ދުނިޔެ

15 މިނެޓް ތެރޭގައި 100 މިސައިލް ހަމަލާ، ރެއަކީ ހަމަލާތައް އެންމެ ވަރުގަދަ ރޭ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލުގެ ހައްދު ފަހަނަ އަޅައިފައިވާ ސިފައިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އަނެއްކާވެސް ވަރުގަދަ ކޮށްފިއެވެ.

Ads by Sosun Fihaara

މީޑިއާތައް ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން ރޭ، 15 މިނެޓްގެ ތެރޭގައި 100 މިސައިލް ހަމަލާ ޣައްޒާއަށް ދީފައިވެއެވެ. މިސައިލް ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަރުވެފައި ވަނީ ކިތައް މީހުން ކަމެއް ބުނަން އަދި ދަތި ނަމަވެސް ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެއާ ހަމައަށް 192 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 58 ކުޑަ ކުދިން ހިމެނެއެވެ.

ފަލަސްތީނަށް އާ ދުވަހަކަށް އިރުއަރާފައިވާ އިރު، ހަމަލާތަކުގައި ޝަހީދުވި މީހުންނާއި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ ނުކުޅެދިފައެވެ. އެއީ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ އައްޝިފާ ހޮސްޕިޓަލަށް ދާން އޮންނަ ހުރިހާ މަގެއް ހަމަލާތަކާ ގުޅިގެން ބަންދު ކުރަން ޖެހުމެވެ.  އެހެންކަމުން ޒަޚަމްވާ މީހުން މަރުވާން ދޫކޮށްލުން ނޫން ގޮތެއް ނެތެވެ.

އިސްރާއީލުން ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ، ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ހަމަލާތައް ހުއްޓައި ނުލާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަލް-ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ ޣައްޒާއަށް ދިން ހަމަލާތަކަކީ އޭގެ ކުރީ ރެއާ އަޅައިބަލާއިރު، އެތައް ގުނައެއް ވަރުގަދަ ހަމަލާތަކެކެވެ. ރޭގެ ކުރީ ރޭ ޣައްޒާއިން ދިން ހަމަލާތަކުގައި އެކަނި ވެސް 42 މީހަކު ވަނީ ޝަހީދުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!