ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ލިބިފައެއް ނުވާނެ : ދުންޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދުންޔާ މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކުގެ މައްޗަށް އެކުލެވޭ ލިސްޓެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ލިސްޓުގައި ދުންޔާގެ ނަންފުޅު ވެސް ހިމެނިފައިވެއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި ލިސްޓުން ހާމަވާގޮތުގައި ދުންޔާއަށް 13،000 ޑޮލަރު ވަނީ ލިބިފައެވެ. އެއީ ދެ ލައްކަ ރުފިޔާއެވެ.

ދުންޔާ މިކަން ދޮގުކޮށްފައިވާ އިރު، އެ ލިސްޓުގައި ހިމެނޭ ގިނަ މެންބަރުން ދަނީ އެ ލިސްޓުގައި ފައިސާ ލިބުނު ކަމަށް ބުނެފައިވީ ނަމަވެސް އޭގެން އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށް ބުނަމުންނެވެ.

އެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ ލިސްޓު މިހާރު ވަނީ އާންމުވެފައެވެ. އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއާއި އެމްޑީޕީ އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި އޭރުގެ ބައެއް މިނިސްޓަރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މި ލިސްޓުގައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން މީޑިއާގެ ބައެއް ބޭފުޅުންނާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުގެ އިތުރުން އާންމުން ވެސް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!