މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކާފިޢުގެ ވަގުތުގައި، ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށާއި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 7،109 އަށް ވަނީ އަރައިފައިވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 734 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.
މީގެ ކުރިން އެންމެ ފަހުން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. އެއީ ރޭގަނޑު 11 އިން ފަތިހު 4:30 އަށެވެ. އެފަހަރުގެ ކާފިއު 2 މަސް ދުވަހަށް ދެމިގެން ދިޔައެވެ.