ކޮވިޑް-19:"އިންޑިއާ ވޭރިއަންޓް" ބޭނުންކޮށްފައިވާ ޕޯސްޓްތައް ރިމޫވް ކުރަން އިންޑިއާއިން އަމުރުކޮށްފި
ކޮވިޑް-19ގެ "އިންޑިއާ ވޭރިއަންޓް" ކަމަށް ރިޕޯޓްކޮށްފައި ހުރި ހުރިހާ ޕޯސްޓެއް ފޭސްބުކް، ޓްވިޓަރ އަދި އިތުރު އެނޫން ވެސް މީސްމީޑިއާގެ މަންސަތަކުން ނެގުމަށް އިންޑިއާއިން އަމަރުކޮށްފިއެވެ.
އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) މިނިސްޓްރީން މީސްމީޑިއާ މަންސަތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ކޮވިޑް-19 އިންޑިއާގެ ވޭރިއަންޓެއް ނޯންނަ ކަމަށާއި އެއީ ދޮގު މަޢުލޫމާތެއް ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މި ވޭރިއަންޓަށް ދީފައިވާ ނަމަކީ B.1.617 ކަމަށާއި އެ ވޭރިއަންޓްގެ ޚަބަރާއި ޕޯސްޓްތައް ކުރާނަމަ އެގޮތަށް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އިންޑިއާ ވޭރިއަންޓޭ ބުނެ ކުރާ ޕޯސްޓްތައް ޑިލީޓް ކުރަން ފޭސްބުކް، ޓްވިޓަރ ފަދަ މީސްމީޑިއާ ކުރެން އެ ސިޓީގައި އެދިފައި ވެއެވެ. އެސިޓީ އާއްމުންނަށް ސިއްރު ކުރި ނަމަވެސް، އިންޑިއާގެ ބައެއް މީޑިއާތަކަށް އެސިޓީގެ ކޮޕީއެއް ވަނީ ލިބިފައެވެ.
ކޮވިޑް-19 ކޭސްތަކުގެ ވޭރިއަންޓްތައް މީގެ ކުރިން ވެސް އެ ވޭރިއަންޓެއް އުފެދުނު ޤައުމަކާ ގުޅުވާ ނަން ކިޔައެވެ. މިގޮތުން އިނގެރޭސިވިލާތުގެ ޔޫކޭ ވޭރިއަންޓަށާއި ބްރެޒިލްއިން ފެނުނު ވޭރިއަންޓަށް ވެސް އާއްމުކޮށް ކިޔަމުން އަންނަނީ އެޤައުމުގެ ނަން ކުރިޔަށް ލައިގެންނެވެ.
އިންޑިއާގެ އައިޓީ މިނިސްޓްރީން މިގޮތަށް އަންގައިފައި މިވަނީ އިންޑިއާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވުމުން ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އިންޑިއާގެ ސަރުކާރަށް ކޮވިޑް-19 ކޮންޓްރޯލް ނުކެރުވުނު ކަމަށް ބުނާ ޕޯސްޓްތައް ވެސް އެ ގައުމުގެ އެދުމުގެ މަތީން ، މީގެ ކުރީން ވެސް ޑިލީޓްކޮށްފައި ވެއެވެ. އަދި ސަރުކާރަށް ފާޑު ކިޔާ އެކައުންޓްތައް ވެސް ޑިލީޓް ކުރަމުން އެބަދެއެވެ. އިންޑިއާއަކީ ބިޔަ އާބާދީއެއް އޮންނަ ޤައުމަކަށް ވާތީ އެގައުމުގެ ބަސްތަކަށް އަބަދުވެސް ޕޭސްބުކް އަދި ޓްވިޓަރއިން ދަނީ އަމަލު ކުރަމުންނެވެ. ސަބަބަކަށް ބެލެވިފައި ވަނީ އިންޑިއާގައި މި ސައިޓްތައް ބްލޮކް ކޮށްފާނެތީއެވެ.
މާރިޗް މަހުން ފެށިގެން އިންޑިއާގައި "އިންޑިއާ ވޭރިއަންޓް" ފެތުރެން ފެށިފަހުން އެޤައުމުގެ ކޮވިޑް ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ގިނަ ބަޔަކަށް ފަރުވާ ނުދެވި ހޮސްޕިޓަލުގެ ބޭރުގައި ވެސް މަރުވެފައިވާއިރު، އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވަނީ ބޭރުގެ އެހީތެރިކަމަށްވެސް އެދިފައެވެ. މަޑުމަޑުން އިންޑިއާގެ ކޮވިޑް-19 ހާލަތު މިހާރުދަނީ ރަނގަޅުވަމުންނެވެ.
އެޑިޓަރުގެ ނޯޓް: މި ޚަބަރުގެ ލެޓިން ސުރުޚީގައި އިނގެރޭސި ބަހުން އިންޑިއާ ވޭރިއަންޓް ނުޖެހީ ކުރިން ކުރި ޕޯސްޓް ފޭސްބުކްއިން ޑިލީޓްކޮށްލުމާ ގުޅިގެންނެވެ.