ޚަބަރު

ގދ.ވާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ގދ.ވާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by STELCO

”ދެން”އާ ވާހަކަ ދައްކަވަމުން ވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު މިއަދު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެއީ 19 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ފައްސިވީ ކަރަންޓީނުގައި ހުއްްޓައި އަލާމާތްތައް ފެނުމުން ނެގި ސާމްޕަލުންނެވެ. އަދި އޭނާއާ އިތުރު ބައެއް ފަރާތްތަކާ ކޮންޓެކްޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކު ވެސް ކޮވިޑް-19ގެ ގިނަ ކޭސްތަކެއް މިހާރު އެބަ ފެނެއެވެ. އެގޮތުން ގިނަ ރަށްތަކެއް މިހާރު ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގައި މާލެއިން ފައްސި ވެފައި ވަނީ 1،315 މީހުންނެވެ. އަދި އަތޮޅުތަކުން 242 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން 15 މީހަކު މި ބައްޔަށް ފައްސިވެފައިވާ ކަމަށް ވެސް ރޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!