ޚަބަރު

ކޮވިޑަށް ފައްސިވި މާބަނޑު އަންހެނެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދަރުމަވަންތަ ހޮސްޕިޓަލް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19އަށް ފައްސިވެ މާބަނޑު އަންހެނެއްގެ ހާލު ދެރަވެ، އޭނާއަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. މިއީ ރާއްޖޭގައި މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ޓެގް ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަ މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަަމަށެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު އަންހެނެކެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި، ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

ޑރ. މުޙައްމަދު ޢަލީ ވިދާލުވީ މީގެ ކުރިން މާބަނޑު މީހުންނަކީ ހައިރިސްކް ކެޓަގަރީގައި ހިމެނޭ ބަޔަކަށް ނުވި ނަމަވެސް މި ކޭސްއާއެކު ހާލަތު ބަދަލު ވެފައިވާ ކަމަށެވެ.

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު އަންނަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން މިއަދު ރާއްޖެއިން މިބައްޔަށް 601 މީހުން ފައްސި ވެފައިވެއެވެ. އަދި މިއަދަދާއެކު މިހާރު ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 31،330 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!