ނަޝީދަށް ދިން ހަމަލާއާ ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުން ހުރި ކަންތައްތަކެއް ފެނޭ: ޕީޖީ ޝަމީމް

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުން ހުރި ހަމަލާއެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުންނަށް ބަލާއިރު، މިއަމަލަކީ ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅުން ހުރި ހަމަލާއެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި އިތުރު މޯޓިވްއެއް އޮތްތޯ ބަލަމުންދާ ކަމަށެެވެ.
"މި މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި ކަންކަމަށް ބަލާއިރު ހަރުކަށި ކަންކަމާ ގުޅުން ހުރި ކަންކަން ހިނގާފައިވާ ކަން ފާހަގަ ކުރެވޭ." ޝަމީމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ވަނަވަރާއި ހަމަލާ ދޭން އައިއީޑީ ގޮއްވާލި މަންޒަރު ދައްކުވައިދިން ވީޑިއޯ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހެއް ކަމަށް ބުނެ ދައުރުވަމުން އަންނަ ފޮޓޯ
ހައްޔަރުކުރި މީހުންގެ ފޮޓޯ އާއި ވަނަވަރުގެ އިތުރުން ހަމަލާގައި ބޭނުންކުރި އައިއީޑީ ގޮއްވާލި ކަމަށް ބެލެވޭ މީހާގެ ފޮޓޯ ހާމަކޮށް އެ މީހާގެ މައުލޫމާތު އާންމު ކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް މިއަދު ގެ ބައްދަލުވުމުގައި ވެސް އެދިލައްވާފައެވެ. އެގޮތުން އެ މީހާއާ ބެހޭ މައުލޫމާތު ލިބިފައިވާނަމަ 9704000 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިލައްވާފައިވެއެވެ. އަދި އެފަދައިން މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރެވޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގެއިން ހަށިފާރަވެރިންނާއެކު ނުކުމެވަޑައިގެން ހިންގަވައިފައި ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރުކޮޅާ ވަރަށް ކައިރިއަށް ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ.