މިއަދުގެ 5ވަނަ މަރު: ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
މިއީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި ފަސްވަނަ މީހާއެވެ.
ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ 80 އަހަރުގެ ފިރިހެނެކެވެ.
މި މަރާއެކު މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި 79ވަނަ މީހާއެވެ. މިއަދު ރާއްޖެއިން އިތުރު ހަތަރު މީހަކު ވެސް ކޮވިޑް ޖެހިގެން ނިޔާވެފައި ވެއެވެ. އޭގެ ތެރެއިން އެކަކީ ކަރަންޓީނުވުމަށް ރާއްޖެއައި އިންޑިއާ މީހެކެވެ. ދެން ނިޔާވި ތިން މީހުންނަކީ ދިވެހީންނެވެ.
މި ތިން މީހުންގެ ތެރެއިން ރޭ މެންދަމު 3:18ގައި ކޮވިޑް ފެސިލިޓީގައި ނިޔާވި މީހަކީ 77 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އަނެއް މީހާއަކީ މިއަދު މެންދުރު 12:30ކަށް ހާއިރު ނައިފަރުގައި ނިޔާވި 76 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނައިފަރުން ނިޔާވި ދެވަނަ މީހާ އަކީ މިރޭގެ ވަގުތެއްގައި ނިޔާވި 97 އަހަރުގެ އަންހެނެކެވެ.