ޝަހީދުންގެ އަދަދު 200 އަށް، 59 ކުޑަކުދިން ހިމެނޭ

އިސްރާއީލުގެ ހައްދު ފަހަނައަޅައިފައިވާ ސިފައިން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 200އަށް އަރައިފި ކަމަށް ޣައްޒާގެ ސިއްޙަތާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޝަހީދުވި މީހުންގެ ތެރޭގައި 59 ކުޑަކުދިން ހިމެނެއެވެ.
އިސްލާއީލުން ފެށި ހަމަލާތައް ދެމުންދާތާ މިއަދަށް 8 ދުވަސް ވެފައިވާއިރު، މިހާތަނަށް މި ހަމަލާތަކުގައި 1,300 މީހަކު ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާތައް އިއްޔެ ވަނީ ވަރުގަދަކޮށްފައެވެ. އިސްރާއީލުން މިގޮތަށް ކަންކޮށްފައި ވަނީ، ހަމަލާތަށް ހުއްޓައި ނުލައި ކުރިޔަށް ގެންދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ދީފައިވަނިކޮށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ދުނިޔޭގެ ގިނަ ޤައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، އޮސްޓްރިއާ ފަދަ ބައެއް ޤައުމުތަކުން އަދިވެސް ދަނީ އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކަށް އާނބަސް ބުނަމުންނެވެ.
އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ދޭ ރޮކެޓް ހަމަލާތަކުގައި 10،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ގެއްލުމުގެ ސަބަބުން މަގުމަތިވެފައެވެ.