ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމްއާއި ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެމީހުން ހައްޔަރު ކުރީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުންނާ ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކުރައްވާފައިވީ ނަމަވެސް އެމީހުން ހައްޔަރު ކުރި ވަކި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ހައްޔަރުކުރި މި ހަތް މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
ހަރުކަށި ފިކުރު ފަތުރަން އުޅޭކަމުގެ ތުހުމަތުގައި އައްޑޫސިޓީން ބަޔަކު ހައްޔަރު ކޮށްފައި މިވަނީ އެފަދަ އެންމެން ހައްޔަރު ކުރައްވާނެ ކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްވައިފައި ވަނިކޮށެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް މި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން، ރާއްޖޭގެ ސެކިއުރިޓީ ލެވެލް ވަނީ އެންމެ މައްޗަށް ޖައްސައިފައެވެ. އެގޮތުން ސިފައިން ދަނީ ހަތިޔާރާއެކު މަގުތައް މަތީގައި ހަރަކާތްތެރި ވަމުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނުން ސީީޕީ ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ތިބި ކަމަށް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ 1300 މީހުންނަށް ވުރެ މިހާރު އެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ހަމަލާއާ ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން ނުރައްކާތެރި އެންމެން ހޯދާ ހައްޔަރު ކުރާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ.
އެއްވެސް ހެއްކެއް ނެތި ބަޔަކު ހަރުކައްޓޭ ކިޔާފަ ހައްޔަރު ކުރުމަކީ ނާތަހުޒީބު އަމަލެއް