ވިޔަފާރި

ފަސޭހަކަމާއެކު ޚިދުމަތްތައް ހޯއްދެވުމަށް ދިރާގު ޑިޖިޓަލް ޚިދުމަތްތައް ޚިޔާރުކުރެއްވުމަށް އެދެފި

މުޙައްމަދު ޝިފާއު

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދިރާގުގެ ޚިދުމަތްތައް ހޯދުމުގައާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކޮށްފިއެވެ.

ދިރާގުން މިއަދު ނެރުނު ނޫސްް ބަޔާނެއްގައި ބުނެފައި ވަނީ އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލައިލައި، ބިލް ދައްކާ، އަދި ދިރާގުގެ އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް "މައިއެކައުންޓް" ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ. އަދި ހަމައެހެންމެ ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދައްކާލާ، އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ޕްރީޕެއިޑް ނަންބަރުތައް ޓޮޕް-އަޕްކުރުން ފަދަ ގިނަ ކަންތައްތައް ދިރާގު މޮބައިލް އެޕުން ކުރެވޭނެ ކަމަށް ވެސް ދިރާގުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ދިރާގުގެ "މައިއެކައުންޓް" ޚިދުމަތަށް މިހާތަނަށް ރެޖިސްޓަރ ކޮށްފައި ނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށާއި، އަދި އެހެނިހެން ކަސްޓަމަރ ކެއަރގެ ބޭނުންތަކަށް ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން މިއަދު ނެރުނު ނޫސްބަޔާނުގައި ގޮވައިލައިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރު ވަމުން ދާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުން ވެސް އަމަލު ކުރުމަށް ދިރާގުން އިލްތިމާސް ކުރާ ކަމަށާއި، ދިރާގުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބެން ޖެހުނަސް ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!