ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު: އިމްރާން
ރައީސް ނަޝީދަށް މެއި 6ވަނަ ދުވަހު ދިން ހަމަލައިގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހޯދުންތައް ރަނގަޅުކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާގެ ތަހުގީގު ކުރިޔަށްދާގޮތާއި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅުކަމަށެވެ. އިމްރާން މިހެން ވިދާޅުވެފައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ، ހަމަލާގެ އިސް ބައިވެރިއެއް ކަމަށް ތުހުމަތު ކުރެވޭ މީހާ މިއަދު ފުލުހުން ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
“ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލައިގެ ތަހުގީގު ކުރިޔަށްދާގޮތާއި ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ރަނގަޅު. މިހާތަނަށް ލިބުނު ކުރިއެރުމުގަ ގިނަ ފުލުހުންގެ ހުނަރުވެރި މަސައްކަތުގެ އިތުރަށް ރައްޔިތުން ފޯރުކޮށްދިން މައުލޫމާތު ބޮޑު ދައުރެއް އަދާކުރޭ” އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.
ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުކަމަށާއި އެމަނިކުފާނުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.