ވާހަކަ

ކުރު ވާހަކަ: ދަތުރެއްގެ މަންޒިލް

ދެން އެމްވީ ، ދެން އޮންލައިން

ފުސްވިލާތަކުން އުދަރެސް ބައްދަމުން ކަޅު ކުރަމުން ދިޔައިރު އަހަންނާ އަހަރެންގެ އެކުވެރި ޝައިހާ ގޮސް ތިބީ ރަށުގެ ދޮންވެލި ތުނޑިމަތީގައެވެ. ޝައިހާއަކީ ސަމާސާ ބޮޑު މަޖާ މިޒާޖެއްގެ އެކުވެރިއެކެވެ.

Ads by MWSC

" އެނގޭތަ ރޭ ހުވަފެނުގަ މަށަށް ފެނުނީ އަކްޝޭ މަގޭ ބައްޕަ ކައިރިއަށް ވަލީ ހޯދަން އައިސްގެން އުޅެނިކޮށް."

ކުއްލިއަކަށް ހަދާންވެގެން އައިޝާ ބުނެލި އެއްޗަކުން އަހަރެންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.

" ކައިވެނި ކުރެވި ނުކުރެވި ހުއްޓާ މަށަށް ހޭލެވުނީ. މަ ދެރަވެގެން ކޮޅެއް ނެތް. އަޅެ ކިހާ ސަޅިވީސް ކައިވެނި ކުރެވުނު ނަމަ."

" ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. މިރޭ ނޭނގެ އަންނާނީ ރިތިކް ނޫންކަމެއް ވެސް ވަލީ ހޯދަން. ކައިވެނި ކުރެވުނު ނަމަ މުޅިން ގޯހެއްނު. "

އަހަރެން ހެމުން ބުނެލީމެވެ. އެވާހަކަތަކާ އެއްބައިވެ ޝައިހާ ވެސް ޖަހާލީ ހިނިގަނޑެކެވެ.

" ވަރަށް ބަނަކޮށްލައިފި. ދެން ހިނގާ ދާން. "

އުދަރެހުން އަލިކޮށް ވިދާލި ތަން ފެނި އަހަރެން ތެދުވެ ޝައިހާގެ އަތުގައި ހިފައި ކޮޅަށް ނެގީމެވެ. ބަނަކުރަމުން ދިޔަ ވިލާގަނޑުގެ ވައިރޯޅި އޭރު ޖެހެން ފަށައިފިއެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް އަވަސް ހިނގުމެއްގައި ދެމީހުން މިސްރާބު ޖެހީ އެއްގަމަށެވެ. ޝައިހާގެ ގެއާ އަރާ ހަމަވުމުން ޝައިހާ އޭނަގެ ގެއަށް ވަދެއްޖެއެވެ. އަހަރެންގެ ގެ ހުންނަނީ ރަށުގެ އަނެއްކޮޅުގައި ކަމުން އަހަރެންގެ ހިނގުން އިހުނަށް ވުރެން އަވަސްކޮށްލީމެވެ. އަހަންނަށް މާދުރަށް ނުދެވި އުޅެނިކޮށް ވައި ބާރުވެ މުޅި ރަށުތެރޭ އަނދިރިކަން ވަކިހިއްޕާލައިފިއެވެ. އަހަރެން ނޫން މީހެއްގެ ހިލަމެއް ވެސް އެހިސާބުގަނޑުން މިހާރަކު ނުވެއެވެ. އުދަރެހުން އެކި ދިމަދިމާއިން އަލިކޮށް ވިދަން ފެށުމުން އެންމެ ފަހުން އަހަރެން ގެއާ ދިމާލަށް ދުއްވައިގެންފީމެވެ. އޭރު ހީވަނީ ދެންމެދެންމެ ވާރޭ އޮއްސައިގެންފާނެހެންނެވެ. ގޭގެ މަގަށް އަހަރެންނަށް ލަނބާލެވުނު ވަގުތު ކުއްލިއަކަށް އަހަރެންނަށް ހުއްޓިލެވުނީ އަތިރިމަތީގައި ހުރި އަހަރެންގެ ބައްޕަ ފެނުމުންނެވެ.

ގަދަ ކޮޅިގަނޑުގެ މެދަށް ބައްޕަ ތައްޔާރުވަމުން އެދަނީ ބައްތެލީގައި ކޮންމެވެސް ތަނަކަށް ފުރާށެވެ. ޖެހެމުން މިދާ ވަޔާއި ބޯމަތިކޮށްފައި އޮތް ވިލާގަނޑު ބައްޕައަށް ހަމަ ނުފެންނަނީ ހެއްޔެވެ. އަހަރެންގޮސް ބައްޕަ ކައިރީ މަޑުކޮށްލީމެވެ. އަވަސް އަރުވާލާފައި ބައްޕަ ދިޔައީ ބައްތެލި ދަތުރަށް ތައްޔާރު ކުރަމުންނެވެ. އަހަންނާ އަނގައިން ނުބުނި ތާނގައި އަހަންނާ ހަތަރުކަޅި ހަމަކޮށް ބައްޕަ ބަލައި ވެސް ނުލިއެވެ. ދާން އުޅެނީ ކޮންތާކަށްތޯ ސުވާލުކޮށްލަން ވެސް ހަނދާން ނެތިފައި އަހަންނަށް ބަލަން ހުރެވުނީ ފަޅުކަމާއި އެކަނިވެރިކަން ރަސްކަން ކުރަމުން ދިޔަ ބައްޕަގެ މޫނަށެވެ.

ބާރު ގުގުރިއެއް ޖެހި އަޑާއެކު ސިއްސައިގެން ގޮސް އަހަންނަށް ނިދިން ހޭލެވުނެވެ. އޭރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. ފެނުނީ ހުވެފެނެއްކަން އަހަންނަށް މޭރުންވީ އިރުކޮޅެއް ފަހުންނެވެ. އަހަރެންގެ ބައްޕަ ކުއްލި މަރެއްގައި ނިޔާވިތާ މިވީ 4 އަހަރު ދުވަހުގެ ތެރޭ އެ ނޫނީ އަހަރެން ދުވަހަކު ވެސް ބައްޕަގެ ހުވަފެނެއް ނުދެކެމެވެ. އެނދުން ތެދުވަން ވެސް ނޭނގިފައި އެތައް އިރަކު އަހަންނަށް އިދެވުނެވެ. އަހަންނަށް ކުއްލިއަކަށް ބައްޕަ މި ފެނުނީ ކީއްވެ ހެއްޔެވެ.؟ ބައްޕަ ފުރައިގެން ދާން އެއުޅެނީ ކޮންތާކަށް ހެއްޔެވެ.؟ ބައްޕަގެ މޫނުމަތިން ފެންނަން ހުރި އެކަނިވެރިކަމާއި ހިތާމައިގެ މާނައަކީ ކޮބައި ހެއްޔެވެ.؟ ފެނުނު ހުވަފެނަކީ ބިލާހެއްކަމަށް ގަބޫލުކޮށް އަހަންނަށް އެކަން ހަނދާން ނައްތައެއް ނުލެވުނެވެ. އެދުވަހުގެ ރެއަށް އިރުއޮއްސިގެން ދިޔައިރު ވެސް އަހަންނަށް އެހިޔާލުތަކާ ދުރަކަށް ނުދެވުނެވެ. އެންމެ ފަހުން އަހަރެން އެވާހަކަތައް މަންމައާ ހިއްސާ ކުރީމެވެ. އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަށް މަންމަގެ ކުރިމައްޗަށް ބަންޑުން ކޮށްލީމެވެ.

" އެ ދެން އެ ވަރު ކަމެއްތަ.؟ ހުވެފެނެއް ނޫންތަ ފެނުނީ؟. ދެން މާނައެއް ވެސް ޖެހޭތަ އޭގަ އޮންނަން؟"

މަންމަ އަހަރެންގެ އަނގަ ބަންދުކޮށްލިއެވެ. މަންމަ ބުންޏަސް އެއީ ވެސް ދޮގު ވާހަކައެއް ނޫނެވެ. ޒަމާން ތަކަކަށް ފަހު ބައްޕަ ފެނުމުން ކަންތައް ބޮޑު މި ކުރަނީ އަހަރެންނެވެ.

ކޮންމެ ގޮތަކަށް ހުވަފެން ފެނުނު ކަމުގައި ވިޔަސް އަހަރުތަކަކަށް ފަހު އަހަރެންގެ ބައްޕަ ފެނުނު ކަމުގެ އިހުސާސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. ހުވަފެނެއްގައި ނަމަވެސް ބައްޕައާ ބައްދަލު ކޮށްލެވުނީތީ އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. ހުވަފެނުގެ ވާހަކަ މަންމައާ ޝައިހާ ނޫން އެހެން އެއްވެސް މީހަކާ އަހަރެން ހިއްސާއެއް ނުކުރަމެވެ. ނަމަވެސް ފެނުނު ހުވަފެނާ މެދު ފުންކޮށް ވިސްނަން އަހަންނަށް މަޖުބޫރު ކުރުވީ އޭގެ ހައެއްކަ މަސްދުވަހަށް ފަހު އަލުން އަހަންނަށް ހުވަފެނުގައި ބައްޕަ ފެނުމުންނެވެ. މާސިންގާ ކަނޑުގެ ބިޔަރާޅު ތަކުގެ ތެރޭގައި ދަތުރުކުރަމުން ދިޔަ ކުޑަކުޑަ ބައްތެލީގައި އަހަންނާއި ބައްޕަގެ އިތުރުން އަހަރެން ދުވަހަކުވެސް ނުދެކޭ އިތުރު ބަޔަކު ވެސް ދިޔައީ ދަތުރު ކުރަމުންނެވެ. ބައްތެލި ހީވަނީ ދެންމެ ދެންމެ ބަންޑުން ޖަހައިލަފާނެހެނެވެ. ފެންމަތީ ބައްތެލި ބޭއްވުމަށް ބައްޕަ ކުރަމުން ދިޔަ މަސައްކަތް ދެކެން އަހަންނަށް އިނދެވުނީ ބައްޕަ އެހީއަކަށް އެދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް އަނގައިން ބަހެއް ނުބުނިތާ އެކަކު އަނެކަކަށް ހަތަރުކަޅި ހަމަކޮށް ބަލާލާ މީހަކު ވެސް އެބައްތެލީގައި ނެތެވެ. އަހަންނަށް ހޭވެރިކަންވީ ފޯނުގެ އެލާރމްގެ އަޑަށެވެ. ބައްޕަ އެހާލުގައި އުޅޭތަން ދެވަނަ ފަހަރު ފެނުމުން އަހަރެންގެ ހާސްކަން އިންތިހާއަށް ބޮޑުވެއްޖެއެވެ. އަހަރެން ކައިރީ ކޮންމެވެސް ވާހަކައެއް ބުނަން ބައްޕަ މަސައްކަތް ކުރާކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔަ ވަރަކަށް އަހަރެންގެ ހިތަށް ލިބެމުން ދިޔަ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން އަހަރެން ޝައިހާއަށް ގުޅާލީމެވެ. ފެނުނު ހުވަފެން ކިޔައިދިނުމުން ޝައިހާގެ ޝައުގުވެރިކަން ބޮޑުވިއެވެ.

" ދެން ކީއްވެބާ އަނގައިން ނުބުނަނީ؟ އަސްލު ވަރަށް އެހެން ކަހަލަދޯ ދަތުރެއްގެ މަތީގަ އެހާލުގަ އުޅޭތަން ފެންނާތީ. މަރީ ބައްޕައަކީ ގޯސް މީހެއް ވެސް ނޫނެއްނު. ދެން ކީއްވެބާ އެކަހަލަ ހުވަފެނެއް ތަކުރާރުކޮށް އެފެނުނީ.؟"

ޝައިހާގެ ވާހަކަތަކުން އަހަންނަށް މަޖުބޫރުވީ ބައްޕަގެ ދުނިޔެވީ ހަޔާތާ މެދު ފުންކޮށް ވިސްނާލާށެވެ.

ބައްޕައަކީ ހެޔޮލަފާ މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. ޤުރުއާން ކިޔެވުމަކީ އުފަލެއް ކަމުގައި ހަދައިގެން އުޅުނު ބަސް މަދު މީހެކެވެ. ފަރުޟު ނަމާދުތަކާއި ސުންނަތްތަކަށް ފަރުވާތެރިވެ މީހުންނާ ގުޅިގެން އުޅުނު މީހެކެވެ. ހަލާލު މަސައްކަތުން ރިޒުގު ހޯދައި ދަރިން ތަރުބިއްޔަތުކުރި މީހެކެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ހެޔޮ ނަސީބު ލިބުނު މީހެއް ވެސް މެއެވެ. ނިޔާވެ ދިޔައީ މާތްވެގެންވާ ހުކުރު ދުވަހެއްގައެވެ. ނަމަވެސް ހަގީގަތަކީ އެއީ ވެސް އިންސާނެއް ކަމުން ބައްޕައަށް ވެސް ވަނީ މީހަކާމެދު ބޭއިންސާފުން ކަންތައް ކުރެވިފައެވެ.

ކުއްލިއަކަށް އަހަރެން ތެދުވީމެވެ. މަތި ހަދައިލައިގެން އަހަރެން ކޮޓަރިން ނިކުތީމެވެ. އަހަރެން ގޮސް ހުއްޓުނީ ރޮށިފިހަން ހުރި މަންމަގެ ކުރިމަތީގައެވެ. ހުވަފެނުގެ ވާހަކަ މަންމައަށް ކިޔައިދިނުމަށް ފަހު މި ފަހަރު ވެސް ހުރިހާ ސުވާލެއް އަހަރެން މަންމަގެ ކުރިމައްޗަށް ބަންޑުންކޮށްލީމެވެ.

" އަހަރެންނަށް މިފެންނަ ހުވަފެން ތަކުގެ ފަހަތުގަ ސިއްރެއް ވާނެ. މަންމައަކަށް ހީނުވޭތަ؟ "

" މަންމައަކަށް ނޭނގެ ތިކަމާ ބެހޭގޮތުން އެއްޗެއް ބުނާކަށް."

ކުރަން ހުރި މަސައްކަތަކާ ވެގެން ހުރެ މަންމަ ޖަވާބުދިނެވެ. ދައްކަން ބޭނުންވި ވާހަކަ އިތުރަށް ދައްކަން ނުކެރިފައި އަހަރެން އިރުކޮޅަކު ހިމޭނުން ހުރީމެވެ. ބަލަހައްޓައިގެން އަހަރެން ހުންނަން ފެށުމުން މަންމަ އަހަރެންގެ މޫނަށް ބަލާލިއެވެ.

" ވެދާނެއެއްނު ބައްޕަ މަންމަގެ ކިބައިން މާފަށް އެދެން ބޭނުން ވަނީކަމަށް ވެސް."

ހިތްވަރުކޮށްލާފައި އަހަރެން ބުނީމެވެ. މަންމައާ އެކަހަލަ ވާހަކައެއް ދައްކަން އަހަންނަކަށް އެހައި ފަސޭހަ ކަމަކަށް ނުވިއެވެ. އެހެނަސް އަހަރެންނަށް އެނޫން ގޮތެއް ވެސް ނެތެވެ.

" ބައްޕައަކީ ރަނގަޅު މީހެއް. މީހަކަށް އުނދަގުލެއް ކުރި މީހެއް ނޫން. ބައްޕައަށް އަނިޔާވެރި ވެވިފައި އޮތީ ހަމައެކަނި މަންމަގެ މައްޗަށް."

ޝައްކު ބަލީގެ ޝިކާރަކަށްވެ މަންމައާ ދޭތެރޭ އެތައް ފަހަރަކު ބައްޕަ އަނިޔާވެރިވިއެވެ. ގޭތެރޭގެ ހަމަޖެހުން ނަގައިލިއެވެ. މަންމައަކީ ވަފާތެރި އަނތްބެއްކަމަށް ބައްޕައަށް ގަބޫލު ނުކުރެވުނީ ކީއްވެކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. މާ ވަރުގަދައަށް ލޯބި ވެވުނީމަ އެހެން އުޅޭނެއޭ މީހުން ޖެއްސުމަށް އޭރު ކިޔައި އުޅުނެވެ. އެއީ ލޯބި ކަމުގައި ވިޔަސް އެ ދުވަހު މަންމަ ހިތަށް ކުރާނެ އަސަރު އަހަންނަށް ވިސްނެއެވެ.

" މަންމަގެ ހިތަކު ނެތް އެއްވެސް ބުރަކަމެއް. ދަރިފުޅުގެ ބައްޕައަށް މަންމަގެ ހިތް ސާފު "

އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު މަންމަ މަޑުމަޑުން ބުނެލިއެވެ. އަހަރެންނަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. މަންމައަކީ ކެތްތެރި ހިތްވަރު ގަދަ އަންހެނެކެވެ. ޝަކުވާއެއް ނެތި މަންމަ ބައްޕައަށް މާފު ދިނުމުން އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.

އަހަރެންނަށް ދެން ހުރެވުނީ ބައްޕަގެ ހުވަފެން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އަހަރެން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ދޮޅު އަހަރު ވެގެން ދިޔައިރު ވެސް ބައްޕަގެ ހުވަފެނެއް އިތުރަށް އަހަންނަކަށް ނުފެނުނެވެ. ބައްޕަ ހަގީގަތުގައި ވެސް ބޭނުންވީ މަންމަ ސާފުހިތަކުން ބައްޕައަށް މާފު ދިނުންކަން އަހަންނަށް ގަބޫލު ކުރެވުނެވެ. ހުވަފެން އިތުރަށް ނުފެނުނީތީ އަހަރެން ހުރީ ހިތްހަމަ ޖައްސާލައިގެންނެވެ. ބައްޕަ ދެކެން ކިތަންމެ ހިތް އެދުނު ނަމަވެސް ބައްޕަ އެ ހާލުގައި ފެނުމަށް ވުރެ ނުފެނުން ވެސް އަހަރެންގެ ހިތަށް މާފަސޭހައެވެ.

ސުކޫލް ޗުއްޓީ ދުވަސްވަރު ކަމުން ރަހުމަތްތެރިންނާއެކު އަހަރެން ހަވީރުފިންޏަށް ބޭރަށް ނުކުމެލީމެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަންކަމާ މެދު މަޝްވަރާ ކުރުމުގައި އުޅެއުޅެ ތިއްބައި އިރުއޮއްސުމާ ގާތްވެއްޖެއެވެ. ކޮންމެ ތަނަކު ހުއްޓަސް މަޣްރިބު ނަމާދު ވުމުގެ ކުރިން ގެއަށް ވަނުމަކީ އަހަރެންގެ އާދައެކެވެ. އެހެންކަމުން ރަހުމަތްތެރިންނާ ވަކިވެ ގެއަށް ދިއުމަށް އަހަރެން ހިނގައިގަތީމެވެ. އަހަރެން ގެއާ ދިމާލަށް ހިނގަހިނގައި ހުއްޓާ މަގުމަތީން މީހުން މަދުވެ އެކީ ހަމަހިމޭން ވެއްޖެއެވެ. އަހަރެން ފިޔަވައި ދިރިހުރި ފުރާނައެއްގެ ހިލަމެއް މިހާރަކު ނުވެއެވެ. ހައިރާން ކަމާއެކު އަހަރެން ކުރިއަށް ހިނގަމުން ދިޔައީ ވަށައިގެން ބަލަމުންނެވެ. އަހަރެންގެ ކުރިމަތީން ފެންނަމުން ދިޔަ މަންޒަރު ބަދަލުވާން ފެށީ ކޮން އިރަކު ކަމެއް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް މާ ބަގީޗާއެއްގެ ތެރެއަށް ވަދެވުނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގުނެވެ. ފެންނަމުން ދިޔައީ އަހަރެން ގެއިން ނުކުމެ ވަދެ ހަދާ މަގެއް ނޫނެވެ. ހައިރާންކަމާ އެކު ބަލަމުން އަހަރެން ކުރިއަށް ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ކުއްލިއަކަށް އަހަރެންގެ ބައްޕަ ފެނުމުންނެވެ. ހުދު ސާފު ބޯކިރުކޮޅެއް ކަހަލަ ގަމީހަކާ މުންޑެއް އަނދެލައިގެން، ހިތްފަސޭހަ ފިނިއައްޓެއްގައި އެކަނި މާއެކަނި އިށީނދެއިން ބައްޕަގެ މޫނުމަތީން ވިދައި ބަބުޅަމުން ދިޔައީ އުފާވެރިކަމެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނިރޯޅިން  ބައްޕަގެ ހަށިގަނޑަށް އިތުރު ތާޒާކަމާ އާރޯކަން ދިޔައީ ގެނެސްދެމުންނެވެ. އަހަރެންގެ މޫނަށް ބައްޕަ ބަލަން ހުރީ ހިނިތުންވި މޫނަކައިގެންނެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަންވެސް އަހަންނަށް ދަތިވިއެވެ. އަވަސް ހިނގުމެއްގައި ގޮސް އަހަންނަށް ހުއްޓެވުނީ ބައްޕަގެ ކުރިމަތީގައެވެ. އޭރު އުފަލުން އަހަރެންގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ބައްޕަ އެހައި އުފަލުން ހުއްޓައި އެ ނޫނީ އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް ބައްޕަ އަހަންނަށް ބަލަން ހުރީ ޝުކުރުން ފުރިގެންވާ ފަދަ ބެލުމަކުންނެވެ.

ސިއްސައިގެންގޮސް އަހަންނަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. އަވަސް އަވަހަށް ގޮސް އަހަރެން ދޮރު ހުޅުވާލީމެވެ.

" ދަތުރު ރާވާފަ ނިދަންތަ ތި އޮންނަނީ މިހާވަރަށް ގުޅާއިރު"

ޝައިހާ ފެނުމުން އަހަރެން ދިޔައީ ދަތްވިކިގެނެވެ.

" ދެން އަޅެ މިގަޑީ ކީއްކުރަންތަ ތިއައީ. ހާދަ ރީތި ހުވަފެނެއް ބަލާށޭ މިއޮތީ "

ކުސްތަޅަމުން ގޮސް އަހަރެން އެނދަށް އަރާ މޫނުގައި ބާލީސް އެޅީމެވެ.

" ފަހުން ދެން ހުވަފެން ބަލާނީ"

ޝައިހާ އައިސް ބާލީސް ދަމައިގެންފައި އަހަރެން ގެންގޮސް ފާހާނައަށް ވެއްދީ ދަތުރަށް ލަސްވާތީ ކުދި ކިޔަމުންނެވެ.

ދަތުރު ދާން ފުރުމުގެ ކުރިން އަހަރެން މަންމައާ ބައްދަލުކުރީމެވެ. ފެނުނު ހުވަފެން އުފަލާއެކު މަންމައާ ހިއްސާކުރީމެވެ.

" އަނގައަކުން ނުބުނޭ، އެކަމަކު ބައްޕަ ފެންނަހެން އަދިވެސް ހީވަނީ. "

މަންމައަށް އަހަރެން އެހުވަފެނުގެ ވާހަކަ ކިޔައިދިނީ ހިނިތުންވެ ހުރެއެވެ. މަންމަވެސް ހުރީ އަހަރެން ކިޔައިދިން ވާހަކަ ތަކުން ހިތްހަމަ ޖެހިފައެވެ. އަހަންނަށް މި ފެނުނު ހުވަފެންތަކުގެ ހަގީގަތަކީ ކޮބައިކަން އަހަންނަށް ނޭނގުނަސް އަހަރެންނާ މަންމަގެ ހިތްވެސް މިހާރު ބުނަމުން ދަނީ އެއްވާހަކައެކެވެ. މާސިންގާ ބިޔަރާޅުތަކުގެ ތެރޭ ބައްޕަ ކުޑަ ބައްތެއްޔެއްގައި ފެށި ދަތުރު އަމާންކަމުގެ އައްސޭރިއަށް ބަނދަރު ކޮށްފިއެވެ. އަހަރެން އަދި މަންމަގެ ދުޢާއަކީ ވެސް ﷲ ގެ ހެޔޮރަޙްމަތް ފުޅުން ބައްޕައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމެވެ.

ނިމުނީ

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ އާމިނަތު ޝީޒާ އެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by HDC
  1. އައި

    ވ. ރީތި

  2. ރީޝާ

    ވ.ވ.ވ ރީތި ވާހަކައެއް. މާޝާﷲ❤

  3. ސަރޫ

    ވ ފުރިހަމަ