ސިނޮފާމު ވެކްސިނަށް ޑަބުލިޔުއެޗުއޯއިން ހުއްދަ ދީފި

ކޯވިޑް-19އަށް ޗައިނާއިން އުފައްދާފައިވާ ސިނޮފާމު ވެކްސިން ކުއްލި ޙާލަތްތަކުގައި ބޭނުންކުރުމުގެ ޙުއްދަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯއިން ދީފިއެވެ.
ޑަބުލިޔުއެޗުއޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމްޢިއްޔާއިން ލަފާދެނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިންގެ ދެ ޑޯޒު ދިނުމަށާއި ވެކްސިނުގެ ދެ ޑޯޒްގެ ދެމެދުގައި ތިނެއް ނޫނީ ހަތަރު ހަފުތާގެ ދުރުމިނެއް ބެހެއްޓުމަށެވެ.
މީގެ ކުރިން ޑަބްލިޔުއެޗުއޯއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި ޖޮންސަން އެންޑު ޖޮންސަންގެ ވެކްސިނާއި މޮޑަރނާގެ ވެކްސިނާއި ފައިޒަރ ވެކްސިންގެ އިތުރުން އެސްޓުރަޒެނަކާ ވެކްސިން ބޭނުން ކުރުމަށް ހުއްދަދީފައިވެއެވެ.
ސީނޯފާމު އުފެއްދި ބެއިޖިންގް ޕުރޮޑަކްޓުސް އިންސްޓިޓިއުޓުން ބުނީ ކޯވިޑް-19އާ ދެކޮޅަށް އެ ވެކްސިނުގެ ކާމިޔާބީގެ ނިޞްބަތަކީ 79 އިންސައްތަކަމަށެވެ.
ރާއްޖޭގައި ބޭނުންކުރާ ވެކްސިންތަކުގެ ތެރޭގައި ސިނޯފާމް ވެކްސިން ހިމެނެއެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.