ނަމުން ފުރަބަންދެއް ނޫން، އެކަމަކު ކަމުން ފުރަބަންދު!
ވެރިރަށް މާލެ އެންމެ ފުރަތަމަ ފަހަރަށް ފުރަބަންދުގެ ހާލަތަކަށް ގެނެވުނީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ގިނަ ރައްޔިތުން ތިބީ ފުރަބަންދަކަށް ތައްޔާރުވެގެންނެއް ނޫނެވެ. އެފަދަ ހާލަތަކަށް ދިއުމުން ދެން ކަން ކުރަން ޖެހޭ ގޮތެއް ވެސް ނޭނގި ހާސްވެ ކަންބޮޑުވެފައެވެ. އެހެންކަމުން ފުރަބަންދު ކުރާކަން އިއުލާން ކުރުމުން ފިހާރަތައް ތޮއްޖެހި ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަތުމަށް މީހުން އަވަސްވެގަތެވެ.
އެ ދުވަސް މާޒީވެ ހިނގައްޖެއެވެ. އޭގެ ފަހުން ކޮވިޑްގެ ހާލަތު ކޮންމެވެސް ވަރަަކަށް ރަނގަޅުވެ ފިޔަވަޅުތަކަށް ލުއިތަކެއް ވެސް ދިނެވެ. ބޭރުގެ އެހީގައި ރާއްޖެއަށް ވެކްސިން ލިބި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ވެސް މީހުން ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ވެކްސިން ޖަހައިދޭ ގަޑީގެ މާކުރިން ކިއޫގައި ޖެހިގެން ތިބެ އެތައް ބަޔަކު ވެކްސިން ޖެހިއެވެ.
އާބާދީގެ ބޮޑުބައެއް ވެކްސިން ޖެހިކަމުގެ ވާހަކަ ސަރުކާރުން އިއުލާން ކުރި އިރު ދިވެހީން ތިބީ އުފަލުން ފޮޅިފައެވެ. ކުރިމަތިން ކޮވިޑްގެ އިތުރު ރާޅެއް މި ކުޑަކުޑަ ގައުމަށް ބިންދާލާނެ ކަަމަށް ވިސްނިފައި ވެސް ނެތުމުންނެވެ. އެފަދަ ހިލަމެއް ވެސް ނުވުމުންނެވެ.
ހާލަތު ގޯސްވީ ނުވެސް އެނގި ތިއްބާއެވެ. ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާހުން މައްޗަށް ދިޔައީއެވެ. ދެ ހާހުން މައްޗަށް ވެސް އެއް ދުވަހެއްގައި ކޭސްތަކުގެ އަދަދުތައް ގޮސްފިއެވެ. މި ހިސާބަށް ކަންތައް ދިއުމުން ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. އެންމެ ފުރަތަމަ ކާފިއު އިޢުލާން ކުރީ ރޭގަނޑު 9އިން ފަތިހު 4 އަކަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހަވީރު 4 އިން ފަތިހު 4އަށް ކާފިއު ވަގުތު ބަދަލު ކުރިއެވެ. މިހާރު ވެސް އޮތީ އެ އުސޫލުތަކެވެ.
އަންގާރަ ދުވަހު މާލެ ފުރަބަންދަކަށް ދާން އުޅޭކަމަށް ބައެއް މީޑިއާތަކުން މީގެ ދެތިން ދުވަހެއް ކުރިން ރިޕޯޓް ކުރިއެވެ. ނަމަވެސް އެ ރިޕޯޓްތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކްގެ ފަރާތުން ލިބުނީ "ރަސްގެ"އެކެވެ. އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި މާލެ ފުރަބަންދު ކުރަން މަޝްވަރާ ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެެވެ.
މިގޮތަށް މިކަން ވެފައި އޮއްވާ މިއަދު އިތުރު ފިޔަވަޅުތަކެއް އިޢުލާން ކޮށްފިއެވެ. ގައިމު ވެސް "ފުރަބަންދެއް" އިޢުލާނެއް ނުކުރެއެވެ. އެހެން ނަމަވެސް މާލެ މުޅީން ބަންދު ކޮށްފިއެވެ. ފިޔަވަޅުތަކަށް ބަލާއިރު މިއީ ހަމަ ފުރަބަންދުގެ ހާލަތުގައި ވެސް އަޅާ ފިޔަވަޅުތަކެވެ.
މިއަަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގައި 16 ގަޑިއިރަށް ކާފިއު ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ހެނދުނު 8އަށް އެއީ ކާފިއު ވަގުތު ކަމުގައި ވަނީ ކަނޑައަޅައިފައެވެ. އަދި ބާކީ ކާފިއު އިޢުލާން ނުކޮށް އޮންނަ ވަގުތުގައި ވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ރެސިޑެންޝަލް ޕާމިޓެއް ހިފައިގެން ކަމުގައި ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ކާފިއު އިއުލާން ނުކޮށް އޮތް 8 ގަޑިއިރު ވެސް ވަނީ ދެ ދަންފަޅިއަކަށް ބަހައިލާފައެވެ. އެ ދެ ދަންފަޅީގައި ވެސް ކޮންމެ ގޭބީސީއަކަށް ދެވޭނީ 2 ޕާމިޓެވެ. މަބްރޫކް ވިދާޅުވީ ޕާމިޓް ދޫކުރާނީ ހެނދުނު 8:00އިން މެންދުރު 12:00އަށް އަދި މެންދުރު 12:00އިން ހަވީރު 16:00 ކަމަށެވެ.
މިވަރަކުން އަދި ނިމުނީއެއް ނޫނެވެ، ކޮންމެ ގޭބީސީއަކަަށް ދެ ޕާމިޓު ދޫކުރަން ނިންމާފައިވާއިރު މާލޭ ސަރަހައްދު ދެ ޒޯނަކަށް ވަނީ ބަހައިލައިފައެވެ.އެގޮތުން އެއް ޒޯނަކީ ހުޅުމާލެ، އަދި އަނެއް ޒޯނަކީ މާލެ، ވިލިގިނލި ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން ހުއްދަ ނަގާ ޒޯނުން ބޭރުގައި އެ ޕާމިޓުގައި ނޫޅެވޭނެކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން ކާފިއު ނޫން ވަގުތުތަކުގައި ވެސް ހުޅުމާލެއިން މާލެއަށް އައުން ނުވަތަ މާލެއިން ހުޅުމާލެއަށް ދިއުން ވެސް މަނާ ވާނެއެވެ،
މިއަދު ހަރުކަށި ކުރި ފިޔަވަޅުތަކުގެ ތެރޭގައި ޑެލިވަރީ ކުރެވޭ ވަގުތުތަކަށް ވެސް ވަނީ ބަަދަލު ގެނެސްފައެވެ. މީގެ ފަހުން ޑެލިވަރީ ކުރެވޭނީ ހެނދުނު ހަޔަކުން މެންދަމު ބާރައަށެވެ. އަދި ކާފިއު ވަގުތުގައި ފިހާރައަކަށް ނުވަތަ ރެސްޓޯރެންޓަކަށް ވަދެ ޚިދުމަތް ހޯދައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
"މިހާރު އެޅިފައި މިހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއުގެ ގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާނަމަ، ނުވަތަ ކެފޭ ރެސްޓޯރަންޓް ތަކުން ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ" މަބްރޫކް ވިދާޅުވިއެވެ.
މި ހުރިހާ ފިޔަވަޅުތަކާއެކު ވެސް މިއީ ފުރަބަންދެއް ނޫނެވެ. ފުރަބަންދަކަށް ނުވަނީ އެހެން ނުކިޔާތީއެވެ. ނަމުން މިއީ ފުރަބަންދެއް ނޫނެވެ. ނަމަވެސް ގައިމު ވެސް ކަމުން ފުރަބަންދެކެވެ.