ލައިފްސްޓައިލް

ތިބާ އެންމެން ސަލާމަތް ކުރިއެވެ. އާޚިރުގައި ގެނބުނީ ތިބާއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާ ބޮޑަށް ރަނގަޅު ވެވެނީއެވެ. މާ ބޮޑަށް އެހެން މީހުންގެ އުފާތަކާމެދު ވިސްނެނީއެވެ. މާ ބޮޑަށް އަނެކާއަށް ގެއްލުމެއް ލިބިދާނެތީ އެކަމާ ދެރަވަނީއެވެ. މާ ބޮޑަށް އަނެކާއަށް އަނިޔާއެއް ލިބިދާނެތީ ސަމާލު ވެވެނީއެވެ. މާ ބޮޑަށް އަނެކާއާ ދޭތެރޭ ވިސްނެނީއެވެ.

Ads by STELCO

ނޭނގުނަސް މިހުރީ ހުސް މައްސަލައެވެ. ތިބާގެ އަމިއްލަ ދިރިއުޅުމަށް ވުރެ ބޮޑަށް އަނެކާއާ ދޭތެރޭ ވިސްނުމުން ވާނެހާ އެއްޗެއް ތިވަނީއެވެ. މިބުނަނީ އަނެކާއާ ދޭތެރޭ ނުވިސްނާށެކޭ ނޫނެވެ. ނަމަވެސް މާ ރަނގަޅު ވާން ވެގެން ތިބާގެ އަމިއްލަ މަސައްކަތް ނުކޮށް އަނެކާގެ މަސައްކަތް ކޮށްދިނުމުން އޮންނާނީ ނިޔަދުރު ކެވިފައެވެ. ނިޔަދުރަކީ ހިތި އެއްޗެކެވެ.އޭގެ ހިތި ރަހަ ލާނީ ތިބާގެ އަރު ތެރޭގައެވެ. އަނެކާގެ އަތުތެރޭގައެއް ނޫނެވެ.

ކޮލެޖަށް ކިޔަވަން ގޮސްފައި ތިބާގެ އެސައިންމެންޓު ނުނިންމާ ތިޔަ ނިންމައިދެނީ ރައްޓެހި ކުއްޖާގެ އެސައިންމަންޓެވެ. ވަގުތަށް ތިބާގެ އެސައިންމެންޓު ނުނިމި މާކްސް ކެނޑެނީ އޭނާގެ އެސައިންމަންޓަކުން ނޫނެވެ. އޭނާ ވަގުތަށް އެސައިންމަންޓް ހުށަހެޅިއިރު ތިބާ އުޅުނީ އަދިވެސް އެކަމުގައި ބޯ ގާނާށެވެ. އޭނާގެ ބޭނުން ފުރިހަމަ ވުމުން ތިބާ އެސައިންމަންޓް ހެދިތޯ ނުހަދައިތޯ ވެސް ބަލާކަށް އޭނާ ބޭނުމެއް ނުވާނެއެވެ.

ވަޒީފާއަށް ގޮސްފައި އަމިއްލަ މަސްއޫލިއްޔަތު ފުރިހަމަ ނުކޮށް ތިޔަ ބަލަނީ އަނެކާއަށް އެހީތެރިވެދެވޭތޯއެވެ. އޭނާ އޮފީހަށް ނައިސް ގޭގައި އޮތަސް އަބަދު އޮފީހަށް ގޮސްފައި ބޭރުގައި ސައި ބޯން އިނަސް ތިބާ އޭނާގެ މަސައްކަތްތައް ނިންމައިދެއެވެ. އެހެންވީމާ އޭނާ ތިބާއާ ދޭތެރޭ ނުވިސްނާނެެއެވެ. ކަމެއް ނުކޮށް ކޮންމެ މަހެއްގެ ވެސް މުސާރަ އޭނާއަށް އެބަ ލިބެއެވެ. އާޚިރުގައި އަނެއްކާވެސް ނިޔަދުރުގެ ހިތި ރަހަ ގަދަވަނީ ތިބާގެ އަރުތެރޭގައެވެ. ވަޒީފާގައި އެކި ކަހަލަ ފިޔަވަޅުތައް އަަޅައި ވަޒީފާއިން ކަނޑާލާ ހިސާބަށް ދަނީ ތިބާގެ މަސައްކަތްތައް ފުރިހަމަ ނުވާތީއެވެ. މަސަައްކަތް ކުރީ ތިބާއެވެ. ފުރިހަމަ ވީ އޭނާގެ މަސައްކަތެވެ.

މިއީ އަދި ދެތިން މިސާލެއް ތާއެވެ. މިފަދަ އެތައް ކަމެއްގައި އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިބާ އެހެން މީހުން އިސްކޮށްފައި އެބަހުއްޓެވެ. އެކަމުގެ ސަބަބުން ބޭޒާރު ވަނީ ތިބާއެވެ.

ބުނަން ހެއްޔެވެ. މީހުންނަށް އެހީވެސް ވާން ވާނެއެވެ. މީހުން ބުނާ ކަންކަން ކޮށްދޭން ވެސް ވާނެއެވެ. މަދަދުވެރިވެ އަބަދުވެސް ވާގިވެރި ވާން ވާނެއެވެ. ނަމަވެސް އޭގެ ސަބަބުން ތިބާއަށް ގެއްލުން ވާނަމަ އެއީ މައްސަލައެކެވެ. ތިބާ އެސައިންމެންޓް ނިންމާފައި އަނެކާއަށް އެހީވާށެވެ. އެސައިންމެންޓު ހަދައިދޭނީއެއް ނޫނެވެ. އޭރުން އެހީތެރިވެދެވެނީ ކަމަށް ހީކުރެވުނަސް ހަގީގަތުގައި އޭނާއަށް ތިޔަ ކުރެވެނީ އަނިޔާއެކެވެ. އެކަމުގެ ސަބަބުން އޭނާއަަށް ވާނީ ފަހުން ގެއްލުމެވެ.

ވަޒީފާގެ މާހައުލަށް ނުކުމެފައި ވެސް ތިބާގެ މަސައްކަތް ނިންމާފައި އަނެކާގެ މަސައްކަތްތައް ކޮށްލަދޭށެވެ. އަނެކާއަށް އެހީތެރި ވެދޭށެވެ. އެންމެ ފުރަތަމަ ތިބާއަށް ވެރިމީހާ އަންގާފައި އޮންނަ ކަންތައް ކުރާށެވެ.

ގިނަ ބަޔަކު ކަނޑުވެގެން އުޅޭއިރު ވެސް ތިބާ ގޮސް ފަހަރަކު މީހަކު ތިޔަ ސަލާމަތް ކުރަނީއެވެ. ސަލާމަތް ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް ތިމަންނާއަށް ޔަގީނުން ވެސް ދެން ނުވާނެ ކަން އެނގުމުން ނުވަތަ ދެން އަނެކާ ސަލާމަތް ކުރަން އުޅެގެން ގެނބޭނީ ތިމަންނާކަން އެނގުމުން މަޑުކޮށްލާށެވެ. އެހެން ނޫންނަމަ އެންމެން ސަލާމަތް ކޮށްފައި ތިބާ ގެނބޭނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!