Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސިޔާސީ ޙަޔާތް ފެށީ ވެސް އަދި ނިންމާނީ ވެސް އިޚްލާސްތެރި މީހެއްގެ ގޮތުގައި: ޝިޔާމް

ސިޔާސީ ޙަޔާތް ފެށީ ވެސް އަދި ނިންމާނީ ވެސް އިޚްލާސްތެރި މީހެއްގެ ގޮތުގައި: ޝިޔާމް

ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ ޚިޔާނާތުގެ އެންމެ ބޮޑު މައްސަލަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)އިން ވަގަށް ނެގި 1.3 ބިލިއަން ރުފިޔާގެ ތެރެއިން ފައިސާ ލިބުނު ކަމަށް ބުނާ ލިސްޓްގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ނަން ހިމަނާފައި އޮތީ، އެމަނިކުފާނުގެ ޢަބުރު ކަތިލާ، ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިފާނު ސިޔާސީ ދާއިރާއަށް ވަދެ ވަޑައިގަތީ އިޚުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމާއި އަދި ސިޔާސީ ޙަޔާތް ﷲ އިރާދަފުޅުން ނިންމާނީ ވެސް އެގޮތުގައި ކަމަށެވެ. އަދި މިކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނަށާއި ހުރިހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ނަން ލިސްޓަށް ގެނެސްފައި ވަނީ، އަދީބު ޖަލުގައި ތަންފީޒުކުރަން ޖެހޭ ޙުކުމެއް ގޭގައި ހުރެގެން ތަންފީޒު ކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ކަމަށާއި މިހާރު ދައުރުވާ ލިސްޓްތަކުން ބައެއް ނަން އުނިވެ، އަނެއްބައި ނަން އިތުރުވަމުން ދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓް މަޖިލީހުން އާއްމު ކުރުމުގެ ކުރިން މީސްމީޑިއާގައި ދައުރުވި ލިސްޓަށް އިޝާރާތް ކުރައްވައެވެ. އެލިސްޓްގައި ނަން އޮތް ބައެއް ބޭފުޅުންގެ ނަންތައް މަޖިލީހުން އާއްމު ކުރި ލިސްޓްގައި ނެތެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ އެމްއެމްޕީއާރްސީގެ މައްސަލަ ތަޙްޤީޤް ކުރުން އަވަސް ކުރުމަށް އަބަދުވެސް ގޮވައިލަމުންދާ މީހެއް ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާ، އަލުން ތަޙްޤީޤް ކުރުމަށް ވެސް ޝިޔާމް ވަނީ މިއަދު ކުރެއްވި ޓްވީޓްގައި ގޮވައިލައްވާފައެވެ.

"މިފަދަ އަސްލެއް އަސާސެއް ނެތް ތުހުމަތަކުން އަޅުގަނޑުގެ ޢަޒުމަށް ކުޑަ ވެސް ބަދަލެއް ނާންނާނެ ކަމުގައި ވެސް ދަންނަވަން.  އެމް.އެމް.ޕީ.އާރު.ސީގެ ލޯލާރިއެއްގައި ވެސް އަޅުގަނޑު ޖެހިފައި ނުވާނެ. އަޅުގަނޑަކީ ތަޙުޤީޤީ ޢިދާރާތަކަށް ކެނޑިނޭޅި އެމް.އެމް.ޕީ.އާރު.ސީގެ މައްސަލަ ތަޙުޤީގްކުރުން އަވަސް ކުރުމަށް ގޮވާލަމުންދާ މީހެއް." ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް