު، މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުންނަަށް މި ބަލި ވަނީ ޖެހިފައެވެ.