ރިޕޯޓް

“މާމައަކަށް ހިއެއް ނުވޭ ދެން ގިނަ ދުވަސްތަކެއް އޮތް ހެނެއް”

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މި ދުނިޔެ ދޫކުރެއެވެ. އޭގެ ތެރޭގައި ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. އެއިން ކޮންމެ މީހަކީ ވެސް ކޮންމެވެސް މީހެއްގެ މަންމައެކެވެ. ކޮންމެވެސް މީހެއްގެ މާމައެކެވެ. ކޮވިޑް ބަލީގައި އެތައް ކަަމެއް ތަހައްމަލު ކުރުމަށް ފަހު އެފަދަ މީހުން ދުނިޔެއާ އަލްވަދާޢު ކިޔަނީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލާނެ ވަގުތު ކޮޅެއް ވެސް ނުލިބިއެވެ. އާއިލާއަށް ފެންނަނީ މަންމަގެ ނުވަތަ މާމަގެ ފުރާނަ ނެތް މަސްގަނޑެވެ. ހިތާމައިގެ އިންތިހާއެވެ.

Ads by Hajj Corporation

އާއިޝަތު މާޔާ (އަސްލު ނަމެއް ނޫން) އަކީ ކޮވިޑްގެ ހާލަތުގައި މަގަތު ސަފުގައި ވޮލެންޓަރީ މަސައްކަތް ކުރަމުންދިޔަ އުމުރުން 20 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ވެކްސިން ސެންޓަރުތަކުގައެވެ. ދިވެހި ގައުމުގެ ސަލާމަތަށް ޓަކައެވެ. ކޮވިޑުން ގައުމުގެ ރައްޔިތުން ރައްކާތެރި ކުރުމަށް ވެކްސިން ޖަހައިދިނުމުގެ އަމަލީ މަސައްކަތުގައެވެ.

އެއީ ވެސް އާދައިގެ މަތިން މަސައްކަތުގައި ނުހަނު ބުރަކޮށް މާޔާ އުޅުނު ދުވަހެކެވެ. އެހެން އުޅެނިކޮށް އޭނާގެ ހިތް ނުތަނަވަސްވާން ފެށީ އޭނާގެ މަންމަ އޭނާ ގާތުގައި ބުނި ވާހަކައެއް ހަނދާންވުމުންނެވެ. އޭނާގެ މަންމަ ފަރާތު މާމަ ބަލިވެ އުޅޭ ވާހަކަ މަންމަ ބުނިކަން ހަނދާންވުމުން އެކި ކަހަލައިގެ ނައްސި ޚިޔާލުތަކުން އެ ހިތަށް ދިޔައީ އުނދަގޫ ވަމުންނެވެ.

މާމައާ އެންމެ ފަހުން ބައްދަލުވި ދުވަހު ދިން ނަސޭހަތް، އަދިވެސް ކަންފަތުގައި ހަރުލައިފައި

އެދުވަހުގެ މަސައްކަތުގެ ބުރަކަމާ އެކު އޭނާގެ ހިތަށް ނުތަނަވަސްވަމުން ދިޔަ ވަރުން އޭނާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. މަސައްކަތުން ހުސް ވަގުތުކޮޅެއް ހޯދައިލައިގެން ރައްޓެއްސަކަށް ގުޅައިގެން އޭނާ ދިޔައީ މާމަ ދެކިލާށެވެ. މާމަގެ ގާތަށް ނުދިއުމަށް މަންމަ ބުނެފައި އޮތީ މާމަ ކޮވިޑަށް ފައްސިކަން ނުވަތަ ފައްސި ނޫންކަން ވެސް އޭރު ނޭނގޭތީއެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާގެ މާމައާ ބައްދަލުކުރުން އޭނާއަށް މާ މުހިންމެވެ. އޭނާގެ ސިކުނޑިން އޭނާގެ ހިތަށް ނުބައި ސިގްނަލްތައް ފޮނުވައިދެނީއެވެ.

މާމަގެ ގާތަށް މާޔާ ދިޔައިރު މާމަ ވަރަށް ބައްޔެވެ. ވަރަށް ހާލު ދެރައެވެ. މާމައަށް ނޭވާ ލެވެނީ ވެސް ވަރަށް ލަސްލަހުން ވަރަށް އުނދަގުލުންނެވެ. ނޭވާ ކުރުވާތީ ވާހަކަ ދެއްކެނީ ވެސް ވަރަށް ހާލުންނެވެ. އެ ހާލުގައި އޮވެ މާމަ ބުނި ވާހަކަތަކުން މާޔާއަށް މާ އުނދަގޫވިއެވެ. އެ ވާހަކަތަކުން އޭނާގެ ހިތް ކަތިލިއެވެ. ހިތުގައިވީ ނުތަނަވަސްކަން މާ ބޮޑުވިއެވެ.

"މާމައަކަށް ހިޔެއް ނުވޭ މާމައަށް މާ ގިނަ ވަގުތު އޮތް ހެނެއް" މާމަގެ އެ ޖުމުލައިން އޭނާގެ ހިތް ތޮރުފަމުން ދިޔައެވެ. މާމަ ގާތުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފަހު އޭނާ ނުކުމެގެން ދިޔައީ އަނެއްކާވެސް ގައުމީ ޚިދުމަތަށެވެ. ފަހަރުގައި ވެސް އެއީ މާމައާ ބައްދަލުވާނޭ އެންމެ ފަހު ފަހަރު ކަމަކަށް މާޔާ ހިޔެއް ނުކުރެއެވެ.

މާޔާގެ މާމަ އާއި ކާފައަކީ ވަރަށް ލޯބިން އުޅުނު ނަމޫނާ ދެމަފިރިންނެވެ. ކާފަގެ އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އެ ދެމަފިރިން ވަކި ނުވެއެވެ. ދެއްކީ ލޯބީގެ ލާމަސީލު މިސާލެކެވެ. މާޔާގެ ކާފަ ނިޔާވީ 2020ވަނަ އަހަރުގެ ފަހު ކޮޅުއެވެ. އެއަށްފަހު މާމަގެ ދިރިއުޅުން ވަރަށް އެކަނިވެރިވެ ބީރައްޓެހިވިއެވެ. އެކަމުގެ ހިތާމައިގައި މާމަ ބަލި ވެސް ވިއެވެ.

މާމަ މާޔާއަށް ދިން އެންމެ ފަހު ނަސޭހަތަކީ ދިރިއުޅުމެއް ފަށައިގެން މާމަ އާއި ކާފަ އުޅުނުހެން ލޯބިން އުޅުމެވެ. ދިރިއުޅުން މައްސަލަތަކުން ނުފުރައި ރީއްޗަށް އުޅުމަށެވެ. އެއީ މާޔާގެ ގާތުގައި މާމަ ބުނި ފަހު ބަހެވެ. މާމަގެ ފަހު ނަސޭހަތެވެ.

މާމަ ނިޔާވީ 3 ދުވަސް ފަހުން، މޫނު ބެލުމުގެ ފުުރުސަތެއް ވެސް ނުލިބުނު

މާޔާ މާމަގެ ގާތުގައި އިނދެލުމަށް ފަހު އެނބުރި ޑިއުޓީއަށް ދިޔައީ ހުޅުމާލެ ވެކްސިން ސެންޓަރަށެެވެ. އެތަނުގައި މަސައްކަތް ކުރުމަށް ފަހު އޭނާ އެނބުރި މާލެ އައި އިރު އޭނާއަށް ލިބުނީ މާ ހިތާމަވެރި ޚަބަރެކެވެ. އޭނާގެ މާމަ ކޮވިޑަށް ފައްސިވެ ހާލު ބޮޑުވި ވާހަކައެވެ. އަދި މާމަ މިހާރު އޮތީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ކަމެވެ.

މާޔާއަށް އެކަން ވީ ގަބޫލުކުރަން ދަތި ކަމަކަށެވެ. މާމައާ ބައްދަލުވެ އެންމެފަހުން ދެކެވުނު ވާހަކަތައް އޭނާއަށް ތަސްވީރު ކުރެވެން ފެށިއެވެ. މާމަގެ ނަސޭހަތްތައް ކަންފަތުގައި ގުގުމަން ފެށިއެވެ. ނުތަނަވަސް ވެފައިވާ އޭނާގެ ހިތަށް ހަންޖަރެއް ހެރުނު ފަދައެވެ. ކަންބޮޑުވެ ބިރުގަންފައިވާ ހާލު އޭނާ މާމައަށް ހެޔޮ ދުއާ ކުރުން މަތީގައި ދެމިހުއްޓެވެ.

މާމަ ނިޔާވީ އޭގެ ތިން ދުވަސް ފަހުންނެވެ. މާމަ އާއި މާޔާ ބައްދަލުވި އެންމެ ފަހު ފަހަރަކީ އެއީއެވެ. މާޔާ ހުރީ މާމަ ނިޔާވި އިރު ކޮވިޑަށް ޓެސްޓު ކޮށްގެންނެވެ. މާމައާއި އޭނާއަކީ ޑައިރެކްޓް ކޮންޓެކްޓުންނަށް ވާތީއެވެ. ނަމަވެސް މާމަ ނިޔާވި އިރު އޭނާއަށް ނަތީޖާއެއް ނުލިބެއެވެ. އެހެންކަމުން މާމަގެ މޫނު ބަލާކަށް އޭނާއަކަށް ނުދެވުނެވެ.

އޭނާއަަށް ކޮވިޑް ނަތީޖާ ލިބުނީ ޓެސްޓު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ. މާމަގެ މޫނު ފަހު ފަހަރަށް ބަލާލުމުގެ ފުރުސަތު ނުލިބުމުން މާޔާއަށް ލިބުނީ އިތުރު މޮޅިވެރިކަމެކެވެ. އެކަމާ ހުރެ އޭނާ ވަރަށް މާޔޫސްވިއެވެ.

މާޔާގެ ނަތީޖާ އައި އިރު އޭނާ ކޮވިޑަށް ފައްސިއެވެ. އެހެން ނަމަވެސް އެކަމާ އޭނާ ދެރައެއް ނުވެއެވެ. އެއީ އޭނާއަށް މާމައާ ފަހު ފަަހަރަށް ބަައްދަލުވެ މާމައާ ވާހަކަ ދައްކާލުމުގެ ނަސީބު ނުލިބުމުންނެވެ. ނަމަވެސް މާމަގެ މޫނު ބަލާލުމުގެ ފުރުސަތު ނުލިބުމުން މާޔާގެ ހިތުގައި އުފެދުނު ޒަޚަމް ދުވަހަކު ވެސް ނުފިލާނެއެވެ.

"ޑައިރެކްޓް ކޮންޓެކްޓް ވިޔަސް ޕޮސިޓިވް ވިޔަސް ވޯޓުލާން ދެވުނު، އެކަމަކު މާމަގެ މޫނު ބަލާލަން ނުދެވުނު" މާމަގެ މޫނު ދެކިލަން ފުރުސަތު ނުލިބުމުން ހިތުގައި އުފެދުނު ޝަކުވާތަކާއި ހިތްދަތިކަން ފާޅުވީ ލޮލުން އޮހޮރިގަތް ކަރުނަތަކުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!