ދުނިޔެ

ޢީދު ފާހަގަ ކުރުމުގެ ނަސީބެއް އެމީހުންނަކަށް ނެތް - ފަލަސްތީނުގައި ޝަހީދުވި މީހުންގެ އަދަދު 69 އަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ ހައްދު ފަހަނައަޅައިފައިވާ ސިފައިންގެ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 69 އަކަށް އަރައިފިއެވެ.

Ads by Sosun Fihaara

ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 17 ކުޑަ ކުދިންނާއި 8 އަންހެނުން ވެސް ހިމެނެއެވެ. އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ޙަމަލާދެމުންނެވެ. މިގޮތަށް ކަންތައް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތައް އިތުރުކޮށް، ވަރުގަދަކުރުމަށް އެޤައުމުގެ ބޮޑު ވަޒީރު ނަތަންޔާހޫ އަމުރު ކުރުމުންނެވެ.

އިސްރާއީލުން ބުނަމުން ދަނީ އިސްރާއީލުގެ ހަމަލާތައް، ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތް ބަލި ވަންދެން ކުރިޔަށް ގެންދާނެ ކަމަށެވެ. އިސްރާއީލުން ވަނީ ޣައްޒާގެ 3 އިމާރާތެއް ބިމާ ހަމަކޮށްލައިފައެވެ. އަދި އާއްމުންގެ މުދަލަށް ވެސް ރޮކެޓް ހަމަލާތައް ދަނީ އަމާޒު ކުރަމުންނެވެ.

ފަލަސްތީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާޢަތުގެ މުޖާހިދުން ދަނީ އިސްރާއީލަށް ބަދަލު ހަމަލާތަކެއް ދެމުންނެވެ، މިގޮތުން މެއި 11 ވަނަ ދުވަހު ހާހަކަށްވުރެ ގިނަ ރޮކެޓް ހަމާސް ޖަމާއަތުން ވަނީ ފޮނުވައިލައިފައެވެ. މިހަމަލާތަކުގައި އިސްރާއީލްގެ ސިފައިންގެ މީހަކާއި އިސްރާއީލްގެ އިތުރު 5 މީހަކު ވަނީ މަރުވެފައެވެ.

އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތަށް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަ ނުދިނުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!