ޚަބަރު

އަލީ ނިޔާފްގެ ނުރުހުން އެޗްޕީއޭއަށް: އުޒުރު ދެއްކުމެއް ނެތް، ގޯހަކަށްފަހު ގޯހެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮވިޑްގެ އެންމެ ބޮޑު ނުރައްކާތެރިކަމެއް އޮތް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކުޅުންތެރިން ރާއްޖެއައުމަށް ހުއްދަދީ ، އެމީހުން ބޭރުތެރެއަށް ނިކުމެއުޅޭތީ ޑޮކްޓަރ އަލީ ނިޔާފް ވެސް ނުރުހުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

އެޗްޕީއޭއަށް އަމާޒުކޮށް ނުރުހުން ފާޅުކުރި ޓްވީޓްގައި އަލީ ނިޔާފް ވިދާޅުވީ އިންޑިއާ ޓީމް ރާއްޖެ އައުމަށް ހުއްދަދީ އެމީހުން މާލެ ތެރޭގައި މީހުންނާ އެކުވެ އުޅެން ފުރުސަތުދީ އެޗްޕީއޭއިން ގޯހަކަށް ފަހު ގޯހެއް ހައްދަވަމުން ދާ ކަމަށެވެ. އަދި މިއީ އުޒުރު ދެއްކޭނެ ފަދަ ގޯސްތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރ އަލީ ނިޔާފް ވަނީ ރާއްޖެއަށް އެކި ފަރާތްތައް އައުމަށް ޚާއްޞަ ހުއްދަތައް ނުދިނުމަށް ގޮވައިލައިފައެވެ.

އަލީ ނިޔާފް ނުރުހުން ފާޅު ކުރައްވައިފައި މިވަނީ ބެންގަލޫރު އެފްސީގެ ކުޅުންތެރީން މާލެތެރެއަށް ނުކުމެ އުޅޭކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. މި ކަމާމެދު ޔޫތު މިނިސްޓަރ މަހްލޫފް ވެސް ވަނީ ނުރުހުން ފާޅު ކުރައްވައި އިންޑިއާ ކުޅުންތެރީން ކަރަންޓީނުގެ އުސޫލާ ޚިލާފްވެފައި ވާތީ ވަގުތުން ރާއްޖެ ދޫކޮށް ދިޔުމަށް ގޮވައިލައިފައެވެ.

އެކި ގައުމުތަކުގެ ބޯޑަރުތައް އިންޑިއާއަށް ބަންދު ކުރަމުންދާ މިދަނޑިވަޅުގައި އިންޑިއާގެ ފުޓްބޯޅަ ޓީމަށް ޚާއްޞަ ހުއްދައެއްދީ ރާއްޖެ އައުމަށް ފުރުސަތު ދިނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ކުޅުންތެރީން ތިބޭނީ ހޮޓަލުގައި ކަމަށާއި އެ މީހުން ނިކުންނާނީ ޕްރެކްޓިސްއާ މެޗަށް އެކަނި ކަމަށެވެ.

ބެންގަލޫރު އެފްސީ ރާއްޖެ އައީ އޭއެފްސީ ކަޕްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

ކޮވިޑްގެ ނުރައްކާ ބޮޑު އިންޑިއާއަށް ގިނަ ގައުމުތަކުގެ ބޯޑަރުތަކުން ހަރުކަށި ފިޔަވަޅުތަކެއް މި ދުވަސްވަރު އެބައަޅައެވެ. އެ ގޮތުން އޮސްޓްރޭލިއާއިން ވަނީ އިންޑިއާއިން އެ ގައުމަށް މީހުން ދިޔުން މަނާ ކޮށްފައެވެ. އަދި އެ ގަވާއިދާ ޚިލާފުވާ މީހުންނަށް ޖަލުގެ އަދަބު އެ ގައުމުން ކަނޑައަޅައިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!