ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: ފުލުހުންނާއި ސިފައިން ގުޅިގެން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް

މަރްޔަމް ވަޙީދާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން، ފުލުހުންނާއި ސިފައިން ގުޅިގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ސިފައިން ގުޅިގެން ބަލާ ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ރަށްދެބައި މަގުގައެވެ. އެ ސަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ހަތިޔާރު އެޅި ސިފައިން ދަނީ ކުރަމުންނެވެ.

މި މަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދުއަށް އަމާޒު ކޮށްގެން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަތަރު މީހަކަށް ތުހުމަތު ކުރެވި އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޑިވައިސް ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މުޖާޒްއަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެއް ކަމަށާއި އެ ދެ މީހުން ވަނީ މާލޭގެ އެކި ޕާކުތަކަށް ގޮސް އެ ތަންތަނުގައި ތިބެ އެކި މަޝްވަރާތައް ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަނާ ގުޅިގެން ސިފައިންގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް ކްލިއަރ ކޮށްފައިވާ ކަމަށެވެ. އަދި މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!