ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19އަށް ފައްސިވެއްޖެ
 
                                                    ނައިބު ރައީސް ފައިސަލް ނަސީމް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ނައިބު ރައީސް ކޮވިޑަށް ފައްސިވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހާރު ހުންނެވީ އެކަހެރިވެ ވަޑައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނައިބް ރައީސް ވަނީ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ދަރުބާރުގޭގައި ޓާސްކުފޯސް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާފައެވެ. އެ ބައްދަލުވުންތަކުގައި ސަރުކާރުގެ ގިނަ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވެކްސިންގެ ދެ ޑޯޒް ވެސް ޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ދާދި ފަހަކުން ކޮވިޑަށް ފައްސިވިއެވެ. ނަމަވެސް އެކަމަނާ މިހާރު ވަނީ ބަލިން ފަސޭހަ ވެފައެވެ.
 
  
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
