ދުނިޔެ

ހަގީގަތް ހާމަކޮށްދިނުން ހުއްޓުވަން އިޒްރޭލުން އަލްޖަޒީރާ ހުންނަ އިމާރާތް ބިމާ ހަމަކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުގެ ނުބައި ޔަހޫދީ ސިފައިން ދެމުންގެންދާ ހަމަލާތަކުގެ ޚަބަރުތައް ރައްޔިތުންނަށް ހާމަކޮށްދިނުން ހުއްޓުވުމަށް ޓަކައި، ޣައްޒާގައި ހުންނަ އަލްޖަޒީރާގެ އިމާރާތަށް ހަމަލާދީ ބިމާ ހަމަކޮށްފިއެވެ.

Ads by Sosun Fihaara

ޣައްޒާގައި ހުންނަ އަލްޖަޒީރާ ހިންގާ "އަލް ޖަލާ" އިމާރާތަށް އިޒްރޭލު ސިފައިން ވަނީ ވައިގެ ހަމަލާތަކެއްދީ، އެ އިމާރާތް ބިމާ ހަމަކޮށްފައެވެ. އެ އިމާރާތަކީ އަލްޖަޒީރާގެ އިތުރުން ބައިނަލްއަގުވާމީ އިތުރު މީޑިއާތަކެއް ވެސް ހިންގަމުން އަންނަ އިމާރާތަކެވެ.

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ލީނާ އަލްފާސިން ވަނީ އެ ހަމަލައިގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ޓްވިޓާގައި އާންމުކޮށްފައެވެ. އެ ހަމަލާ ދިނުމުގެ ކުރިން ލީނާ ކުރި އެހެން ޓްވީޓު ތަކެއްގައި ބުނެފައި ވަނީ އެ އިމާރާތަށް މިސޭލު ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު އިޒްރޭލުން ދިނުމާ ގުޅިގެން އިމާރާތުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

އަލް ޖަލާ އިމާރާތަށް އިޒްރޭލުން ވަނީ ހަތަރު މިސޭލު ފޮނުވައިލާ ހަމަލާ ދީފައެވެ.

އަލް ޖަޒީރާއިން އޭގެ ކުރިން ވަނީ އިޒްރޭލުގެ އިންޓެލިޖެންސް އޮފިސަރަކާއި އަބޫ ހުސާމް (އަލް ޖަލާ އިމާރާތުގެ ވެރި މީހާ) ފޯނު ކޯލަކުން ދެއްކި ވާހަކަތައް ލައިވް ކޮށްފައެވެ. މީޑިއާގެ އެކުއިޕްމެންޓުތައް ނެރެ ތަން ހުސްކުރަން ވަގުތު ދިނުމަށް އަބޫ ހުސާމް ބުނާ އަޑު އެ ފޯނު ކޯލުން އިވެއެވެ. ނަމަވެސް އެ އެދުމަށް އިޒްރޭލުން ބުނަނީ އެއްވެސް ވަގުތެއް ނުދެވޭނެ ކަމަށެވެ.

ނޫސްވެރިކަމަށް ހުރަސް އަޅާ، މިފަދަ ހަމަލާތައް ދިން ކަމުގައި ވިޔަސް، ހަގީގަތް ހާމަ ކުރުމުގައި ދެމި ތިބޭނެ ކަމަށް އަލްޖަޒީރާގެ ހީވާގި ޓީމުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!