މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރިޔަސް ބަންގި ގޮވާނެ!

މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދު ކުރި ކަމުގައި ވިޔަސް މިސްކިތްތަކުގައި ބަންގި ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
”ދެން”އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތްތައް ބަންދު ކުރީ އިމާމު މީހާ ފިޔަވައި އެހެން މީހުންނަށް މިސްކިތަށް ނޭރޭ ގޮތަށް ކަމަށެވެ. އެހެންކަމުން ކޮންމެ ނަމާދެއްގެ ވަގުތުގައި ވެސް ބަރާބަރަށް ގަޑިއަށް ބަންގި ގޮވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތައް ވަގުތީ ގޮތުން ބަންދު ކުރީ ރޭ ފަތިސް ނަމާދަށްފަހުގައެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިގޮތަށް ނިންމައިފައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މިފިޔަވަޅު އެޅުމަށް ނިންމައިފައި ވަނީ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިނިންމުން ނިންމައިފައި ވަނީ މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އެންގި އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާޢަތް ހަދަމުންދާތީއެވެ.