“ބައްޕަގެ ފުރާނަ ސަލާމަތް ކުރަން ފައިމައްޗަށް ވެއްޓުނިން، އެކަމަކު ޑޮކްޓަރުން ވަނީ އިހުމާލުވެފައި”
އޮކްސިޖަން ގުޅައިފައި އޮތް ހާލު ދެރަ ބަލި މީހެއްގެ ފުރާނަ ދުއްވާލީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތުކޮށްފިއެވެ.
އިންޑިއާގެ އަވަށެއް ކަމަށްވާ ގުޖްރާތުގައި ހިނގައިދިޔަ މި ހާދިސާ އާއިލާއިން ވަނީ ތަފްސީލްކޮށް ކިޔައިދީފައެވެ. 65 އަހަރުގެ ޗަގަން ޗަރޯލާ ޖަމްނާގަރް ޖީޖީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ކޮވިޑް-19 އަށް ފައްސިވެ، ނޭވާލާން އުނދަގޫވެ ހާލު ދެރަ ވެގެންނެވެ.
އޭނާގެ އަނބިމީހާ ބޭރުގެ ނޫހަކަށް ރިޕޯޓުކުރިގޮތުގައި ފިރިމީހާ އޮކްސިޖަން ގުޅައިފައި އޮތްއިރު ރަނގަޅަށް ނޭވާލަމުން ދިޔައެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރެއް އައިސް އޮކްސިޖަން ދަށްކުރި ކަމަށް އޭނާ ބުންޏެވެ.
“ އަހަރެން އާދޭސްކުރިން ޑޮކްޓަރު ކައިރީގަ އެހެން ނުހަދާށޭ. ފައިމައްޗަށް ވެއްޓުނިން. އޭނާގެ ފުރާނަ ސަލާމަތްކޮށްދޭށޭ. އެކަމަކު ޑޮކްޓަރު ބުނީ އެހެން ހެދީ މަތީ އިދާރާތަކުގެ އޯޑަރަކަށް ކަމަށް” ޗަރޯލާގެ އަނބިމީހާ ކިޔައިދިނެވެ.
އެދުވަހު އޮކްސިޖަން ދަށް ކުރުމުން ބައްޕަގެ ހާލު ދެރަވާން ފެށި ކަމަށާއި ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެގެން އުޅުނު ކަމަށް ޗަރޯލާގެ ފިރިހެން ދަރިފުޅު ބުނެއެވެ.
“ ގުޅާފައި ހުރި އޮކްސިޖަން ފަހުން ކަނޑާލީ އެމީހުން. ބައްޕައަށް ނޭވާލާން އުނދަގޫވެގެން ވަރަށް ވޭނުގަ އުޅުނީ. މަންމަ ކުރިމަތީގައި އަދި އެއީ. މަންމަ ބުނީ މަންމަ ކުރިމަތީގަ އޭ ހޮސްޕިޓަލުން މީހަކު އައިސް ގުޅާފައިހުރި އޮކްސިޖަން އެއްކޮށް ނައްތާލީ” ޗަރޯލާގެ ފިރިހެން ދަރިފުޅު ކިޔައިދިނެވެ.
މި ހާދިސާ މިހެން ހިނގައިދިއުމުން ޖަމްނަގަރްގެ ޑިސްޓްރިކްޓް ކަލެކްޓާ، ރަވީ ޝަންކަރް ވަނީ ކަން ހިނގައިދިޔަ ގޮތް އާންމުންނާ ހިއްސާކޮށްފައެވެ. އޭނާ ބުނީ ބަލި ޖެހޭ މީހުން އިތުރުވުމުގެ ސަބަބުން ނަރުހުންނާއި އަތްގާތްކޮށްދޭ މީހުން އިންތިހާޔަށް މަދުވި ކަމަށެވެ. އެހެންކަމުން ބަލި މީހާގެ އާއިލާ މީހުންނަށް އެހީވެދޭން ތިބެވޭގޮތް ހަދާފައިވާނެ ކަމަށެވެ. އެގޮތަށް ގެންނަ މީހުން ނަރުހުން ނުތިބޭ ގަޑީގައި އަވަހަށް ރަނގަޅުވާނެ ކަމަށް ހީކޮށް އޮކްސިޖަން މަތި ކުރަމުންދާ ކަމަށެވެ.
އޭނާ ބުނީ ކޮންމެ މީހަކަށް ވެސް އޮކްސިޖަން ދެވިފައިވާނީ އެމީހެއްގެ ހާލަތަށް ރިޔާޔަތްކޮށް ކަމަށެވެ. އެހެންކަމުން ނަރުހުންނާއި ޑޮކްޓަރުންގެ ބަހަކާ ނުލައި އެފަދަ ކަންތައްތައް ކުރުމުން ބަލި މީހާއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. އެގޮތުގެ މަތިން ވަކި ގަވާއިދެއް ހަދައި އެއާ އެއްގޮތަށް މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ބުންޏެވެ.
ޗަރޯލާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ އޭޕްރީލް 14 ވަނަ ދުވަހުގައެވެ. ޗަރޯލާގެ މަރާ ގުޅިގެން އާއިލާއިން ވަނީ ނުރުހުން ފާޅުކޮށް އެކަމުގެ ޒިންމާ ހޮސްޕިޓަލުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.
ދިވެހިންނަށްް ވިސްނޭނީ ކިހާވަރެއް ވީމަބާ