ރިޕޯޓް

އިޞްލާޙްވާންވީ ރައީސް ޞާލިޙެވެ.

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ފޮޓޯ: ޖެރީ/އަވަސް

އަދަކު ނޫނީ މާދަމާޔަކު ރައީސް ޞާލިޙް ކެބިނެޓް އިޞްލާޙް ކުރައްވަނީއެވެ. ކެބިނެޓްގައި ހުސްކޮށް އޮތް މަގާމަށް ބޭފުޅަކު ލައްވައި ، އެތަނުގައި ހުރި އެތި މިތަނަށް ، މިތަނުގައި ހުރި އެތަނަށް ލައްވަނީއެވެ. ރަނގަޅަށް މަސައްކަތް ކުރެއްވޭނެ ގޮތް ހައްދަވަނީއެވެ.

Ads by MWSC

މި ކަމުގައި ރައީޞް ޞާލިޙްގެ މަޤުޞަދާ ގުޅެނީ ދެ ކަމަކާއެވެ. އެއް ކަމަކީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ރައްޔިތުން އިއްވި ބަސް ޤަބޫލު ކުރެއްވުމެވެ. ވައްކަމާއި ޖިންސީ ގޯނާއާއި ފުރައްސާރަ ކަމަކު ނުދެއޭ ބުނެ ރައްޔިތުން އިއްވި ބާރު އަޑު ކަންފަތަށް އިވި ވަޑައިގަތް އެއަށް ޢަމަލު ކުރެއްވުމެވެ. ނުވަތަ އޮފް ކެނޑިއްޖެކަން ގަބޫލު ކުރައްވައި ބާކީ އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި މަތީ ފަޑީގައި ގަދަކޮށް ހުންނެވޭނެ މަގު ފަހި ކުރެއްވުމެވެ. ދައުރުގެ މެދުތެރެއިން މިއައި ޓްރާންސްފަރ ވިންޑޯގައި ޓީމު ވަރުގަދަ ކޮށްލައްވައި 2023އަށް ނިކަން ގަދަކޮށްލެއްވުމެވެ.

ކެބިނެޓަށް ގެންނަވާ ބަދަލާ ގުޅިދާނެ އަނެއް ގޮތަކީ ވުމަށް ވުރެ ނުވުން ގާތް ގޮތެކެވެ. އެއީ ޕާޓީ ތެރޭގައި ރޯވަމުން އަންނަ އަލިފާންގަނޑަށް ފެން ޖައްސަވައިލެއްވުމެވެ. ކޯލިޝަން ޕާޓްނަރުން ކޮންމެވެސް ވަރަކަށް އެއް ފަރާތް ކޮށްލައްވައި ރައީސް ނަޝީދުގެ ބަސްފުޅަށް ތިމަން މަނިކުފާނު އިހްތިރާމް ކުރައްވާކަން ދައްކަވައި ލެއްވުމެވެ. ކޮންމެއަކަސް ، ބޮޑެތި ނުބައި އެ ތަނެއްގައި އޮތް ކަމަށް ޚުދު ރައީސް ޞާލިޙް ވެސް ޤަބޫލު ކުރައްވާ، ޓްރާންސްޕޯޓް މިނިސްޓްރީން އައިޝަތު ނަހުލާއާއި ރައީސް ނަޝީދުގެ ފެކްޝަންގެ އެއް ޓަރގެޓް އަޙުމަދު މަޙްލޫފް މަގާމުން ފޭކުރައްވައިފި ނަމަ މި ދެންނެވި ގޮތް ގަބޫލު ކުރުމުގެ ފުރުސަތު އެބައޮތެވެ.

ވަޒީރުންގެ މަޖިލީހަށް ވަޒީރުން ލެއްވުމާއި ވަކި ކުރެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައި އޮތް ފުޅާ ބާރެކެވެ. އެއީ އެ މަނިކުފާނަށް ބޭނުން އިރަކު ކުރެއްވެން އޮތް ކަމެކެވެ. "ބޮޑު މަޝްރޫޢެއް"ގެ ގޮތަށް ކުރިއާލައި އިޢުލާން ކުރައްވައިގެން ވިޔަސްމެއެވެ. ރައްޔިތުން އަބަދުވެސް އެދި ތިބެނީ ބަދަލުތައް ހެޔޮ ބަދަލުތަކަކަށް ވުމަށެވެ. ނަމަވެސް ރައީސް ޞާލިޙްގެ ވެރިކަމަށް ދެ އަހަރާއި ބައިވެ ހިމަކޮޅަށް ދަތުރު ފަށައިފައިވާއިރު ، ވެންޓިލޭޓަރުގެ ވައްކަމުގައި އަމުދުން އުންސުރު ހަމަނުވި ނަމަވެސް ، ފައިސާ ދެއްކި ޢަދަދަށް ވެންޓިލޭޓަރު ނުލިބޭކަން އެންމެންނަށް އެބައެނގެއެވެ. ރޯޔަލް ސަފާރީ ރޭޕްކޭސްގައި ކެންޔާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ނުބެލޭކަން އެންމެންނަށް އެބަ އެނގެއެވެ. ލާދީނީ ރިޕޯޓްތައް ނެރުނު އެމްޑީއެންއާއި އުތެމަ ތިބީ ރައީސް އޮފީހާއި މުޅި ދައުލަތުގައި ފައި ހިއްޕައިލައިންކަން ކޮންމެ ދުވަހަކު އެބަ ފެނެއެވެ. ގައުމުގެ އިސްތިގުލާލަށް އަސަރުކުރާ ސިއްރު ފަހުމުނާމާތަކުގައި ސޮއި އަޅަމުންދާކަން އެބައެނގެއެވެ.

މި ފަދަ ހުރިހާ ކަމަކީ ގައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމާޔަތް ކުރައްވަން ހުވާ ކުރައްވައިގެން އެއިރަކު ހުންނަވާ ވެރިއަކާ ސީދާ ގުޅޭ ކަންކަމެވެ. ބޯހިޔާވަހިކަން ފަދަ އަސާސީ އެތައް ޚިދުމަތެއްގެ ޒައްރެއްގެ މިންވަރު ވެސް ފޯރުކޮށް ނުދެވި ގައުމެއްގެ ޙަޔާތުން ފަސް އަހަރު ގުނާލެވެން ކައިރިވާ މި ހިނދުގައި އިޞްލާޙް ވާންވީ ރައީސުލްޖުމްހޫރިއްޔާއެވެ. މަސައްކަތް ނުކުރެއްވޭނަމަ ވަކި މީހެއްގެ އަނތްބަކަށް ނުބަލައި ވަކި ޕާޓީއެއްގެ ލީޑަރަކަށް ނުބަލައި ފިޔަވަޅު އެޅުއްވުމުގެ ކެރުންތެރިކަން ހުންނަވަންވީ ރައީސުލްޖުމްހޫރިއްޔާގެއެވެ. ޖިންސީ ގޯނާގެ ޢަމަލުތައް ހިންގާ މީހުންދެކެ އިންތިހާއަށް ކޯފާވާންވީ ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. އެފަދަ ޢަމަލުތަކާ ދެކޮޅަށް ނިކުންނަ ޒުވާނުން ކޮޅެއް ފުލުހުންގެ މެދަށް ލައި އެމީހުންގެ ލޮލަށް ބޮލަށް ޕެޕަރ ސްޕްރޭ ޖެހުމުން އެއީކީ އަދި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުނީކީ ނޫނެވެ. އެއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތު އޮތް ރައީސުލް ޖުމްހޫރިއްޔާއަށް އެ މަސްޢޫލިއްޔަތު އަދާ ކުރެއްވުނީކީ ވެސް ނޫނެވެ.

ކެބިނެޓް ބަދަލު ވުމަކުން ، ތަނެއްގެ ނަން ބޯޑު ބަދަލުވުމަކުން ވާނެ އިޞްލާޙެއް ނެތެވެ. ފުރަތަމަ އިޞްލާޙް ވާންވީ ހުރިހާ ބާރަކާއި އާރެއް އޮތް ރައީސުލް ޖުމްހޫރިއްޔާއެވެ. އަމިއްލަ ނަފްސެވެ. އިޞްލާޙީ ބަދަލެއް އިޢުލާން ކުރައްވައިފައި ، ޖެހިގެން އައި ދުވަހު ޒުވާނުންތަކަކަށް އަނިޔާ ކުރުމުން އެ ވެވުނީ އިޞްލާޙެއް ނޫނެވެ. އެ އެނގުނީ އިޚްލާޞްތެރި އިޞްލާޙެއް ވާން ފިކުރުގައި ވެސް ނެތް ކަމެވެ.

Ads by Allied Insurance
  1. އައިސް

    ސަޅި

  2. ނަރެލް

    ލިޔުންތެރިކަމުގެ ސާދާ ދިވެހިވަންތަކަމެއްނެތް ހީކުރިހާ ތަނަވަސްކަމެއްގެ ކުލަވެސް ނެތް

  3. ގައުމީ ކަންކަމުގާ އިސްރަށްވެހިންނަށް ފުރުސަތު ނުދެނީ ބާ؟ނީނީ އެފަދަ ޒިންމާއެއް އަދާކުރެވޭ ވަރުގެ އިސްރަށްވެހިން މިގައުމުގާ ފަހެ ނެތީބާއޭ ހިތަށް އަރާ

  4. ދެރަހާލަތު

    ފޮޓެއިން ފެންނަ އަނހެނާގެ ލަދުހަޔާތެއް ނެތުމާ އަހްލާގެއް ނެތުމީ އެއަންހެނާގެ މައިންބަފައިން ލަދުގަންނާނެ ކަމެއް.