ދީން

ރޭސް ނިމޭ ރޮނގު ފެނުމުން އަސް ވެސް އިތުރު ހިތްވަރެއް ލައެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހަކީ ﷲ ތަޢާލާގެ ފުއްސެވުމާއި ރުއްސެވުން ހޯދުމުގައި އޮތް ރަނުގެ ފުރުސަތެކެވެ. ރޯދައިގެ މަތިވެރިކަމުގެ ތެރެއިން ހިމެނިގެންދާ ކަންތައްތަކުގެ ތެރެއިން، ފާފަތައް ފުހެވުމުގެ ސަބަބެއް ކަމުގައާއި، ފާފަތަކަށްވާ ކައްފާރާއެއް ކަމުގައި ރަމަޟާން މަހުގެ ރޯދަވުން ހިމެނިގެން ވެއެވެ.

Ads by MWSC

ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ))[1]

މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ރަމަޟާން މަހުގެ ރޯދަ ހިފައިފިމީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިގެންދާނެއެވެ.”

އެބަހީ؛ ﷲއަށް އީމާންވެ އަދި އެއިލާހު އޭނާގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވިކަމުގެ މައްޗަށް ރުހޭހާލު، ޘަވާބާއި ދަރުމައަށް އެދި، އަދި ރޯދަ ފަރުޟު ކުރައްވާފައިވާ ކަމުގެ މައްޗަށް އެއްވެސް ނަފުރަތްތެރިކަމެއް ނެތި، އަދި ރޯދައިގެ ޘަވާބާއި ދަރުމައާމެދު އެއްވެސް ޝައްކު ކުރުމަކާ ނުލައި ރޯދަ ހިފާ މީހުންނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވައެވެ.

ރޯދައިގެ މަތިވެރިކަމަށް ބަލައިލާއިރު، އެ މަތިވެރިކަމުގެ ތެރޭގައި، ރޯދައިގެ ޘަވާބަށް ވަކި އަދަދެއް އައްޔަން ކުރެވިފައި ނުވުން ހިމެނިގެންވެއެވެ. އަދި ކިއެއް ހެއްޔެވެ. ރޯދަވެރިޔާއަށް ﷲ ތަޢާލާ އަޖުރު ދެއްވަނީ ހިސާބަކާ ނުލައެވެ.

އަދި އިމާމް މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ.

((كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ بعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ تعَالَى إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى))[4]

މާނައީ:” އާދަމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ގުނައިން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރު ކުރެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެރޯދަވަނީ ތިމަން އިލާހަށެވެ. އަދި އެރޯދައަށް ޖަޒާ ދެއްވާނީ ވެސް ތިމަން އިލާހީމެވެ. އޭނާ ޝަހުވަތާއި ކެއުންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ.”

މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރި ދުވަސްތަކާ އަހަރެމެންނާ މިވަނީ ބައްދަލު ވެފައެވެ. ރޭސް ނިމެން ކައިރިވެފައިވާއިރު އިތުރު ހިންމަތެއް ކޮށްލާ މި ދުވަސްތަކުގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ނަގަމާ ހެއްޔެވެ؟

ރަމަޟާން މަހުގެ ފަހު 10އާ ބެހޭ ގޮތުން އިމާމް އިބްނުލް ޖައުޒީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ.

"ރޭސް ނިމޭ ރޮނގު ފެނުމުން މޮޅުވުމަށް ޓަކައި އަސް އެއަށް ލެވުނު ހިތްވަރެއް ލައި އިތުރަށް މަސައްކަތް ކުރެއެވެ. ވީމާ އަހަކީ ތިބާއަށް ވުރެ ތޫނު ފިލި އެއްޗެއް ކަމުގައި ނުހަދާށެވެ."

ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. މި ބަރަކާތްތެރި މައްސަރު ނިންމާ ރޮނގު މިހައިރު މި އޮތީ ފެންނާށެވެ. ވޭތުވެދިޔަ ދުވަސްތަކުގެ އަޅުކަންތައް އަދާކުރި ގޮތަށް ، އިތުރު ހިތްވަރެއް ލައި ރޭސް ނިންމައި އެކަކު އަނެކަކަށްވުރެ ކުރިއަރައި ދާން މަސައްކަތް ކުރަމާ ހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!