ދުނިޔެ

ފަލަސްތީނަށް އޮތް ލޯބި އެލްނެނީ ހާމަކުރުމުން ލަވާޒާ ރުޅިގަދަވެ އާސެނަލްއާއެކު މަޝްވަރާއަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިނގެރޭސި ކްލަބު ، އަރސެނަލްގެ ކުޅުންތެރިޔާ މުޙައްމަދު އެލްނެނީ ، ފަލަސްތީނަށް އޮތް ލޯބި ހާމަ ކުރުމާއެކު ކްލަބުގެ ސްޕޮންސަރ ލަވާޒާ ކޮމްޕެނީ ރުޅިގަދަވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި މިސްރުގެ މުސްލިމް ކުޅުންތެރިޔާ އެލްނެނީ ފަލަސްތީނާމެދު ދެކޭ ގޮތް ހާމަ ކުރުމާއެކު ލަވާޒާއިން ވަނީ ކަންބޮޑުވުން ފާޅުކޮށް އާސެނަލްއާ މަޝްވަރާ ކުރުމަށް އެދިފައެވެ.

އިސްރާއީލުން މިހާރު ފަލަސްތީނާ ދެކޮޅަށް ހިންގާ ޢުދުވާނާ ގުޅިގެން އެލްނެނީ ބުނެފައި ވަނީ " އަހަރެންގެ ހިތާއި ރޫޙު ފަލަސްތީނާއެކު"ގައިވާ ކަމަށެވެ. މި ޓްވީޓްގެ ސަބަބުން ރުޅިގަދަވި އާސެނަލްގެ ޔަހޫދީ ސަޕޯޓަރުން ބުނެފައި ވަނީ އެ ޓްވީޓްގެ ސަބަބުން އެލްނެނީ ވަކި މުޖުތަމަޢަކަށް ، ވަކި ދީނަކަށް ސަޕޯޓްއޮތް ކަން ދޭހަވާ ކަމަށެވެ.

އެލްނެނީގެ ޝުޢޫރުތަކާ ގުޅިގެން ލަވާޒާއިން ބުނެފައި ވަނީ އޭނާގެ ވިސްނުމާއި އެ ކުންފުނީގެ ވިސްނުމާ ގުޅުމެއް ނެތް ކަމަށާއި އެ ކުންފުނިން އަބަދުވެސް އޮންނާނީ "ރޭސިޒަމް"އާ ދެކޮޅަށް ކަމަށެވެ.

އާސެނަލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާސެނަލްގެ ކޮންމެ މުވައްޒަފަކަށް ވެސް އަދި ކުޅުންތެރިއަކަށް ވެސް އެމީހެއްގެ އަމިއްލަ ޝުޢޫރުތައް ، އަމިއްލަ ޕްލެޓްފޯމްތަކުގައި ހާމަ ކުރެވޭނެ ކަމަށެވެ. އަދި އެލްނެނީއާ ވާހަކަ ދައްކަމުންދާ ކަމަށް އާސެނަލްއިން ބުނެފައި ވެއެވެ.

އާސެނަލްގެ ސްޕޮންސަރ ، ލަވާޒާއަކީ އިޓަލީގެ އުފެއްދުމެކެވެ. މިއީ ރާއްޖޭގައި ވެސް ވަރަށް މަޝްހޫރު ކޮފީއެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!