ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނުނިކުމެވޭ ގޮތަށް މާލެ ރަށު ބަންދަކަށް

ގްރޭޓާ މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ ނޫޅެވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ މާދަމާއިން ފަށައިގެން އެއް ހަފްތާގެ ނިޔަލަށެވެ. މި މުއްދަތުގައި ބަލި ފެތުރުން ރައްކާތެރި ކުރުމަށް އިތުރު ފިޔަވަޅުތައް ވެސް އަޅަން ވަނީ ނިންމާފައެވެ.
އިތުރަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން ހިމެނެއެވެ. ނަމަވެސް ކެފޭ ރެސްޓޯރެންޓްތަކުގައި ޓޭކްއަވޭގެ ޚިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ވެސް ވަނީ ނިންމައިފައެވެ.
މިހާރު ވެސް މާލޭގައި ރޭގަނޑު 9އިން ފަތިހު 4އަށް ބޭރުގައި އުޅުން މަނަލެވެ.
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ވަނީ ރިކޯޑް އަދަދަކަށް ގިނަވެފައެވެ. އެގޮތުން ފާއިތުވެދިޔަ ދެ ދުވަހު ވެސް ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު ވަނީ ހާހަކުން މައްޗަށް ގޮސްފައެވެ.