މަސްޖިދުލް އަޤްސާއަށް އިޒްރޭލުން ދިން ހަމަލާގައި ފަަލަސްތީނުގެ 200 އަށްވުރެ ގިނަ މުސްލިމުން ޒަޚަމް ކޮށްލައިފި
މަސްޖިދުލް އަޤްސާއަށް އިޒްރޭލު ސިފައިން ދިން ހަމަލައިގައި ފަލަސްތީނުގެ 200އަށް ވުރެ ގިނަ އާންމުން ޒަޚަމް ކޮށްލައިފިއެވެ.
އިޒްރޭލުން ހިފައިފައިވާ ޤުދުސްގެ މަސްޖިދުލް އަޤްސާގައި، މި މާތް ވެގެންވާ ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި މުސްލިމުން އަޅުކަމުގައި ވަނިކޮށް އިޒްރޭލުން ވަނީ އެތަނަށް ވަދެ ހަމަނުޖެހުން އުފައްދައި ހަމަލާދީފައެވެ. އެގޮތުން ރޭ ދިން ހަމަލާގައި 200 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޒަޚަމް ކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އިއްޔެއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ހުކުރު ކަމުން، މާތް ވެގެންވާ އަޤްސާއަށް އެތައް މުސްލިމުންނެއް ވަނީ ހުކުރަށް ގޮސްފައެވެ. އަދި ބައެއް މުސްލިމުން ވަނީ އެމީހުންގެ ގެދޮރު އަނބުރާ ދިނުމަށް ގޮވާލައި އެ ސަރަޙައްދުގައި މުޒާހަރާ ވެސް ކޮށްފައެވެ.
އިޒްރޭލުގެ ސިފައިން ވަނީ މުސްލިމުން އަޅުކަން ކުރުން ހުއްޓުވައި، މުޒާހަރާ ވެސް ރޫޅައިލުމަށް ކަރުނަ ގޭހާއި ރަބަރު އުންޑަ ވެސް ބޭނުން ކޮށްފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމްއިއްޔާއިން ބުނިގޮތުގައި އިޒްރޭލުގެ ޙަމަލާތަކުގައި 200 އަށްވުރެ ގިނަމީހުން ޒަޚަމްވިއިރު އޭގެތެރެއިން 80 މީހުންނަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ. އަދި އެނޫން މީހުންނަށް ފަރުވާ ދިނީ މަގުމަތީގައެވެ.
މި ޙަމަލާތަކާއެކު ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކާ ދެމެދު މަސްޖިދުލް އަޤްސާގެ ތެރޭގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ.