ރިޕޯޓް

"އެހައި މަސައްކަތުން ވެސް އަހަރެންގެ ލޯބިލޯބި މަންމަ ސަލާމަތް ކުރެވޭނެ ގޮތެއް ނުވި"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އެއްވެސް ވަކިވުމަކީ ނުވަތަ ވަދާޢަކީ ހިތަށް ފަސޭހަކަން ގެނެސްދޭ ކަމެއް ނޫނެވެ. އެ ވަކިވުމަކީ ވަގުތީ ވަކިވުމެއް ނަމަވެސް ވަކިވުމަކީ އަބަދުވެސް ވޭނެކެވެ. ވީއިރު ތިމާގެ ލޯބިވާ މަންމަ ނޫނީ ބައްޕަ ނިކަމެތި ގޮތެއްގައި ދުނިޔެއިން ވަކިވެދިޔުމަކީ ހިތަށް ކިހާ ފުން އަނިޔާއެއް، ޒަޚަމެއް ދޭނެ ކަމެއް ހެއްޔެވެ؟ އަމުދުން ކޮވިޑްގެ މި ޢާލަމީ ވަބާގައި މަންމަ ނުވަތަ ބައްޕަ ދެކިލުމުގެ ފުރުސަތު ނުލިބި އެތައް ދުވަހެއް ފަހުން އެ ލޯބިވެރީންގެ ފުރާނަ ނެތް މަސްގަނޑާ ބައްދަލުކުރަން ޖެހުމީ ހިތްތައް ކުދިކުދި ކޮށްލާ ކަމެކެވެ. އަމުދުން ވިސާމާ ފަދަ އެމީހުންގެ މައިންބަފައިންނާއި ލޯބިވާ އެންމެން ކޮވިޑުން ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރި މީހުންނަށް ލިބޭނޭ ހިތާމަ ވަޒަންކޮށްލަން ވެސް ނޭނގޭނެއެވެ.

Ads by Sosun Fihaara

ކޮވިޑުން މަންމަ ސަލާމަތްވޭތޯ ނުކުރާކަށް ކަމެއް ނެތް

ވިސާމާއަކީ ޚިދުމަތްތެރި ދަރިއެކެވެ. މައިންބަފައިންދެކެ އިންތިހާއަށް ލޯބިވާ އެމީހުންނަށް އިންތިހާއަށް އަޅައިލުން ދިން ފަޚުރުވެރި އަންހެނެކެވެ. ކޮވިޑް ބަލީގައި އަތްމަތީން މަންމަ ދޫވެ ދިޔަ ނަމަވެސް އޭނާ އުފާ ކުރާ ކަމަކީ މަންމައަށް ރައްކާތެރިކަން ހޯދޭތޯ ކުރެވެން އޮތް ހުރިހައި ކަމެއް ކުރެވުމެވެ.

"އަހަރެންގެ މަންމަ ސަލާމަތް ކުރަން ކުރެވެން އޮތް ހުރިހައި ކަމެއް ކުރިން، މަންމަ ދެކިލަން އަންނަން ބުނުމުން ބޭބެއަށް ވެސް އެކަން މަނާކުރިން ، އެއްބަނޑު އެއްބަފާ މީހުންނަށް ވެސް މަންމައާ ގާތްވާން ފުރުސަތެއް ނުދެން ، އަންނަ މީހުންނަށް ވެސް ސަލާމް ގޮވައިލާފައި ދާން ބުނަނީ ، އެއް އިމާރާތެއްގައި ދިރިއުޅޭ އެންމެ ހަގު ކޮއްކޮއަށް ވެސް މަންމައާ ބައްދަލު ކުރަން ފުރުސަތެއް ނުދެން، އެއަރޕޯޓްގައި އުޅޭ ބޭބެ ވެސް ގެސްޓުންނާ ބައްދަލުވާތީ އޭނައަށް މަންމައާ ބައްދަލު ކުރާކަށް ހުއްދައެއް ނުދެން ، އެވަރުން ވެސް އޭނާ އައިސް މަންމަ ފަޅޯ ކާތީ ފަޅޮލެއް ގެނެސްދީފައި ބާއްވައިފަ ބެލް ޖަހައިލައިފަ ދާނީ" ވިސާމާ ބުންޏެވެ.

މަންމަގެ ރައްކާތެރިކަމަށް ޓަކައި ވިސާމާ ވަނީ އޭނާގެ ހުރިހާ އުފަލެއް ވެސް ޤުރުބާން ކޮށްފައެވެ. އެއްބަނޑު އެއްބަފާ މީހުންގެ ދަރީންގެ އުފަލަށް ކުރަމުން ދިޔަ ކަންކަން ވެސް އޭނާ ހުއްޓުވައިލީ ހަމަ އެންމެ ބޭނުމެއްގައެވެ. މަންމަ ސަލާމަތް ކުރެވޭތޯއެވެ.

"އާންމުކޮށް ރައްޓެހިން ވެސް އަންނާނެ ގެއަށް ، އެކަން ވެސް ހުއްޓުވައިލީ މަންމަގެ ރައްކާތެރިކަމަށް ،  ކުދީން ހަފްތާ ބަންދުތަކުގައި ވެސް އެއްވެސް ތާކަށް ދިޔަކަ ނުދެން ، އެމީހުންގެ ސަބަބުން ވެސް ގެއަށް ވައިރަސް ވަދެދާނެތީ"

މަންމަގެ ރައްކާތެރިކަމަށް ޓަކައި ވިސާމާ ވީ ގުރުބާނީތައް އަދި ނިމުނީކީ ނޫނެވެ. ގެއިން މަސައްކަތް ކުރެވޭ ގޮތަށް ބަދަލުކޮށް މަސައްކަތް ކުރީ ގޭގައި އިނދެއެވެ. މީހުން ގިނަވާ އެއްވެސް ތާކަށް އޭނާ ނުދެއެވެ. އޭނާގެ ވަރަށް ގާތް މީހެއްގެ ދަރިއެއްގެ ވެޑިންއަށް ވެސް ނުދިޔައީ ގެއަށް ވައިރަސް ގެންނަ މީހަކަށް އޭނާ ނުވުމަށެވެ.

މި ހުރިހާ ކަމަކާ އެކުގައި ވެސް ވިސާމާގެ ލޯބިވާ މަންމަ ވަނީ ކޮވިޑް ޖެހި ދުނިޔެ ދޫކޮށްފައެވެ. އެންމެ ފުރިހަމަ ރައްކާތެރިކަމާއި އެހީތެރިކަން ދީގެން ލޯތްބާއި އަޅާލުން ދީގެން އުޅުނު ނަމަވެސް ކޮރޯނާ ވައިރަސް ވަނީ ވިސާމާއާއި އޭނާގެ ލޯބިވާ މަންމަ ދެ ތަން ކުރުވައިފައެވެ.

"އެހައި މަސައްކަތުން ވެސް އަހަރެންގެ ލޯބިލޯބި މަންމަ ސަލާމަތް ކުރެވޭނެ ގޮތެއް ނުވި" ވިސާމާ ބުންޏެވެ.

ވިޝާމާ:މަންމަގާތުގައި ހުއްޓިގެން ، ގާތުގައި އެއްބަނޑު އެއްބަފާ ތިން މީހުންނާއި މާމަ ދަރިއެއް

މަންމަގެ ނިމުން ހުރިހައި ކުދީންގެ ލޯ މަތީގައި 

ވިސާމާއާއި އިތުރު ހަތަރު މީހުންގެ މަންމައަށް ކޮވިޑް ޖެހި ހުޅުމާލޭ ފެސިލިޓީއަށް ގެންދިޔައީ މިމަހުގެ ކުރީކޮޅުއެވެ. މަންމައަށް ވާހަކަ ނުދެއްކޭތީ މަންމައާ އެކު ފެސިލިޓީއަށް ދިޔުމަށް ވިސާމާ އެދުނެވެ. ނަމަވެސް ވިސާމާ ކޮވިޑަށް ނައްސިވުމާ އެކު އެތަނަށް ދާކަށް ހުއްދައެއް ނުލިބުނެވެ. އެހެންވެ އެހީތެރިއެއް ފޮނުވައިފައި ވިސާމާ ޖެހުނީ ގޭގައި މަޑުކުރާށެވެ. އެހެން ނަމަވެސް ވާހަކަ ނުދެއްކުނަސް އެ މަންމަގެ ދުލަށް ފަރިތަ ވިސާމާގެ ނަމުން މަންމަ އަބަދު ގޮވައެވެ.

"ފިރިމީހާގެ ކޮއްކޮ ހުރީ ، އެއްދުވަހު އޭނައާ ފޯނުން ވާހަކަ ދެއްކިއިރު ވެސް އިވެނީ ވިސާމާއޭ ގޮވާ އަޑު ، އެހެން ދުވަހަކު ޑޮކްޓަރު ވެސް ފޯނުން ވާހަކަ ދައްކަމުން ބުނި ވިސާމާހޭ ތިއީ ، ވިސާމާއަށޭ އަބަދު ގޮވަނީ" އޭނާ ކިޔައިދިނެވެ.

އެންމެ ފަހުން އެތައް މަސައްކަތެއް ކޮށްގެން ވިސާމާއަށް ފެސިލިޓީއަށް ދެވޭނެ ގޮތް ވިއެވެ. އެހީތެރިޔަކަށް ވިސާމާ ހަމަޖައްސައި ފެސިލިޓީއަށް މަންމަ ގެންދިޔަތާ ހަތަރުވަނައަށް ވީ ދުވަހު ވިސާމާ އަނެއްކާ ވެސް މަންމަގެ ޚިދުމަތަށް އެނބުރުނެވެ.

ވިސާމާގެ މަންމަ ނިޔާވީ ފެސިލިޓީއަށް ގެންދިޔަތާ 16 ވަނަ ދުވަހުގައެވެ. މި މަހުގެ 24 ވަނަ ދުވަހުއެވެ. މަންމަ އެންމެ ފަހުގެ ނޭވާ ދޫކޮށްލީ ވެސް ވަސީމާ މަންމައާ އެކު ވަނިކޮށެވެ. އެއް އަތުން ފޯން ހިފައިގެން ހުރިހާ ކުދީންނާ ވީޑިއޯ ކޯލް ކޮށްގެން ، އަނެއް އަތުން މަންމަގެ ގައިގައި ބައްދާލައިން އިންދާ ހުރިހާ ކުދީންގެ ކުރިމަތީގައެވެ. ހުރިހާ ކުދީން ވެސް މަންމައަށް ޝަހާދަތް ލައިދީ ނިމުމާއެކުގައެވެ.

"ހުރިހާ ކުދީންނަށް ގުޅައިގެން ، އެއް އަތުން މަންމަގެ ގައިގައި ބައްދާލައިން އިނީ ، ދެން ސިސްޓަރއެއް އައިސް ބުނީ ވީޑިއޯ ޖައްސާލާށޭ އެންމެންނަށް ވެސް ފެންނާނެ ނޫންހޭ ، ދެން ހުރިހާ ކުދީން ވެސް މަންމައަށް ޝަހާދަތްލައިދީ ހުރިހާ ކުދީންގެ ކުރިމަތީގައި މަންމަ އެންމެ ފަހު ނޭވާ ދޫކުރީ" ވިސާމާ ކިޔައިދިނެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ވެސް ވިސާމާ ވަނީ ކެތްތެރިކަމާއި އީމާންތެރިކަން އިސްކޮށްފައެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ކޮންމެ ކަމަކީ ވެސް ﷲތަޢާލާގެ ޙަޟްރަތުން ކުރިމަތިވާ އިމްތިހާނެވެ. އަދި ﷲގެ ކޮންމެ ނިޔާއަކީ ވެސް އެކަމުގެ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާގެ ހިތުގެ އަޑީން ޤަބޫލުކުރެއެވެ.

"އަހަންނަށް އެނގޭ އެއީ ﷲގެ ނިޔާކަން ، އެއްވެސް މީހަކަށް ﷲގެ ނިޔާ ބަދަލެއް ނުކުރެވޭނެ ، އެކަން ގަބޫލު ކުރަން ޖެހޭނީ ، އެއީ މަންމައަށް އެންމެ ރަނގަޅު ގޮތް ، ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ﷲތަޢާލާ" ވިސާމާ ބުންޏެވެ.

ކޮވިޑް ޖެހި ބަލި އެނދުގައި އޮތް މަންމައާ އެންމެ ގާތްކޮށް އުޅުނު މީހަކީ ވިސާމާއެވެ. ގާތުން އެއްތާވުމުގެ ސަބަބުން ވިސާމާއަށް ކޮވިޑް ޖެހުމުގެ ފުރުސަތު އެހާމެ ބޮޑު ނަމަވެސް ވިސާމާއަށް ބަލީގެ އެއްވެސް އިހްސާސެއް ނެތެވެ. އޭނާ ކޮވިޑަށް ނައްސިއެވެ.

"މަންމައަށް ޚިދުމަތް ކޮށްދީގެން ދެރަގޮތެއް ވާނެތަ" ކޮވިޑަށް ފައްސިތޯ އަހައިލުމުން ވިސާމާއަށް ބުނެވުނީ އެ ވަރަށެވެ. އެއާ އެކު އޭނާގެ މަންމަގެ ހަނދާންތައް ވަށާލައި ލޮލުން ކަރުނަ އޮހޮރިގަތެވެ.

Ads by HDC
  1. ޙުސައިން

    ކުރީދުވަހުގައި ފެނުނީ ކޮވިޑް ފެެސިލިޓީގައި މުސްކުޅިއަކު ބަލަހައްޓަން ކަނޑައަޅާފައިވާ ބިދޭސީއަކު މުސްކުޅި ބެއްޔާއަކަށް އަނިޔާކުރިމަންޒަރު. ނަމަވެސް މިފަހަރު މި ފެނުނީ ދިމާ އިދިކޮޅު، ބަލިދާނުގައިއޮތް މަންމަ ގޮވަމުންދިޔަ އޭނާގެ ލޯބިލޯބި ދަރިފުޅަށް އޭނާ ދަސްކޮށްދިން ތަރުބަވީ ތަރުބިއްޔަތު. އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް މައިންބަފައިންނަށް އަޅާލައި އެބައިމީހުންނަށް ރަޙްމުކުރާ މީހުން އެބަތިބިކަން. ޔާﷲ މަރުހޫމާއަށް ރަޙްމަތްލައްވާ ފާފަ ފުއްސަވާ ޖަންނަތުލް ފިރުދައުސް ދެއްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި، ވިސާމާގެ މަސައްކަތުގަ ބަރަކާތްލައްވާ ދިގު އުމުރެއްދެއްވާށި އަދި އަޅަމެންތެރޭގައި މައިންބަފައިންނަށް އިޙްސާންތެރިވާ އަޅުން އިތުރުކުރައްވާށި އާމީން !

  2. ސޮބާ

    މީ މަޖިލިސް މެންބަރަކު އޭނަގެ މޫނުމަތި ރީތި ކުރަން ލިޔެފަވާ ލިޔުމެއް

    • ކިހިނެއްތޯ ތިބޭފުޅާއަށް އެނގެނީ އެއީ މަޖިލިސް މެމްބަރެއްކަން. މައިން ބަފައިންދެކެ ލޯބިވާ ދަރިން އުޅެނީ މަޖިލިސްގަ އެކަނިތޯ

    • ޢާސިފް

      ނޫނޭ. ވިސާމާ އަކީ އަހަރެންގެ އުސްތާޒެއް. ޥަރަށް ރަނގަޅުވާނެ. ޥަރަށް ހެޔޮވާނެ. ޢިސްލާމިކް ޔުނިވާރސިޓީގެ ލެކްޗަރއެއް. ޥަރަށް ކުދިންނަށް ނަސޭހަތްދޭނެ. ކުދިންވެސް ވަރަށް ލޯބިވާނެ . ޢަސްލުވެސް ވަރަށް ހެޔޮލަފާ ރަނގަޅު އުސްތާޒާއެއް އެއީ.

  3. ޭސަރޫ

    ޥިސާ މިސް ޢެއީ ހަމަ ބެސްޓް

  4. ޢައިޝާ

    . ވިސާމާ މިސް އަކީ އަހަރެންގެ އުސްތާޒެއް. ވަރަށް ރަނގަޅުވާނެ. ވަރަށް ހެޔޮވާނެ. އިސްލާމިކް ޔުނިވާރސިޓީގެ ލެކްޗަރއެއް. ވަރަށް ކުދިންނަށް ނަސޭހަތްދޭނެ. ކުދިންވެސް ވަރަށް ލޯބިވާނެ . އަސްލުވެސް ވަރަށް ހެޔޮލަފާ ރަނގަޅު އުސްތާޒާއެއް އެއީ. ވިސާމާ މިސްގެ މަންމަގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން